12 Mar 2015, 09:55
ޔޫއެފާ ޗެންޕިއަންސް ލީގް ގަދަ 16ގެ ދެވަނަ ލެގުގައި ރޭ ކުޅުނު މެޗުގެ ބޮޑުބައި 10 ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ ޕެރިސް ސެއިންޓް ޖަރމައިން (ޕީއެސްޖީ) ފަހަތުން އަރާ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ފަހު، އެ މުބާރާތުން ޗެލްސީ ކަޓުވާލައިފި އެވެ.
މުބާރާތުގެ ފުރަތަމަ ލެގުގެ މެޗުގައި އެ ދެ ޓީމް ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެފަ އެވެ. އަދި ރޭގެ މެޗުވެސް 2-2 ގެ ނަތީޖާއަކުން އެއްވަރުވި އިރު، ޕީއެސްޖީ މުބާރާތުގެ ކުއާޓާއަށް ދަތުރުކޮށްފައި ވަނީ އަވޭ ގޯލު ޗެލްސީ އަށްވުރެ ގިނަ ވުމުންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ކޮޅު ދެ ޓީމްގެ ފަރާތުން ވެސް ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ، 31 ވަނަ މިނެޓުގައި ޕީއެސްޖީގެ ފޯވާޑް އިބްރަހިމޮވިކް ޗެލްސީގެ މިޑްފީޑަރު އޮސްކާ އަށް ކުރި ފައުލަކާ ގުޅިގެން، ސީދާ ރަތް ކާޑެއް ދައްކާ އިބްރަހިމޮވިކް ދަނޑުން ފޮނުވާލުމުންނެވެ.
އަދަދުގެ ގޮތުން ޕީއެސްޖީ ޑިސްއެޑްވާންޓޭޖަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އެ ޓީމް ވަނީ މެޗުގެ ފުރަތަމަ ހާފްގައި ޗެލްސީއަށް ލަނޑެއް ކާމިޔާބު ކުރިޔަނުދީ ހިފައްޓާލާފަ އެވެ. އަދި މެޗުގެ ދެވަނަ ހާފްގައި ވެސް ޕީއެސްޖީން ޗެލްސީ ހިފައްޓާލަމުން ދިޔަ އިރު، އެ ހާފްގައި ރަނގަޅު ހަމަލާތަކެއް ވެސް އުފައްދަމުން ދިޔަ ޕީއެސްޖީގެ ކަވާނީ، 58 ވަނަ މިނެޓުގައި ފޮނުވާލި ބާރު ޝޮޓު އަމާޒުވީ ޗެލްސީގެ ގޯލް ދަނޑިއަށެވެ.
ޗެލްސީއަށް މެޗުގެ ލީޑު ނެގޭ ވަރުވީ 81 ވަނަ މިނެޓުގައި އެ ޓީމްގެ ގޭރީ ކަހިލް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ނަމަވެސް ޕީއެސްޖީގެ ޑޭވިޑް ލުއިޒް ކާމިޔާބު ކޮށްދިން ލަނޑާ އެކު، ޕީއެސްޖީ ވަނީ ޗެލްސީ ލީޑު ނެގިތާ ފަސް މިނެޓުތެރޭ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އެއްވަރުވެފައި ވުމުން، އިތުރު ވަގުތުގެ ގޮތުގައި ކުޅުނު 15 މިނެޓުގެ ދެ ހާފްގެ ފުރަތަމަ ހާފްގައި ޗެލްސީ ވަނީ އަނެއްކާ ވެސް މެޗުގެ ލީޑު ހޯދާފަ އެވެ. އެ ހާފް ފެށިތާ ހަ މިނެޓުތެރޭ ޗެލްސީގެ ދެ ވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އެޑެން ހަޒާޑް އެވެ.
މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ޕީއެސްޖީއަށް ހަމަހަމަ ކޮށްދިނީ އިތުރު ވަގުތުގެ ދެވަނަ ހާފް ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް، އެ ޓީމްގެ ޑިފެންޑަރު ތިއާގޯ ސިލްވާ ކާމިޔާބުކުރި ލަނޑުންނެވެ. އެ ލަނޑާއެކު އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ ޗެލްސީއަށް ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގޭގޮތް ނުވެފަ އެވެ.