ރާއްޖޭގެ ޗެސް ފެޑަރޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި ގައުމީ ޗެސް ފެޑަރޭޝަން ކަޕް ޑީއެކްސް ސްޕޯޓްސް ކާމިޔާބު ކުރި އިރު، ކްލަބް ގާމަގު ޓީމު ގައުމީ ކްލަބް ޗެންޕިއަންޝިޕް ކާމިޔާބު ކޮށްފި އެވެ.

ޗެސް ފެޑަރޭޝަންގެ ކަޕްގެ ޗެންޕިއަންކަން ޑީއެކްސް ސްޕޯޓްސް ހޯދީ ޗެސް މާސްޓަގެ މަގާމް ހާސިލްކޮށްފައިވާ އަބްދުއް ރަހުމާނު އަލީގެ ކެޕްޓަން ކަމުގެ ދަށުންނެވެ.

އެ ޓީމްގައި 2014 ވަނަ އަހަރު ލަންކާގައި ބޭއްވި ފަސް ވަނަ އޭޝިއަން ސީނިއާ ޗެސް ޗެންޕިއަންޝިޕްގައި ރިހި މެޑަލް ހޯދި އަހުމަދު ނައީމް (ކޮކާ) އާއި އެ މުބާރާތުގެ އެމޭޗާ އަންރޭޓަޑް ކެޓަގަރީން ރިހި މެޑަލް ހޯދި ނިހާޔާ އަހުމަދު ހިމެނޭ އިރު، ދެން އެ ޓީމްގައި ހިމެނޭ ކުޅުންތެރިންނަކީ ހުސެއިން އަލީ އާއި ހަސަން ސާމިރު އެވެ.

ގައުމީ ޗެސް ފެޑަރޭޝަން ކަޕްގެ ދެވަނަ ހޯދީ ކްލަބް ވެލެންސިޔާ އެވެ. އަދި އެ މުބާރާތުގެ ތިންވަނަ ލިބުނީ ކްލަބް ގާމަގަށެވެ.

ފެޑަރޭޝަން ކަޕްގެ ތިންވަނަ ކްލަބް ގާމަގު ހޯދި ނަމަވެސް، އެ ޓީމް ވަނީ ގައުމީ ކްލަބް ޗެންޕިއަންޝިޕް ކާމިޔާބު ކޮށްފަ އެވެ. އެ މުބާރާތް އެ ޓީމް ކާމިޔާބު ކުރީ ހުސެއިން ނިމާލްގެ ކެޕްޓަންކަމުގެ ދަށުންނެވެ. އެ ޓީމްގައި ދެން ހިމެނޭ ކުޅުންތެރިންނަކީ އިބްރާހިމް ފިރާގް އާއި މުހައްމަދު ޝުއާއު، އުސްމާން އަޝަރަފް އަދި އީމާން އަބްދުﷲ އެވެ.

ގައުމީ ކްލަބް ޗެންޕިއަންޝިޕާއި ފެޑަރޭޝަން ކަޕްގެ ވަނަ ވަނަ އަށް ހޮވުނު ފަރާތްތަކަށް ތައްޓާއި އިނާމް ހަވާލުކޮށްފައި ވަނީ ރޭ މާބްލް ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޔޫތު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަލީ ޒަކީ އެވެ.

ގައުމީ ޗެސް ފެޑަރޭޝަން ކަޕާއި ގައުމީ ކްލަބް ޗެންޕިއަންޝިޕް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ އަށަކުން 10 އަކަށް، މާބްލް ހޮޓެލްގަ އެވެ. އަދި އެ މުބާރާތް ސްޕޮންސާ ކޮށްދީފައި ވަނީ ޔޫރޯ މާކެޓިންގް ޕ. ލ. އެވެ.