11 Mar 2015, 22:08
ޓެންޒޭނިއާގެ ހުޅަނގު ދެކުނުގެ ކާރުބާރުބޮޑު މަގެއްގައި ބަހެއްގެ މައްޗަށް ކޮންޓެއިނަރެއް ވެއްޓި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 41 މަރުވެއްޖެ އެވެ.
ޓެންޒޭނިއާގެ ފުލުހުން ބުނީ، އިރިންގާ ސިޓީގެ ހައިވޭގައި ހިނގި އެ ހާދިސާގައި އެހާ ގިނަ މީހުން މަރުވެފައިވަނީ ލޮރީއަށް ބަރުކޮށްގެން އައި ކޮންޓެއިނަރު ބަހުގެ މައްޗަށް ވެއްޓި، ބަހުގައި ތިބި ފަސިންޖަރުން ޗިސް ވެގެން ކަމަށެވެ.
"އެކްސިޑެންޓް ހިނގާފައިވަނީ 60 މީހުން އުފަލައިގެން އައި ބަހެއް، ކޮންޓެއިނާ ލޮރީއެއްގައި ޖެހިގެން،" ރޮއިޓާސްއަށް ފޯނުން ދިން އިންޓަވިއުއެއްގައި އިރިންގާ ފުލުހުންގެ ޗީފް، ރަމަދާނީ މުންގީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ އެކްސިޑެންޓުގައި 23 މީހަކަށް އަނިޔާވި އިރު، އެ އެންމެން ވެސް އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ، މަރުވި މީހުންގެ އަދަދު އިތުރުވުން ގާތް ކަމަށް ވެސް ރަމަދާނީ ވިދާޅުވި އެވެ.
މަގުތަކާއި ދުއްވާ އުޅަނދު ފަހަރުގެ ފެންވަރު ދަށްވުމުގެ ސަބަބުން ޓެންޒޭނިއާގައި މިފަދަ އެކްސިޑެންޓު ވުމަކީ އާއްމު ކަމެކެވެ. - (ރޮއިޓާސް)