12 Mar 2015, 09:22
ބްރަސަލްސް (މާޗް 12) : ޔުކްރޭންގެ ދާޚިލީ ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކުގައި ރަޝިޔާ ސިފައިން ޙަރަކާތްތެރިވަމުންދާ ކަމަށް ބުނެ އެތަންތަނުން ރަޝިޔާ ސިފައިން ފޭބުމަށް ނޭޓޯއިން ގޮވާލައިފި އެވެ. ބްރަސަލްސްގައި އިއްޔެ ބޭއްވި ނޫސްކޮންފަރެންސެއްގައި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލްޓެންބާގް ވިދާޅުވީ ޔުކްރޭންގެ އުތުރުގައި ސަރުކާރު ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ ސިފައިން ވަންނަމުންދާ ކަމަށާއި ރަޝިޔާ ސަރުކާރުން މިކަން ހުއްޓުވަން ޖެހޭ ކަމުގަ އެވެ.
ނޭޓޯގެ އަސްކަރީ ކޮމާންޑަރު ޖެނެރަލް ފިލިޕް ބްރެޑްލާވް އާއެކު ބޭއްވި މި ނޫސްކޮންފަރެންސްގައި ސްޓޯލްޓެންބާގް ވިދާޅުވީ ރަޝިޔާގެ ހަތިޔާރުވެސް ޔުކްރޭންގެ އިދިކޮޅު ހަނގުރާމަވެރިންނަށް ލިބޭކަމަށާއި މިކަން ވެސް ރަޝިޔާ އިން ހުއްޓުވަން ޖެހޭކަމުގަ އެވެ. ޔުކްރޭންގެ މައްސަލައިގެ ތެރެއަށް ރަޝިޔާ ވަންނަ ކަމަށް ބުނެ އެމެރިކާއާއި ޔުރަޕްގެ އިއްތިޙާދުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކެއް ވެސް އަޅާފަ އެވެ. ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ގެންދަވަނީ ޔުކްރޭންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ ސިފައިން ވަންނަކަމަށް ހުޅަނގުން ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވަމުންނެވެ. (ރޮއިޓާސް)