ފުލުހުންގެ ބަންދުގައި ހުރި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސް ޔޫރޮލޮޖިސްޓަކަށް ދައްކައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއަދު މެންދުރު 11:15 ހާއިރު ނާޒިމް ސިއްހީ ފަރުވާ އަށް މާލެ ގެނެސްފައިވާ ކަމަށެވެ. ނަމަވެސް ފަރުވާ ހޯދާފައި ވަނީ ކޮން ކަމަކަށް ކަމެއް ފުލުހުން ނުބުނެ އެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސެނަހިޔާ ހޮސްޕިޓަލުގެ ޔޫރޮލޮޖިސްޓަކަށް ނާޒިމް ވަނީ ދައްކާފަ އެވެ. އަދި ނާޒިމްގެ ބުލަޑް ޓެސްޓުތަކެއް ވެސް ވަނީ އެ ހޮސްޕިޓަލުގައި ހަދާފަ އެވެ.

ނާޒިމް ސިއްހީ ފަރުވާއަށް މިއަދު މާލެ ގެނެސްފައިވާއިރު، އޭނާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު މެންދުރު 2:00 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލް ކޮށްފަ އެވެ.

ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ދައުވާ އެވެ. ނަމަވެސް އެ ދައުވާއަށް އޭނާ ވަނީ އިންކާރު ކުރައްވާފަ އެވެ.