12 Mar 2015, 09:35
މި ސަރުކާރުން މިއަދާ ހަމައަށް ވެސް ގާނޫނުތަކާއި ގާނޫނު އަސާސީއާ ހިލާފު އެއްވެސް އަމަލެއް ނުހިންގާ ކަމަށާއި އެކަމަށް "ޗެލެންޖު" ކުރާ ކަމަށް ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން މައުރޫފު ވިދާޅުވީ ގާނޫނުތަކާއި ގާނޫނު އަސާސީއާ މިސަރުކާރުން ހިލާފުވެފައިވާ އެއްވެސް ކަމެއް އިދިކޮޅު ފަރާތްތަކަށް ދެއްކިފައި ނުވާ ކަމަށެވެ. މައުރޫފު ވިދާޅުވީ ގާނޫނީ ހުވާ ކޮށްގެން ތިއްބެވީ ހަމައެކަނި އެމްޑީޕީ އިން ނުވަތަ ހަމައެކަނި އިދިކޮޅު ފަރާތްތަކުން ނޫން ކަމަށާއި ޕީޕީއެމް އަދި އެމްޑީއޭގެ މެމްބަރުން ވެސް ތިއްބެވީ ގާނޫނީ ހުވައެއް ކުރައްވައިގެން ކަމަށެވެ.
"އަޅުގަނޑުމެން ވެސް މިތިބީ ގާނޫނީ ހުވައެއްކޮށްގެން. ގާނޫނުތަކާއި ގާނޫނު އަސާސީއާ ހިލާފަށް ކަމެއް ކުރާ ކަމަށް ވަންޏާ އަޅުގަނޑުމެން ތެދުވާނަން. ޗެލެންޖު ކޮށްފައި މި ބުނަނީ މި ސަރުކާރަކުން ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރައޭ. ކޮށްފައި ނުވެސް އޮންނާނެ. އެބޭފުޅުންނަކަށް ނުދެއްކުނު އެއްވެސް އެއްޗެއް. އެބޭފުޅުން ބުނިހާ ވެސް އެއްޗަކީ ސުޕްރީމް ކޯޓުގެ ބެންޗަށް ގެނައި ބަދަލާއި އޮޑިޓާ ޖެނެރަލްއަށް ގެނައި ބަދަލުތައް. މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުރާ ކަންތައްތައް. މިއީ ގާނޫނީ އިމުގެ ތެރެއިން ކޮށްފައި ހުރި ކަންތައްތައް،" މައުރޫފު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މައުރޫފު ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަހަރުގައި ވެސް މަސައްކަތްތައް ކުރިއަށް ގެންދެވީ ވަރަށް ރޭވުންތެރިކަމާ އެކު މަޝްވަރާގެ ރިވެތި އުސޫލު ބޭނުން ކޮށްގެން ކަމަށެވެ.
"އެހެންނަމަވެސް މިއަދު މަޖިލީހުގައި ހިނގަމުން ދަނީ އެފަދަ އަމަލެއް ނޫން. އެކަން އަޅުގަނޑުމެންނަށް ދޭހަވޭ އެމްޑީޕީގެ ތަންކޮޅެއް އިއްޒަތްތެރި މެމްބަރުން ތަންކޮޅެއް ޝަރަފުވެރި ބޭފުޅުން މިކަމުގައި އިހުތިޖާޖު ކުރާކަށް ނުވަތަ ހަޅޭއްލަވާކަށް ނުތެވޭ. ދުވަސްވީ ބޭފުޅުން ތަޖުރިބާ ހުރި ބޭފުޅުންނަށް އިނގިލައްވާ މިއީ ހަޑި ކަމެއްކަން. އެހެންނަމަވެސް މަޖިލީހަކަށް ކުރެވޭނެ ކަމެއް ނޫނޭ މިއީކީއެއް ވަކި މީހެއް ދޫކޮށްލަން ގޮވުމުން އެބޭފުޅަކު ދޫކޮށްލުމަކީ. އެހެންވީމާ ވަކި ކަމެއް ކުރުމަށް ޓަކައި ވަކި ބަޔަކު ތެދުވުމަކީ އެންމެ ޒިންމާދާރު ގޮތެއް ނޫން. އަޅުގަނޑުމެން މިތިބީ ގާނޫނު ހަދަން ތެދުވެ. އަޅުގަނޑުމެންގެ އެންމެ މުހިއްމު ޒިންމާއަކީ ގާނުނުތައް ހެދުން،" މައުރޫފުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަޝްވަރާގެ މޭޒަށް އަންނަން ބޭނުން ނުވާ ކަމަށެވެ. އަދި ވިދާޅުވީ "އަދުލުގެ" ކުރިމަތީގައި ހުރިހާ އެންމެން ވެސް ވާނީ ހަމަ ހަމަ ކަމަށާއި އެހެންކަމުން ރައްޔިތުންގެ މަޖިލީހަކީ މީހުން ބަންދުން ދޫކުރާ ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.