11 Mar 2015, 15:16
ދެމަފިރިން ވަކިވުމުން އަދުލުވެރި ގޮތެއްގައި މުދާ ބަހަންޖެހޭ ގޮތަށް "އާއިލާއާ ބެހޭ ގާނޫނު" އަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަލައިގެންފި އެވެ.
މި އިސްލާހު މިގޮތަށް ބަލައިގަތުމަށް ވޯޓުދެއްވާފައި ވަނީ 41 މެމްބަރުންގެ ވޯޓުން ނެވެ. އަދި މި އިސްލާހު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ ހަތަރު މެމްބަރުން ނެވެ.
ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފު މުހައްމަދު ހުށަހެޅުއްވި މި ބިލުގައި ބުނެފައި ވަނީ ދެމަފިރިން އިނދެގެން އުޅޭ އިރު ހޯދާފައިވާ މުދަލެއް ނުވަތަ ފައިސާއެއް އެ ދެމަފިރިން ވަކިވުމަށްފަހު އަދުލުވެރި ކަމާއި އެކު ބަހަންޖެހޭނެ ކަމަށެވެ. އަދި ދެމަފިރިންގެ މެދުގައި ބަހަންޖެހޭ އެއްޗެއް ކަނޑައަޅާނީ ކޯޓުން ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.
ބިލު ހުށަހެޅިއްވި ސަބަބުގެ ތެރޭގައި ސަރުކާރުގެ މެނިފެސްޓޯގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ "ކައިވެނި ރޫޅުމުން އާއިލާ ނިކަމެތި ވެދިޔުމުގެ ފުރުސަތު ކުޑަކުރުން" ވައުދުގެ ދަށުން ކައިވެނި ރޫޅުމަށްފަހު އަންހެނުންނަށް ލިބޭ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އެޅުން ހިމެނެ އެވެ.
ސަރުކާރު މެނިފެސްޓޯގެ "ކައިވެނި ރޫޅިއްޖެ ނަމަ އެކުގައި ހޯދާފައިވާ މުދަލުން ހައްގު ހިއްސާ ހޯދައިދޭނަން" ވައުދުގެ ދަށުން ދެމަފިރީން އެކުގައި މުދާ ހޯދާފައި ވަނިކޮށް ކައިވެނި ރޫޅިއްޖެނަމަ އެ މުދަލުގައި ދެފަރާތުން ބައިވެރިވި މިންވަރުގެ މައްޗަށް ބިނާކޮށް ދެމީހުން ހިއްސާވާ ވަރު ކަނޑައެޅުމުގެ ބާރާ އުސޫލުތައް ވެސް މި ބިލުގެ ދަށުން ގާއިމް ކުރެވޭނެ އެވެ.