12 Mar 2015, 01:18
މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) 13 ވަނަ ދައުރުގެ ހިންގާ ކޮމިޓީގެ ރައީސަކަށް، މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން އެ ޖަމިއްޔާގެ ރައީސްގެ މަގާމު ފުރުއްވާފައި މުހައްމަދު އަލީ ޖަނާހް ހޮވައިފިި އެވެ.
މިރޭ މޯލްޑިވްސް ޕޮލިޓެކްނިކްގައި ބޭއްވި އެ އެސޯސިއޭޝަންގެ 13 ވަނަ އަހަރީ ޖަލްސާގައި ހިންގާ ކޮމިޓީގެ މަގާމުތަކަށް މެމްބަރުން އައްޔަން ކުރި އިރު ރައީސްގެ މަގާމަށް ޖަނާ ފިޔަވައި އެހެން ފަރާތަކުން ކުރިމަތިލާފައެއް ނުވެއެވެ. އަދި މީގެ އިތުރުން އެހެން ކޮންމެ މަގާމަކަށްވެސް ކުރިމަތި ލައްވާފައި ވަނީ އެންމެ ބޭފުޅެކެވެ.
ހިންގާ ކޮމިޓީގެ ނައިބު ރައީސް ކަމަށް ހޮވާފައި އަދުނާން ހަލީމާއި އަލާއު އަލީ އެވެ. ހަޒާންދާރަކަށް ހަސަން ހަބީބް ހޮވާފައިވާއިރު ހަޒާންދާރުގެ އެހީތެރިޔަކަށް ހޮވާފައިވަނީ އަމީން މުހައްމަދެވެ.

މިރޭގެ ޖަލްސާގައި އެސޯސިއޭޝަންގެ ބޯޑު މެމްބަރުންގެ އަދަދު ވަނީ އިތުރު ކޮށްފައެވެ. އެގޮތުން ކުރިން ހަ މެމްބަރުން ހިމެނޭ ބޯޑު މިހާރު ވަނީ އަށް މެމްބަރުންނަށް އިތުރު ކޮށްފައެވެ. ބޯޑު މެމްބަރުންގެ މަގާމަށް މިއަހަރު ނުވަ ބޭފުޅަކުވަނީ ކުރިމަތިލާފައެވެ. އެ މަގާމަށް ހޮވިފައިވަނީ މުހައްމަދު ޖިލްވާއު ޖައުފަރު އާއި، އަބްދުﷲ މުހައްމަދާއި، ހަސަން ޝަމީމް، އަދި އަބްދުﷲ ޞާދިގު އެވެ. މީގެ އިތުރުން ސައުދުﷲ ހިލްމީ އާއި، މުހައްމަދު ސައީދު، އަދި ހުސައިން މުހައްމަދު ވެސް ބޯޑު މެމްބަރުންގެ ތެރޭގައި ހިމެނެއެވެ.
މިރޭގެ ޖަލްސާގައި ވަނީ އެ އެސޯސިއޭޝަންގެ މިއަހަރަށް ލަފާ ކުރާ ބަޖެޓު ވެސް ފާސްކޮށްފައެވެ. އެގޮތުން މިއަހަރަށް ލަފާ ކުރާ ގޮތުގައި 1،019،738.61 ރުފިޔާގެ އާންދަނީއެއް އެ ޖަމިއްޔާއަށް ލިބޭނެއެވެ. އަދި ޖަމިއްޔާއިން އެކިއެކި ކަންކަމަށް 898،732.30 ރުފިޔާ ހަރަދުވާނެކަމަށް ލަފާކޮށްފައި ވެއެވެ.
މަސީން މިރޭ ވަނީ އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް އިސްލާހުތަކެއް ވެސް ހުށަހަޅައިފައެވެ. އަދި މިރޭގެ ޖަލްސާގައިމަސީގެ އޮފިޝަލް ވެބްސައިޓުވެސް ވަނީ ލޯންޗުކޮށްފައެވެ.