ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ފެނުނު ޕެންޑްރައިވްގައި ވަނީ، ވިލާ އާއި އެސްޓީއޯ އަދި ރިޔާޒު ނަކަމަށް ކިޔާ މީހަކު ފަންޑުކޮށްގެން ރައީސް އަބްދުﷲ ޔާމީނާއި ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު އަދި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބަށް ހަމަލާދިނުން ކަމަށް ދައުލަތުން ބުނެފި އެވެ.

ނާޒިމްގެ މައްޗަށް ދައުލަތުން ކުރާ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު އެގޮތަށް ވިދާޅުވީ ޕެންޑުރައިވުން ފެނުނު މައުލޫމާތުތައް ޝަރީއަތަށް ހާމަކޮށްދިނުމަށް ފަނޑިޔާރުންގެ ބެންޗުން އެންގުމުންނެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އެ ތިން ބޭފުޅުންނަށް ހަމަލާދިނުމަށްޓަކައި ރާވާފައިވާ ޕްލޭނެއް އެ ޕެންޑްރައިވްގައިވާ ކަމަށެވެ.

އެކަން ކުރުމަށްޓަކައި ޖޮއިންޓް ޕާޓީ މިޝަނެއްގެ ގޮތުގައި އެމްޑަބްލިއުއެސްސީއަށް ކްރައިސިސްއެއް ގެނައުމާއި ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އާއި ސުޕްރީމް ކޯޓުގެ ބެންޗު އަދި ޕްރޮސިކިއުޓާ ޖެނެރަލްފެ މަގާމަށް މީހަކު އައްޔަންކުރަން ވޯޓު ނެގުމާ ގުޅޭކަންތައް އެ ޕެންޑުގައިވާ މައުލޫމާތުތަކުން އެނގޭ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އެފްއޭ ނަމަކަށްކިޔާ މީހަކު ސިންގަޕޫރާއި މެލޭޝިޔާއިން ބޭރުގެ އެހީ ހޯދާ ކަމަށާއި އެކަމުގައި ބޭނުންކުރާ ހަތިޔާރު ހޯދަނީ "ބޮޑުބޯޅަ" ނަމަކަށް ކިޔާ މީހަކު ކަމަށް، ޕެންޑުރައިވްގައިވާ މައުލޫމާތުން އެނގޭ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
މީގެއިތުރުން އެތިން ބޭފުޅުންނަށް ހަމަލާދޭނެގޮތުގެ ޕްލޭނާއި އެބޭފުޅުން މާލޭގައި އުޅޭނެ ގޮތް ރާވާފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ނާޒިމްގެ ފަރާތުން ވަނީ ދިފާއީ ހެކީންގެ ގޮތުގައި 40 އަށް ވުރެ ގިނަ މީހުންގެ ނަން ހުށަހަޅާފައެވެ. ހެކީންގެ ގޮތުގައި ހުށަހެޅި ފަރާތްތަކުގެ ތެރޭގައި ރައީސް ޔާމީނާއި ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދާއި ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޕޮލިސް އިންޓެލިޖެންސްގެ ވެރިޔާ އަހްމަދު އަރީފް އާއި ކުރީގެ ޕޮލިސް އިންޓެލިޖެންސްގެ ވެރިޔާ މުހައްމަދު ހަމީދު ހިމެނިވަޑައިގަންނަވައެވެ.

ނާޒިމްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ސިފައިންގެ ކޯޕްރަލެއްގެ އަތުން ޝަންގްރިއްލާ ރިސޯޓުގެ ތެރެއަށް މިދިޔަ އަހަރު ފިސްތޯލައެއް ގެއްލިފައިވާ ކަމަށެވެ. އަދި އެއީ ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ކަހަލަ ބްރައުނިން 9އެމްއެމް ގެ ފިސްތޯލެއް ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަބްދުލް ބާރީ ޔޫސުފް ވިދާޅުވީ ދިފާއީ ހެކީންގެ ތެރެއިން ހާޒިރު ކުރާނީ ޝަރީއަތަށް ފެންނަ ހެކީން ކަމަށެވެ. އަދި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.