ރާއްޖޭގެ ޓޫރިޒަމް ފުޅާ ކުރުމުގެ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ތުބުރި ޕްރޮޖެކްޓް ފަދަ ގެސްޓްހައުސް ޕްރޮޖެކްޓްތައް ހިންގުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ވެލާނާ ގޭގައި މިއަދު ބޭއްވި ބައްދަލުވުމުގައި އަދީބު ވިދާޅުވީ މި ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައި ވަނީ ހއ. ކެލާ އާއި އައްޑު ސިޓީގައި ކަމަށެވެ.

"މިހާރު އޭގެ ކުރެހުންތައް ކުރެހުމުން ދަނީ، ހއ. ކެލާ އަދި އައްޑު، އަތޮޅު ނޯތާއި ސައުތަށް ފޯކަސްކޮށްގެން. މިހާރު އެބަގެންދަން އޭގެ މަސައްކަތްތައް ކުރިޔަށް،"

ވަރަށް އަވަހަށް އެ ޕްރޮޖެކްތައް ލޯންޗްކުރެވޭނެ ކަމަށް އަދީބު ވިދާޅުވި އެވެ.

އަދި މިހާރު ރާއްޖޭގައި ކުރިޔަށްދާ ސިޔާސީ ހަމަނެޖެހުމުގެ ސަބަބުން ފަތުރުވެރި ކަމަށް އޭގެ އަސަރުކުރަމުން ނުދާ ކަމަށް އަދީބު ވިދާޅުވި އެވެ. އަދި ޓްރެވަލްއެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނަށް ރާއްޖޭގެ ހާލަތު އޮޅުންފިލުވައިދެމުންދާ ކަމަށް އަދީބު ވިދާޅުވި އެވެ.

"ރާއްޖެ އަކީ ޑިމޮކްރަސީއެއް އެހެންވީމާ ޑިމޮކްރަސީ މިއޮތީ ތިން ބާރު ވަކިވެފައި. ޑިއު ޕްރޮސެސް ފޮލޯ ކުރަމުން ގެންދަނީ. އެއީ ހަމަ އެހެން ހުރިހާ ގައުމެކޭ އެއްގޮތަށް ހަމަ ޝަރިއަތްތަކެއް މިދަނީ،" ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރިއަތް ކުރިޔަށްދާތީ އެކަމަށް އިޝާރަތްކުރައްވައި އަދީބު ވިދާޅުވި އެވެ.

ބޭރު ފަރާތްތަކަށް ވުރެ ދިވެހިން ރާއްޖޭގެ ފަތުރުވެރި ކަމަށް ގެއްލުންވާ ފަދަ މަސައްކަތް ކުރާތީ އެކަމާ ހިތާމަކުރައްވާ ކަމަށް އަދީބު ވިދާޅުވި އެވެ. ބޮއިކަޓް ކުރުމާއި ނެގަޓިވް ކެމްޕޭން އަކީ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮނެދޭތީ ކުރާ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރު ޖެނުއަރީ މަހު ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މަދުވެފައި ވަނީ މުޅި ދުނިޔޭގައި ވެސް ފަތުރުވެރިކަން ކޮންމެވެސް ވަރަކަށް ދަށްވަމުން ދާތީ ކަމަށް އަދީބު ވިދާޅުވި އެވެ.

އަދި ޗައިނީޒް އާ އަހަރު ފާހަގަކުރަން 2014 ވަނަ އަހަރު ޖެނުއަރީގައި އޮތް ނަމަވެސް މި އަހަރު ޗައިނީޒް އާ އަހަރު ފާހަގަކުުރުން ފެބްރުއަރީގައި އޮންނާތީ ޗައިނާގެ ފަތުރުވެރިން ފެބްރުއަރީގައި ޒިޔާރަތް ކުރާ ވަރު އިތުރުވާނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެ އެވެ.

ފާއިތުވި ޖެނުއަރީ މަހު ރާއްޖެ އަށް ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންގެ އަދަދު ވަނީ މަދުވެފަ އެވެ.

ދެހާސް ތޭރަ ވަނަ އަހަރާ އަޅާބަލާއިރު 2014 ވަނަ އަހަރު ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު ވަނީ 7.1 ޕަސެންޓް އިތުރުވެފަ އެވެ.