އަންނަ އަހަރުގެ މާޗު މަހުން ފެށިގެން ޔޫކޭގެ އުތުރު އަޔަލޭންޑް ހޮސްޕިޓަލުތައް ހިމެނޭ ސަރަހައްދުތަކުގައި ސިނގިރޭޓް ނުބޮވޭނެ ކަމަށް އެގައުމުގެ ހެލްތް މިނިސްޓަރު ޖިމް ވެލްސް އިއުލާނު ކުރައްވައިފި އެވެ.

ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހަށް ހާއްސަކޮށް ވެލްސް ދެއްވި ހިތާބުގައި ވިދާޅުވީ ނޯތު އަޔަލޭންޑުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ފަރުވާ ނުލިބޭ ބަލިތަކާއި މަރުވާ މީހުންގެ އަދަދު އަހަރަކު 2300 އަށް އަރާ ކަމަށެވެ.

"އެކަމުން ހޮސްޕިޓަލަށްދާ ބަލި މީހުނަށް އަދި ހޮސްޕިޓަލުގެ މުވައްޒަފުންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް ހޮސްޕިޓަލު މާހައުލުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ،" ވެލްސް ވިދާޅުވި އެވެ.

އުތުރު އަޔަލޭންޑުގައި 2007 ވަނަ އަހަރު އާންމު ކުރި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރާ ގާނޫނުގެ ދަށުން މަސައްކަތް ކުރާ ސަރަހައްދުތަކުގައާއި މީހުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެކެވެ.

ވެލްސް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރާ ގާނޫނުގެ ދަށުން ގިނަ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަދުވެފައިވީ ނަމަވެސް ބައެއް އިމާރާތްތަކައި ހޮސްޕިޓަލު ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރާކަމުގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ.

ވެލްސް ވިދާޅުވީ މީހުން ސިނގިރޭޓް ނުބޯ ނަމަ ކެންސަރު ބަލީގެ ސަބަބުން މީހުން މަރުވާ އަދަދު ތިންބައިކުޅަ އެއްބައި މަދުވެގެން ދާނެ ކަމަށެވެ. އަދި ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުން އަދި ތަފާތު ގިނަ ބަލިތައް ޖެހުމަށް ދިމާވާ ސަބަބަކަށް ސިނގިރޭޓް ބުއިން ވެގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހޮސްޕިޓަލުގެ ސްޓާފުން އަދި ހޮސްޕިޓަލުން ފަރުހޯދާ ޕޭޝެންޓުންނަށް އަމާޒުކޮށްގެން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް ޓްރެއިންނިންް ޕްރޮގްރާމުތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވެލްސް ވަނީ ވިދާޅުވެފަ އެވެ.