11 Mar 2015, 14:50
ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު ހިނގަމުންދާ ކަންތައްތަކާއި މެދު ބޭރުގެ ބައެއް ފަރާތްތަކުން ގެންގުޅެނީ މުނާފިގު ގޮތްތަކެއް ކަމަށް ވެރިކަން ކުރާ ޕީޕީއެމުން މިއަދު ބުނެފިއެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެޕާޓީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން، އަދި ވަކިން ހާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތާ ބެހޭ ގޮތުން ބޭރުގެ ބައެއް ފަރާތްތަކުން ގެންގުޅެނީ ދެފުށް ދެގޮތް ސިޔާސަތެއް ކަމަށެވެ.
އެ ނޫސް ކޮންފަރެންސަށް ފަހު ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ މަޝްރަހާ ގުޅޭ ގޮތުން ގެންގުޅޭ މުނާފިގުކަން ކުށްވެރި ކުރާ ކަމަށެވެ.
ރައީސް ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގަމުން ދަނީ ފަނޑިޔާރަކު ގާނޫނުން ބޭރުން ފަނޑިޔާރަކު ނިޒާމުން ގެއްލުވައިލުމުގައި އަދާ ކުރައްވާފައިވާ ދައުރާ ގުޅިގެން ކުރެވޭ ޝަރީއަތެއް ކަމަށާއި އެ ފަނޑިޔާރުގެ ބަންދުގައި ހުރި އިރު ގިނަ ގައުމުތަކުން ތިބީ ހިމޭން ކަމުގައި ކަމަށް ވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
މިއަދުގެ ނޫސްކޮންފަރެންސްގައި އަލީ އާރިފު ވިދާޅުވީ ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ކޮޅުނބުގައި ތިއްބަވާ ދުނިޔޭގެ ގައުމުތަކުގެ ޑިޕްލޮމޭޓުންނާ ބައްދަލު ކުރެއްވުމުން އޭގެ ތެރެއިން ގިނަ ބޭފުޅުން ސުވާލު ކުރެއްވީ ހަމަ އެކަނި ރައީސް ނަޝީދާ ބެހޭ ގޮތުން ކަމަށެވެ.
ރާއްޖޭގައި ކަންތައްތައް ހިނގަމުން އަންނަ ގޮތް ބެލުމަށް ރާއްޖެއަށް ވަޑައިގެންނެވުމަށް ދައުވަތު ދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"...އަޅުގަނޑުމެން މިއަދު ދައުވަތު އަރުވަން، ބޭރުގެ ފަރާތްތަކަށް ދައުވަތު އަރުވަން މިރަށަށް ވަޑައިގެން މިރާއްޖެއަށް ވަޑައިގެން މިރާއްޖޭގައި ކަންހިނގާ މަގު ބައްލަވައިގެން ސްޓޭޓްމެންޓްތަކާ އެއްޗެހި ތައްޔާރު ކުރައްވާށޭ،" އަލީ އާރިފު ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން ބޭރުގެ މިޝަންތަކަށް މައުލޫމާތު ދެއްވުމަށް އަލީ އާރިފާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު އަބުދުލް ގައްޔޫމު ހިމެނިވަޑައިގަންނަވާ ވަފުދެއް ދާދި ފަހުން ވަނީ ސްރީލަންކާއަށް ދަތުރުފުޅެއް ކުރައްވާފައެވެ.