ލިވަރޕޫލް : ދޮންކޭލަކީ ގޮހޮރާއި މަޢިދާ (ސްޓޮމަކް) ގެ ބަލިތަކަށް ރަނގަޅު ތަބީޢީ ފަރުވާއެއް ކަމަށް އިނގިރޭސިވިލާތުގައި ކުރި ދިރާސާއަކުން ހާމަވެއްޖެއެވެ. އިނގިރޭސިވލާތުގެ ލިވަރޕޫލް ޔުނިވަރސިޓީގައި ކުރި ދިރާސާއަކުން ހާމަވާގޮތުގައި ދޮންކޭލަކީ ގޮހޮރުގައިވާ ނުރައްކާތެރި ބެކްޓީރިޔާތައް މަރައި ފައިދާކުރާ ބެކްޓީރިޔާގެ ޙަރަކާތްތަކަށް އެހީތެރިވާ މާއްދާތައް ހިމެނޭ މޭވާއެކެވެ.

ދޮންކޭލުގައިވާ ވިޓަމިންއާއި މިނެރަލްސް ތަކުގެ ސަބަބުން ގޮހޮރުގައި ހޫނު އުފެދުމާއި އިންފްލެމޭޝަން އުފެދުމުގެ ފުރްސަތު ކުޑަކޮށް ހަށިގަނޑުގެ ދިފާޢީ ބާރު ރަނގަޅުކޮށްދެއެވެ. މިދިރާސާ ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި ޑޮކްޓަރ ޕެރީ ކާމްބެލް ވިދާޅުވިގޮތުގައި ކެއުމުގައި ނުވަތަ ޑަޔަޓްގައި ދޮންކެޔޮ ބޭނުންކުރުމަކީ ބަނޑު ހަރުވުމުގެ މައްސަލަވެސް ތަބީޢީ ގޮތުން ޙައްލުކޮށްދޭ ކަމެކެވެ.

ދޮންކޭލުގައި މިނެރަލްސްއާއި ވިޓަމިންސް ގެ އިތުރުން ތިންބާވަތެއްގެ ހަކުރު ހިމެނެއެވެ. މިތިންބާވަތަކީ ސުކަރޯޒް، ފްރެކްޓޯޒް އަދި ގްލުކޯޒެވެ. މީގެއިތުރުން ދަނގަޑު (މިނެރަލް) ވެސް ދޮންކޭލުގައި ގިނައެވެ. މިމާއްދާތަކުގެ ސަބަބުން ދޮންކެޔޮ ކާމީހުންނަށް ވަރަށް ރަނގަޅަށް ހަކަތަލިބެއެވެ. އަދި ދޮންކޭލަކީ އެޕިލެޕްސީގެ ޖެހުމުގެ ފުރްސަތު ކުޑަކޮށްދީ ލޭގެ ހިމޮގްލޮބިން އިތުރުކޮށްދީ އެނީމިޔާ އިންސަލާމަތްވުމަށްވެސް ރަނގަޅު މޭވާއެއް ކަން އެހެން ދިރާސާތަކުން ހާމަވެފައިވެއެވެ. (އަލްޢާލަމް)