އޭއެފްސީ ކަޕްގައި މިއަދު ލާއޮސްގެ ލާއޯ ޓޮޔޯޓާ އެފްސީ ލަނޑެއް ޖަހައި ކުރިހޯދާފައި ވަނިކޮށް ފަހަތުން އަރައި 2-1ގެ ނަތީޖާއަކުން އެޓީމުގެ މައްޗަށް ކުރިހޯދައި، ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް މުބާރާތުގައި އެޓީމު ހިމެނޭ ގްރޫޕް 'އެޗް'ގެ ތާވަލްގެ ދެވަނައަށް ޖެހިލައިފި އެވެ.

މުބާރާތުގައި ނިއު ކުޅުނު ފުރަތަމަ މެޗުން އިންޑޮނޭޝިއާގެ ޕަރސިބް އަތުން 4-1ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ. ނަމަވެސް މިއަދުގެ މެޗުން އެ ޓީމް ތިން ޕޮއިންޓް ހޯދާފައި ވާއިރު، ތާވަލްގެ ދެވަނައަށް އެ ޓީމް ދަތުރުކޮށްފައި ވަނީ މިޔަންމާގެ އަޔެޔަވަދީ ޔުނައިޓެޑާއި ޕަރސިބް ބައްދަލުކުރި ގްރޫޕް 'އެޗް'ގެ ދެވަނަ މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރު ވުމުންނެވެ.

ގްރޫޕް 'އެޗް'ގެ ދެވަނައިގައި ތިން ޕޮއިންޓާއެކު ނިއު އޮތްއިރު، ތާވަލްގެ އެއްވަނައިގައި ޕަރސިބް އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. އަދި ގްރޫޕްގެ ތިންވަނައިގައި ދެ ޕޮއިންޓާއެކު އަޔެޔަވަދީ އޮތްއިރު، ލާއޯ ޓޮޔޯޓާ މިހާރު ވަނީ އެއް ޕޮއިންޓާއެކު ތާވަލްގެ ފުލަށް ވެއްޓިފައެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ލާއޯ އެވެ. އެ ލަނޑު ލާއޯއަށް ކާމިޔާބު ކޮށްދިނީ މެޗުގެ 37 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ކޯނަރެއްގައި ޕެނަލްޓީ އޭރިއާ ތެރެއަށް ނެގި ބޯޅަ މުޅިން ހުސްކޮށް ހުރެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން އެ ޓީމްގެ ފޯވާޑް މައިޓީ އެވެ.

ނިއުއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ ދެވަނަ ހާފްގައެވެ. މެޗުގެ 68 ވަނަ މިނެޓުގައި ނިއުއަށް ލިބުނު ކޯނަރެއްގައި ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ އެ ޓީމްގެ އިންގްލޭންޑު ފޯވާޑް ޑޭވިޑް މޯލީ ހޯދުމަށްފަހު ދިން ޕާހަކުން ނިއުއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އެ ޓީމްގެ ނައިޖީރިއާ މިޑްފީލްޑަރު ޕެޓްރިކް ސަންޑޭ އޮކޯރޯ އެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށްފަހު ނިއުރޭޑިއެންޓް ވަނީ ކުރިއަށް ޖެހިލައި، ގިނަ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އަދި އެ ހާފްގެ ފަހު ވަގުތުކޮޅު ލައޯގެ ގިނަ ކުޅުންތެރިން ފެނިގެން ދިޔައީ އެ ޓީމްގެ އަމިއްލަ ހާފްގައި ނިއު ކުރަމުން ދިޔަ ޕްރެޝަރު ހިފަހައްޓާލަން މަސައްކަތް ކުރަމުން ދިޔަ ތަނެވެ.

ނިއުގެ ދެވަނަ ލަނޑު ފެނިގެން ދިޔައީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، ލާއޯގެ ޑިފެންޑަރު ފޮމަޕަންޔާ ނިއުގެ ކެޕްޓަން އަސްހަދު އަލީ (އަޑޭ)އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ނެވެ. އެ ޕެނަލްޓީ ނިއުއަށް ކާމިޔާބު ކޮށްދިނީވެސް ކެޕްޓަން އަޑޭ އެވެ.

އޭއެފްސީ ކަޕްގައި ނިއު ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ބައްދަލު ކުރާނީ މިޔަންމާގެ އަޔެޔަވަދީ ޔުނައިޓެޑާ އެވެ. އެ މެޗު ކުޅެން ހަމަޖެހިފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު މާލޭގައެވެ.