17 Feb 2011, 22:18
އިމާރާތް ކުރަމުގެ މަސައްކަތް ހިނގަމުންދާ ގިނަ ސަރަހައްދުތަކުގައި މަދިރި އުފެދޭ ތަންތަން ހުރި ކަމަށް ސެންޓާ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީސް ކޮންޓްރޯލް(ސީސީއެޗްޑީސީ) އިން ބުނެފި އެވެ.
މާލޭގައި މަދިރި ގިނަވެ، ޑެންގީހުން ފެތުރެމުންދާތީވެ، ސިފައިންނާއި ސީސީއެޗްޑީސީ އިން އިއްޔެ އިން ފެށިގެން މަދިރި މަދުކުރުމަށް އަންނަނީ ޕްރޮގްރާމެއް ހިންގަމުންނެވެ. އެގޮތުން މަދިރި އާލާވާ ގޮތަށް ހުރި 773 ތަނެއް ފާހަގަކޮށް 652 ތަނެއްގައި ހުރި މަދިރި ފަނި ފާހަގަކޮށް ބޭސް އަޅާފައިވާ ކަމަށް އެ ފަރާތްތަކުން ބުންޏެވެ. އަދި އެސެންޓަރުގެ ޓީމުތައް ޒިޔާރަތް ކުރި ސަރަހައްދުތަކުގެ ތެރޭގައި ގިނަ އަދަދަކަށް އިމާރާތް ކުރަމުގެ މަސައްކަތް ހިނގަމުންދާ ސަރަހައްދުތަކުގައި މަދިރި އުފެދޭ ތަންތަން ގިނަ ކަން ފާހަގަ ކުރެވޭ ކަމަށް ސީސީއެޗްޑީސީން ބުންޏެވެ.
މަދިރި މަދުރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން މާލޭގެ އިތުރުން ހުޅުމާލެ އަދި ވިލިނގިއްޔަށް ގޮސް މަސައްކަތްކޮށްފައިވާ ކަމަށް ސީސީއެޗްޑީސީން ބުންޏެވެ.
އޭގެ އިތުރުން މާދަމާ ހެނދުނު 5:30 ން 7:30 އާއި ދެމެދު މުޅި މާލެ ފޮގް ކުރާނެ ކަމަށް ވެސް އެސެންޓަރުން ބުންޏެވެ.
ފޮގް ސްޕްރޭ ކުރުމުން މަދިރި މަދުވި ނަމަވެސް، އެއީ އެކަމަށް އޮތް ދާއިމީ ހައްލު ނޫން ކަމަށް ސީސީއެޗްޑީސީން ބުނެ އެވެ. އަދި އެކަމުގައި ހުރިހާ ފަރާތްތަކަކުން ވެސް ބައިވެރިވުމަށް އެ ސެންޓަރުން އެދެ އެވެ.
މިހަފްތާ ތެރޭ ސީސީއެޗުޑީސީން ވަނީ ޑެންގީ ހުން، ރާއްޖޭގައި ފެތުރެމުންދާ މިންވަރު ކަންބޮޑުވާ ދަރަޖައަކަށް އިތުރު ވެފައިވާ ކަމަށް ބުނެ އިންޒާރުކޮށްފަ އެވެ. ޑެންގީ ހުން ޖެހިގެން މިހާތަނަށް ދެ ކުޑަ ކުއްޖަކާއި މީހަކު ވަނީ މަރުވެފަ އެވެ.