އެފްއޭއެމްގެ އަސާސީ ގަވައިދު އިސްލާހު ކުރުމަށް ކުރާ މަސައްކަތުގައި ކުރިއަށް އޮތީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށާއި ނަމަވެސް ގަވައިދަށް ގެނެވޭ ބަދަލުތަކާ އެކު ރާއްޖޭގެ ފުޓްބޯޅައަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށް އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޖެނެރަލް ސެކްރެޓެރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

މިއަދު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ އެފްއޭއެމްގެ އަސާސީ ގަވައިދު އިސްލާހުކުރުމަށް ފީފާ އިން ރާއްޖެ އައި ވަފުދާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު، އެ މަސައްކަތުގެ ފުރަތަމަ މަރުހަލާ މިހާރު ނިމިފައިވާ ކަމަށެވެ.

"ފީފާގެ ޑެލިގޭޝަނާ އެކު ކުރެވުނު މަޝްވަރާ ތަކަށް ފަހު، އަސާސީ ގަވައިދު އިސްލާހު ކުރުމުގެ ފުރަތަމަ މަރުހަލާ މިހާރު މި ވަނީ ނިމިފައި. އެގޮތުން އަލަށް ގެންނަ އިސްލާހުތަކުގެ ދަށުން، ރާއްޖޭގެ ހުރިހާ ހިސާބަކުން ފުޓްބޯޅައިގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކަށް ވެސް އެފްއޭއެމްގެ ނިންމުންތަކަށް ބަސްކިޔުމުގެ ފުރުސަތު ލިބިގެން ދާނެ،" ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމްގެ މިހާރުގެ ގަވައިދުގައިވާ ގޮތުން އެފްއޭއެމް އޭޖީއެމްގައި ބައިވެރިވެ، އެ އެސޯސިއޭޝަނުން ނިންމާ ނިންމުންތަކަށް ބަސްކިޔަން ފުރުސަތު ލިބިގެން ދަނީ ހަމައެކަނި އެއްވަނަ ޑިވިޝަންގެ އަށް ކްލަބަށާއި ދެވަނަ ޑިވިޝަންގެ ތިން ކްލަބުގެ އިތުރުން ތިންވަނަ ޑިވިޝަންގެ ދެ ކްލަބް ހިމެނޭ ގޮތަށް މުޅިއަކު 13 ފަރާތަކަށެވެ. ނަމަވެސް އިސްލާހުތަކުގެ ދަށުން އެ އަދަދު 44 އަށް އިތުރުވެގެން ދާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"އަސާސީ ގަވައިދަށް ގެނެވޭ އިސްލާހުތަކުގެ ދަށުން އެފްއޭއެމް އޭޖީއެމްގައި ވޯޓުލުމުގެ ފުރުސަތު ލިބިގެންދާ ފަރާތްތަކުގެ ތެރޭގައި ފުރަތަމަ ޑިވިޝަންގެ އަށް ކްލަބުން ކޮންމެ ކްލަބަކަށް ދެ ވޯޓު ލިބޭނެ. ދެވަނަ ޑިވިޝަންގެ 10 ކްލަބަށް ވެސް ކޮންމެ ކްލަބަކަށް އެއް ވޯޓު ލިބޭނެ. އޭގެ އިތުރުން ތިންވަނަ ޑިވިޝަނާއި ނުވަ ޒޯންތަކަށް އެއްކޮށް ނުވަ ވޯޓު، ފުޓްސެލްއަށް އެއް ވޯޓު، ރެފްރީސް އެސޯސިއޭޝަނަށް އެއް ވޯޓު، އަންހެނުންގެ ފުޓްބޯޅަ އެސޯސިއޭޝަނަށް އެއް ވޯޓު، އެގޮތަށް ގޮސް ގިނަ ފަރާތްތަކެއް ހިމެނޭ ގޮތަށް މުޅިއަކު 44 ފަރާތަކަށް ވޯޓު ލުމުގެ ފުރުސަތު ލިބިގެން ދާނެ،" ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމްގެ ސްޓެޓިއުޓްސްތައް އިސްލާހު ކުރުމުގެ ފުރަތަމަ މަރުހަލާ މިހާރު ނިމިފައިވާ އިރު، ބައްސާމް ވިދާޅުވީ އޭގެ ކުރިން ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަން ހުރި ކަމަށެވެ. އޭގެ ތެރޭގައި ފުޓްސެލް އާއި ރެފްރީން އަދި އަންހެނުންގެ އެސޯސިއޭޝަންތަކަށް ބޭނުންވާ ސްޓޭޓިއުޓްސް އެކުލަވާލުމުގެ އިތުރުން، އެތިކްސް ކޮމިޓީ ފަދަ އެފްއޭއެމްގެ ޖުޑިޝަލް ގުނަވަންތަކުގެ ގަވައިދުތަކުގެ މަސައްކަތް ވެސް ޑްރާފްޓު ކުރުމުގެ މަސައްކަތް އަދި ކުރިއަށް އޮތް ކަމަށް ބައްސާމް ވިދާޅުވި އެވެ.

އޭގެ އިތުރުން ބައްސާމް ވިދާޅުވީ އެ ހުރިހާ މަސައްކަތަކަށް ފަހު، އެފްއޭއެމްގެ ސްޓެޓިއުޓްސްތައް ފައިނަލްކުރަން އަންނަ ޖުލައި މަހުގެ ތެރޭގައި އެފްއޭއެމްގެ އެކްސްޓްރޯޑިނެރީ ކޮންގްރެސްއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އެ އެޖީއެމްގައި މިހާރު ވެސް އޮތް 13 ފަރާތް އެކަނި ވޯޓުލާގޮތަށް ހަމަޖެހިފައިވާ އިރު، އެފްއޭއެމްގެ އިންތިހަބު ބޭއްވުމަށް އަހަރުގެ ފަހުކޮޅު ބާއްވާ އޭޖީއެމްގައި 44 މެންބަރުންނަށް ވޯޓު ލުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.