11 Mar 2015, 13:51
މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ޓެކްސީއެއް ލިބޭނެ ގޮތް ހަމަޖެއްސުމަށް އެޕްލިކޭޝަން ތައްޔާރު ކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
"އޮންލައިން ޓެކްސީ ބުކިން" ތައްޔާރުކުރުމަށްޓަކައި އެޕްލިކޭޝަނެއް ތައްޔާރުކުރުމަށް ހަވާލުކޮށްފައި ވަނީ ޖުނިޕާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއެވެ. އެ އެއްބަސްވުމުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަބްދުއް ރަޝީދު ނާފިޒެވެ. ޖުނިޕާ ޓެކްނޮލޮޖީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ޝަރަން ހަސަނެވެ.
އެ އެޕްލިކޭޝަން ތައާރަފް ކުރެވޭނެ ވަކި ދުވަހެއް އަދި ހާމައެއް ނުކުރެއެވެ.
ނާފިޒު ވިދާޅުވީ ޓެކްސީ ސެންޓަރަށް ގުޅުމުގެ ބަދަލުގައި އެ އެޕްލިކޭޝަން މެދުވެރިކޮށް އެމީހަކަށް އެންމެ އަވަހަށް ލިބޭނެ ޓެކްސީއަކީ ކޮބައިތޯ އާއި ޓެކްސީ އޮތީ ކިހާ ދުރުމިނެއްގައި ތޯ ބެލޭނެ ކަމަށެވެ.
"ޓެކްސީ ބޭނުންވާ ކޮންމެ މީހަކަށް ފޯނު ނަގާފަ މި އެޕްލިކޭޝަނުން ބަލައިލެވޭނެ ކޮބައިތޯ އެންމެ ކައިރީގައި އޮތް ޓެކްސީއަކީ. އެ ޓްކްސީީ މިހާރު ކިހާ ދުރުމިނެއްގައި ތޯ ހުރީ. އަނެއްކާ އެ ޓެކްސީ ކައިރިވަމުން އަންނަ މިންވަރަކަށް އެނގޭނެ. މިހާރު ޑިސްޓެންސް ހުރީ ނުވަތަ ކިތައް މިނެޓް ތެރޭ ތިމަންނައަށް ލިބޭނެތޯ،" ނާފިޒު ވިދާޅުވި އެވެ.
ނާފިޒު ވިދާޅުވީ އެ ހިދުމަތަކީ އަލަށް ތައާރަފްކުރެވޭ ހިދުމަތަކަށް ވުމާއެކު މިހާރުގެ އުސޫލްތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެކަމުގެ ލުއިފަސޭހަކަން އެނގިގެންދާނީ ވީހާވެސް ގިނަ ބަޔަކު ހިދުމަތް ހޯދުމާއި ހިދުމަތް ދިނުމުގައި ބައިވެރިވުމުން ކަމަށް ވެސް ވިދާޅުވިއެވެ.