12 Mar 2015, 11:11
މިދިޔަ ޑިސެމްބަރު މަހު މާލެއިން ފެންކެނޑުނު ހާދިސާއާ ގުޅިގެން މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން އާންމު އުސޫލަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ދެމުން އައި އުސޫލަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ.
އެހާދިސާއާ ގުޅިގެން ފަހަކަށް އައިސް އެކުންފުނީގެ ކަސްޓަމާ ސާވިސް ފުރޮންޓް އޮފީހުގެ ޚިދުމަތްތައް ވަނީ ހެނދުނު 8:30 އިން ރޭގަނޑު 11:00 އާއި ހަމައަށް ދީފައެވެ.
އެމްޑަބްލިޔުއެސްސީގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެކުންފުނިން ގަބޫލުކުރާގޮތުގައި އެހާދިސާއާ ގުޅުންހުރި މައްސަލަތައް މިހާރު ބޮޑުތަން ހައްލު ކުރެވިފައިވާ ކަމަށެވެ.
"އެގޮތަށް އޭރު ބަދަލު ގެނައީ ބިލްތަކާއި ގުޅޭގޮތުން ކަސްޓަމަރުންގެ އިންކުއަރީސްއަށް ބަލައި ގިނަ މީހުންނަށް ފުރުސަތު ދޭން، އެކަން ވަރަށް ބޮޑަށް ހައްލުކުރެވިއްޖެ މިހާރު،" އޮފިޝަލް ވިދާޅުވިއެވެ.
އެހެންކަމުން އަންނަ އާދިއްތަ ދުވަހުން ފެށިގެން އެ ޚިދުމަތްތައް ކުރިން ޚިދުމަތް ދެމުންދިޔަ އާންމު ގަދިތައް ކަމަށްވާ ހެނދުނު 8:30 އިން ހަވީރު 4:00 އަށް ދިނުމަށް ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.