ރައްޔިތުންނަށާއި މުޖުތަމައުއަށް ހިދުމަތް ކޮށްދޭކަން ދެއްކުމަށް ޓަކައި ޖޯޖިއާގެ ޓައުނެއްގެ ކައުންސިލަރަކު ރައްޔިތުންނަށް ހިލޭ ޓެކްސީ ކޮށްދޭން ފަށައިފި އެވެ.

ޖޯޖިއާގެ އިރުމަތީގައި އޮންނަ ގުރްޖާނީ ނަމަކަށް ކިޔާ ޓައުނެއްގެ ކައުންސިލްގައި ހިމެނޭ ޒުރާބް ސެޕިއަޝްވިލީ މިހާރު އަންނަނީ އޭނާގެ އަމިއްލަ ކާރު، ޓެކްސީއަކަށް ބަދަލުކޮށްގެން ރައްޔިތުން އެއްތަނުން އަނެއް ތަނަށް ހިލޭ އުފުލައިދިނުމުގެ ހިދުމަތް ދެމުންނެވެ. އެގޮތުން، ކޮންމެ އާދީއްތަ ދުވަހަކު ހަތަރު ގަޑިއިރު ވަންދެން އޭނާ އެ ހިދުމަތް ފޯރުކޮށްދެ އެވެ.

"އަހަރެން ބޭނުން ވަނީ ރައްޔިތުންނަށް އަހަރެންނަކީ އެމީހުންގެ ހާދިމެއްކަން ދައްކަން. އަދި ބައެއް ސިޔާސީ ބޭފުޅުން އުޅެނީ އެމީހުންނަކީ ވެރިކަން ދައްކައިގެން،" ގުރުޖާނީގެ ލޯކަލް ޓީވީ ޗެނަލްއަށް ކައުންސިލަރު ވިދާޅުވި އެވެ.

ސެޕިއަޝްވިލީ ވިދާޅުވީ، އޭނާގެ ކާރުގައި އެގައުމުގެ ކޮންމެ ތަނަކަށް ވެސް ހިލޭ ދަތުރުކޮށްދޭނެ ކަމަށެވެ. އަދި އޭނާއަކީ ވަކި ޕާޓީއެއްގެ ކައުންސިލް މެންބަރަކަށް ވީނަމަވެސް، ޓެކްސީ އަކީ ޕޮލިޓިކްސް ފްރީ ޒޯނެއް ކަމަށާއި ހުރިހާ ސިޔާސީ ޕާޓީއެއްގެ މެންބަރުންނަށް ވެސް ދަތުރަކަށް އެދުމުން މަރުހަބާ ކިޔާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސެޕިއަޝްވިލީ އެ ހިދުމަތުގެ ހަބަރު އެގައުމުގެ ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ އިރު، އެ ހިޔާލާ އެކު އެގައުމުގެ އެހެން ސިޔާސީ ވެރިއެއް ވެސް ވަނީ ހިލޭ ޓެކްސީ ކޮށްދޭން ފަށާނެ ކަމަށް ހާމަކޮށްފަ އެވެ.