ގދ. ނަޑެއްލާގެ ފަސް ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނީ އެކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެއް އާއިލާއަށް ނިސްބަތްވާ ފަސް ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެޗްއާރުސީއެމުން ބުނީ އެ ކޮމިޝަނުން ބަލަމުން ދިޔަ މައްސަލައަކާ ގުޅިގެން އެ ރަށް ކުރި ދަތުރުގައި ފާހަގަ ކުރެވުނު ކަންކަމާއި ލިބިފައި ހުރި މައުލޫމާތުގެ މައްޗަށް ރިއާޔަތްކޮށް، ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިގެން އެކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނެގީ ކަމަށެވެ.

ނަމަވެސް އެކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން ޖެހުނު ސަބަބެއް ދައުލަތުގެ ކަމާ ބެހޭ އެއްވެސް މުއައްސަސާއަކުން ހާމަކޮށްފައެއް ނުވެ އެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށަށް ނެގީ ކޮން ޖިންސެއްގެ ކޮން އުމުރެއްގެ ކުދިން ކަމެއް ވެސް ވަނީ ސާފުވާ ގޮތް ވަނީ ނުވެފަ އެވެ.

އެކޮމިޝަނުން ބުނީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގި ފަސް ކުދިންގެ މަންމަ އަށް ސިއްހީ ގޮތުންނައި ބާރުވެރިކުރުމުވުމުގެ ގޮތުން ލިބެން ޖެހޭ އެހީތެރިކަން ދިނުމަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ޖެންޑާއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.