ގާނޫނީ ވަކީލު އަދި މަޝްހޫރު ލިޔުންތެރިޔާ އަހްމަދު ނަޖީބު މަރާލުމުގެ ކުށުގައި މެރުމަށް ހުކުމް ކޮށްފައިވާ މ. މަސްރޫރާ އަހްމަދު މުއްރަތު އާއި ށ. ގޮއިދޫ ރިހާބު ފާތިމަތު ހަނާ ކައިވެނިކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހުއްދަ ނުދިނުމުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ޝަރީއަތަށް ހުށަހަޅާފައިވާކަން ސިވިލް ކޯޓުގެ އޮފިޝަލަކު ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ.

މުއްރަތާއި ހަނާ މެރުމަށް ކްރިމިނަލް ކޯޓުން 2012 ވަނަ އަހަރު ކުރި ހުކުމް އެ ދެ މީހުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ވަކި ވަކިން އިސްތިއުނާފު ކުރި އެ ދެ މައްސަލައިގެ ތެރެއިން މުއްރަތުގެ މައްޗަށް އިއްވި މަރުގެ ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް އިއްޔެ ވަނީ ނިންމާލާފައެވެ.

ތޫނު އެއްޗަކުން ހަމަލާދީ ނަޖީބު އަވަހާރާކޮށްލި ކަމަށް އިއުތިރާފުވަމުން ކްރިމިނަލް ކޯޓުގައި މުއްރަތު ބުނީ ދެ ހާސް ބާރަ ވަނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ރޭ މަސްރޫރާގެއަށް ނަޖީބު ވަޑައިގަތުމުން އެގޭގައި، އޭނާ އާއި ހަނާ ދިރިއުޅޭ ބައިގައި ހުރި ގޮނޑިއެއް (އޮފީސް ޗެއާ) އެއްގައި ނަޖީބު ބައިންދާ ފޮށި ބަންދުކުރާ ޓޭޕުން ނަޖީބުގެ ދެއަތާއި ދެފައި ބަނދެ، މޫނާއި އަނގަމަތިން ވަށައި ޖެހޭ ގޮތަށް ޓޭޕްއެޅި ކަމަށެވެ. އެކަމުގައި ބައިވެރިވި ކަމަށް ހަނާ ވަނީ އިއުތިރާފުވެފަ އެވެ.

ނަޖީބު އެގޮތަށް ގޮނޑީގައި އިންނެވި އިރު އަޑުގަދަ ކުރައްވާތީ އެކަމާ ހިތްހަމަނުޖެހިގެން ހަތަރު އިންޗި ހުންނަ ވަރުގެ ކަޅު ކުލައިގެ މުއްގަނޑުލީ ވަޅިއަކުން ނަޖީބުގެ ކަރަށް ހަމަލާދީ އޭނާ އަވަހާރަކޮށްލި ކަމަށް މުއްރަތު ވަނީ ބުނެފަ އެވެ.