11 Mar 2015, 16:39
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ގައުމީ 8-ބޯލް ބިލިއާޑް މުބާރާތުގެ ޗެންޕިއަންކަން އެމްޕީބީއޭ ރޭންކިންގްގެ ދެވަނައިގައި އޮތް ހުސައިން ފަޔާޒް ހޯދައިފި އެވެ.
ފަޔާޒް އެ މުބާރާތުގެ ޗެންޕިއަންކަން ހޯދީ ރޭ އެމްޕީބީއޭ ކްލަބް ހައުސްގައި ބޭއްވި މުބާރާތުގެ ފައިނަލް މެޗުގައި 3-7 ފްރޭމުން އެމްޕީބީއޭ ރޭންކިންގްގެ އެއް ވަނައިގައި އޮތް މުހައްމަދު ޝަރީފް ބަލިކުރުމަށް ފަހު އެވެ. މެޗުގެ ފުރަތަމަ ދެ ފްރޭމް ފަޔާޒް ހޯދިއިރު، ތިންވަނަ ފްރޭމް ކާމިޔުބު ކުރީ ޝަރީފެވެ. ނަމަވެސް ޖެހިގެން އައި ހަތަރު ފްރޭމް ވެސް ގެންދިޔައީ ފަޔާޒް އެވެ.
ހަތް ފްރޭމް ކުޅުނު އިރު ފަޔާޒް ކުރީގައި އޮތް ނަމަވެސް، ޝަރީފް ވަނީ މެޗުގެ އަށް ވަނަ ފްރޭމާއި ނުވަ ވަނަ ފްރޭމް ގެންގޮސްފަ އެވެ. ނަމަވެސް އެންމެ ފަހު ފްރޭމް ކާމިޔާބުކޮށް، މެޗު ކާމިޔާބު ކުރީ ފަޔާޒެވެ.
މުބާރާތުގެ ފައިނަލް މެޗަށް ފަހު ބޭއްވި އިނާމް ދިނުމުގެ ރަސްމިއްޔާތުގައި، މުބާރާތުގެ ޗެންޕިއަންކަން ހޯދި ފަޔާޒަށް ވަނީ ވާދައިގެ ތަށީގެ އިތުރުން ފައިސާގެ އިނާމްގެ ގޮތުގައި 3000 ރުފިޔާ ލިބިފަ އެވެ. ޗެންޕިއަންނަށް ތަށްޓާއި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތެވެ.
ޗެންޕިއަންނަށް ލިބުނު ފައިސާގެ އިނާމްގެ އިތުރުން މުބާރާތުގެ ރަނަރަޕްކަން ހޯދި ޝަރީފަށް ވަނީ 1500 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ. އަދި ތިން ވަނައަށް ހޮވުނު ދުންޔާޒް މުހައްމަދު އަށް ވަނީ ފައިސާގެ އިނާމުގެ ގޮތުގައި 1000 ރުފިޔާ ލިބިފަ އެވެ.
އެއް ވަނަ އާއި ދެ ވަނަ އަދި ތިންވަނައިގެ އިތުރުން މުބާރާތުގެ ހަތަރުވަނަ އާއި ފަސްވަނަ، ހަވަނަ، ހަތްވަނަ އަދި އަށްވަނައަށް ހޮވުނު ކުޅުންތެރިންނަށްވެސް ވަނީ ފައިސާގެ އިނާމްގެ ގޮތުގައި 500 ރުފިޔާ ދީފައެވެ. އެ ވަނަތައް ހޯދި ކުޅުންތެރިންނަކީ އަލީ ފަޔާޒް އާއި މޫސާ ސާމިއު، އަހުސަން ހާޝިމް، މުހައްމަދު ފަރީމް އަދި ހަސަން ޝަފްރާޒް އެވެ.
އެމްޕީބީއޭއިން މިއަހަރުގެ ފުރަތަމަ ރޭންކިންގް މުބާރާތުގެ ގޮތުގައި ކުރިއަށް ގެންދިޔަ ގައުމީ 8-ބޯލް ބިލިއާޑް މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ އެކަކުން 10 އަކަށެވެ. އެ މުބާރާތުގެ ފުރަތަމަ ބުރުގައި މުޅިއަކު 32 ކުޅުންތެރިން ވާދަކޮށްފައިވެ އެވެ.