12 Mar 2015, 10:00
ރައްޔިތުންގެ މަޖިލީހުގައި އެއް މެމްބަރަކު އަނެއް މެމްބަރެއްގެ ގަޔަތް އަތްލާ ހިސާބަށް ގޮސް އެތަނުގައި މާރާމާރީ ހިންގާ އިރު ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ވެސް އެކަންކަން ހުއްޓުވަން ނޫޅުއްވާ ކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ތުހުމަތު ކުރައްވައިފި އެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކަރާމާތާއި އެތަނުގެ ނިޒާމް ގެއްލިގެން ދާއިރު ވެސް މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އެކަންކަން ހުއްޓުވަން ނޫޅުއްވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެއް ކަމަށާއި މިހާރު މަޖިލިސް ތެރޭގައި ހިނގަމުންދާ ކަންތައްތަކަކީ މެމްބަރުންގެ މައްސަލައެއް އޮވެގެންވާ ކަމެއް ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ރައްޔިތުންގެ މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެއް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައި އެބައަތް. ހަގީގަތުގައި މަޖިލިސް ރައީސްގެ ވެސް ބާރެއް ނެތް. އަޅުގަނޑުމެން އެކަން ގަބޫލު ކުރަންޖެހޭނެ. މަތިން އޯޑަރު އަންނަނީ މަޖިލިސް ރައީސްއަށް އަންނަނީ މިހެން ހަދާށޭ. މިކަންކަން މިހެން ނުގެންގޮސް މިއަށް ވުރެ ރީއްޗަށް މި މަސައްކަތް ކުރުމުގެ ފުރުސަތު އެބައޮތް،" އާޒިމް ވިދާޅުވި އެވެ.
މަޝްވަރާގެ އުސޫލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވީ މަޝްވަރާގެ އުސޫލެއް ނެތް ކަމަށް އިދިކޮޅު ފަރާތްތަކަށް ނުބުނެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހުގައި ޖެހޭ މައްސަލަތަކާއި މަޝްވަރާ ކުރުމަށް އޮންނަ ގޮތްތައް މަޖިލީހުގެ ގަވާއިދުގައި ވަރަށް ސަރީހަކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
"ކޮންކަމަކާތޯ މަޝްވަރާ ނުކުރެވިގެން ތިޔަ އުޅުއްވަނީ. ކޮން ކަމަކާ މަޝްވަރާ ނުކުރެވިގެންތޯ ރިއާސަތާ މައްސަލަޖެހެނީ. މަޝްވަރާ ކުރާނެ ގޮތް އެއޮތީ މަޖިލީހުގެ ގަވާއިދުގައި ވަރަށް ސަރީހަކޮށް ބަޔާންކޮށްފައި. މަޝްވަރާ ކުރުމަށް އަންނަން ޖެހޭނީ ލައުޑު ސްޕީކަރު ހިފައިގެނެއް ނޫން. އަދުލު އިންސާފު ކުރުމުގެ ބާރުން ކުރާ ކަމަކާ މާތްކަލޯކޮށްޓަކާ މިކަން ނުކުރާށޭ ނުކުރާށޭ ބުނެ ގާނޫނު އަސާސީގައި އެބަބުނޭ ދެއްތޯ. އަމިއްލަ އަތުން ހަދާ ގާނޫނުތައް އަމިއްލަ އަތުން ފުނޑާލަން މަސައްކަތް ކޮށްފައި ގާނޫނު އަސާސީ ހިމާޔަތް ކުރަންށޭ ކިއާފައި މިއުޅެނީ. މިއީތޯ ގާނޫނު ހަދާ މަޖިލީހުގައި މަޝްވަރާ ކުރުމަކީ،" ވައްޑެ ވިދާޅުވި އެވެ.
ރޭގެ ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ވިދާޅުވީ މަޖިލީހުގައި މިއަދު ކަންތައްތައް ހިނގަމުންދާ ގޮތުން ރައްޔިތުންގެ ފާޑު ކިއުންތައް އަމާޒުވަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގައި ހިނގާ ކަންތައްތަކާ ގުޅޭ ގޮތުން އެކަންތައްތައް ހަމަ މަގަށް އެޅުވުމަށް މަޖިލީހުގެ ރައީސަށް އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ ކަންކަން އަމާންކޮށް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ޒިންމާއެއް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމާ އެކު އެމްޑީޕީގެ މެމްބަރުން އަންނަނީ އަޑުކޮށޮ އިހުތިޖާޖު ކުރަމުން ނެވެ. އެކަމުގެ ސަބަބުން ބައެއް ފަހަރު މަޖިލިސް ތެރެ ހޫނުވެ އެއް މެމްބަރަކު އަނެއް މެމްބަރެއްގެ ގަޔަށް އަތްލާ މާރާމާރީ ހިންގާ ހިސާބަށް ވެސް ބައެއް ފަހަރު ދެ އެވެ.
މަޖިލީހުގެ ރައީސް އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ނުކުރައްވާ ކަމަށް ކުރާ ތުހުމަތާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. މަޖިލީހުގެ އަމީން އާންމު ވިދާޅުވީ އެ މައްސަލައާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވުމަށް ބޭނުންފުޅު ނުވާ ކަމަށެވެ.