11 Mar 2015, 16:02
ރާއްޖޭގެ މިނިވަން ރަންޔޫބީލާ ގުޅިގެން ސަރުކާރުން ކުރަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރެއިން "މިނިވަން 50 ސަރިންދާ" ގެ ނަމުގައި ލައިވް މިއުޒިކް ޝޯއެއް ބާއްވަން ނިންމައިފި އެވެ.
ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު މިއަދު ވިދާޅުވި، ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ)އާ ގުޅިގެން ހެންވޭރު ދަނޑުގައި މާދަމާ ރޭ ބާއްވާ އެ މިއުޒިކް ޝޯގައި މިހާރު ރާއްޖޭގައި ތިބި މަޝްހޫރު ލަވަކިޔުންތެރިން ބައިވެރިވާނެ ކަމަށެވެ.
އެގޮތުން، ކުރީގެ މަޝްހޫރު ބޭންޑެއް ކަމަށްވާ އޮލިމްޕިއަންސް އާއި ފަސީ ލައިވްގެ އިތުރުން އުނޫޝާ، ޔާމީން، މަންޑޭ، ތޭރަވާ، އިއްބެ، އައްމަޑޭ، ލަމްހާ، މާއިން، ސަމާ، އަޝްރާ، ލަހުފާ، އަޝްފާ އަދި ނައްފާން އެ ޝޯގައި ފެނިގެންދާނެ ކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެ އެވެ.
އާއްމުކޮށް ހުޅުވާލައިގެން، މާދަމާ ރޭ ބާއްވާ އެ ޝޯ ކުރިއަށްދާނީ ރޭ ގަނޑު 9 އިން 12 ޖަހަަންދެ ކަށެވެ.
މިނިވަން ފަންސާހާ ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ސަރުކާރުން ވަނީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކުލަގަދަ ހަރަކާތްތަކެއް ބާއްވަން ނިންމާފަ އެވެ. އެގޮތުން ކުރިއަށް އޮތް ހަރަކާތްތަކުގެ ތެރޭގައި ސްކޫލު ކުދިންގެ ކުރެހުމުގެ މުބާރާތަކާއި "ރައިވެރިވޭ ޖިހާދުގެ ފެތުން" ގެ ނަމުގައި މިމަހުގެ 27 ވަނަ ބާއްވަން ހަމަޖެހިފައިވާ ފެތުމުގެ ހަރަކާތް ފާހަގަކޮށްލެވެ އެވެ.