17 Feb 2011, 21:56
މަރުވިތާ 21 ދުވަސް ވެފައިވާ ބިދޭސީއަކު ވަޅުލުމުގެ ހުއްދަ ނުދިމުން ފުލުހުންނާ ދެކޮޅަށް ސިވިލް ކޯޓްގައި އަމިއްލަ ކުންފުންޏަކުން ދައުވާކޮށްފި އެވެ.
ކޮންޓްރަކްޝަން މަސައްކަތް ކުރަމުން ދިޔަ ބަންގުލަދޭޝް ރައްޔިތެއް ކަމަށްވާ މުނީރު މުހައްމަދު މިދިޔަ ޖެނުއަރީ 28ގައި ގުދުރަތީ މަރަކުން މަރުވެފައިވާ ކަމަށް ބުނެ، އޭނާ މަސައްކަތް ކުރި ކުންފުނި، ހައި ރައިޒް ކޮންޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ކުރި ދައުވާގައި ބުނެފައި ވަނީ މަރުވި ބިދޭސީ މީހާއާ އެކު ވެފައިވާ އެއްބަސްވުމުގައި ބުނެފައި ވަނީ ގުދުރަތީ މަރަކުން މަރުވެއްޖެ ނަމަ އޭނާގެ ހަށިގަނޑު ބަނގުލަދޭޝް އަށް ފޮނުވަން ނުޖެހޭނެ ކަމަށެވެ.
ނަމަވެސް އޭނާ ވަޅުނުލާ މަޑުކުރަނީ ބަނގްލަދޭޝް ހައިކޮމިޝަނުން، ފުލުހުންނަށް ހުއްދަދީފައި ނުވާތީ ކަމަށް އެ ދައުވާގައި ބުނެ އެވެ.
ކުންފުނިން މުނީރާ ދެމެދު ވެފައިވާ އެއްބަސްވުމަށް ހަވާލާދީ، ދައުވާގައި އިތުރަށް ބުނެފައި ވަނީ ގުދުރަތީ މަރަކުން މަރުވެއްޖެ ނަމަ މައްޔިތާ ވަޅުލުމުގެ ހުއްދަ ދިނުމަށް ފުލުހުން މައްޗަށް އަމުރުކޮށް ދިނުމަށެވެ. އަދި އޭނާ ވަޅުނުލާ ގަލޮޅު މޯޗަރީގައި ބާއްވާފައި އޮންނަ ކޮންމެ ދުވަހަކަށް 1300 ރުފިޔާ ހަރަދުވާ ކަމަށް ވެސް ހައި ރައިޒް އިން ސިވިލް ކޯޓުގައި ބުނެފައިވެ އެވެ.