12 Mar 2015, 09:26
އެޗްޑީސީ އާއި ހުޅުމާލެ ޕޮލިސް ގުޅިގެން އިންތިޒާމްކޮށް ކުރިއަށް ގެންދާ ޔޫތު ސިޓީ ޕޮލިސް ވޮލީބޯލް ޗެލެންޖްގައި، ކުޅުނު ސެމީފައިނަލްގެ ދެ މެޗު ކާމިޔާބުކޮށް، ހުޅުމާލެ ޕާކް ބޯއިސް އާއި ޓީމް އެމްޓީސީސީ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ޕާކް ބޯއިސް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ މިދިޔަ އަންގާރަ ދުވަހު ކުޅުނު މުބާރާތުގެ ފުރަތަމަ ސެމީގައި ގްރޫޕް 'ބީ'ގެ ދެވަނަ ޓީމް، ސްޓެލްކޯ ރެކްރިއޭޝަނާއި ވާދަކޮށް، އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެނެވެ.
މެޗުގެ ސެޓުތައް ޕާއް ބޯއިސް ގެންދިޔައީ 19-25، 17-25 އަދި 19-25 ގެ ނަތީޖާއަކުންނެވެ. އަދި އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕާކް ބޯއިސްގެ އަލީ ޝިމާލް އެވެ. ޕާކް ބޯއިސް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި ވަނީ އަދި މިހާތަނަށް މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ އެވެ.
އިއްޔެ ކުޅުނު މުބާރާތުގެ ދެވަނަ ސެމީފައިނަލް މެޗުގައި ބައްދަލުކުރީ މުބާރާތުގެ ގްރޫޕް 'ބީ'ގެ އެއްވަނަ ޓީމް، ހުޅުމާލެ ޕޮލިހާއި ގްރޫޕް 'އޭ'ގެ ދެވަނަ ޓީމް އެމްޓީސީސީ އެވެ. ޓީމް އެމްޓީސީސީ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ އެ މެޗު 3-1 ސެޓުން ކާމިޔާބު ކޮށްގެނެވެ.
މެޗުގެ ފުރަތަމަ ސެޓު 23-25 ގެ ނަތީޖާއަކުން ގެންދިޔައީ ހުޅުމާލެ ޕޮލިސް އެވެ. އަދި ދެވަނަ ސެޓު ފަސޭހާ ކަމާއެކު 13-25 ގެ ނަތީޖާއަކުން އެމްޓީސީސީ ކާމިޔާބު ކުރިއިރު، ޕޮލިސް ޓީމް ވަނީ ކުޅުން ރަނގަޅުކޮށް، މެޗުގެ ތިންވަނަ ސެޓު 22-25ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފަ އެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ހަތަރު ވަނަ ސެޓު 17-25ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެމްޓީސީސީ އެވެ. ޓީމް އެމްޓީސީސީ ފައިނަލަށް ދަތުރުކުރީ ހަތަރު ސެޓު ކުޅެވުނުއިރު ދެ ޓީމް އެއްވަރުވެފައި ވުމުން، މެޗުގައި ކުޅުނު ޓައި ބްރޭކަރ 13-15 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޓީސީސީގެ ހުޒާމް (ހުޒާންޓޭ) އެވެ.
އެ މުބާރާތުގައި މިއަދު ކުޅެން ހަމަޖެހިފައި ވަނީ ތިންވަނަ ހޮވާ މެޗެވެ. އެ މެޗުގައި ބައްދަލުކުރާނީ ހުޅުމާލެ ޕޮލިހާއި ސްޓެލްކޯ ރެކްރިއޭޝަން އެވެ. އަދި ޕާކް ބޯއިސް އާއި އެމްޓީސީސީ ވާދަކުރާ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މާދަމާ އެވެ.
މިމަހުގެ ހަތަރަކުން 13 އަށް ކުރިއަށް ގެންދިޔަ ޔޫތު ސިޓީ ޕޮލިސް ވޮލީބޯލް ޗެލެންޖްގައި ވަނީ މުޅިއަކު ހަތް ޓީމް ވާދަކޮށްފަ އެވެ.