11 Mar 2015, 13:35
ތޫނު އެއްޗަކުން ހަމަލަދީ މަރާލި ޖައިލަމް އަހުމަދު ޝާކިރުގެ މަރާ ގުޅިގެން އިތުރު މީހަކު ހައްޔަރު ކުރުކޮށް، ހަމަ އެ މައްސަލައިގައި ހޯދަމުން އަންނަ މުހައްމަދު ހުމެއިދު ރާއްޖޭން ބޭރަށް ފުރާފައިވާ ކަމަށް "ސަން"އަށް އެނގިއްޖެ އެވެ.
ދަރުބާރުގެ ކުރިމަތިން އޮންނަ އިރުދޭމާ ހިނގުމުގައި ހިންގި މަރާމާރީއެއްގައި ތޫނުއެއްޗަކުން ހަމަލަދީ މަރާލި، ޖައިލަމް 21، ގެ މަރާ ގުޅިގެން ހޯދުމަށް ފުލުހުން އިއުލާންކޮށްފައިވާ ގއ. ވިލިނގިލި، ފިޔަޖަހާގެ، މުހައްމަދު ހުމައިދު 18، މި ވަގުތު ހުރީ ސްރީލަންކާގައި ކަމަށް ސަން އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ޖައިލަމްގެ މަރާ ގުޅިގެން ތުހުމަތުގައި ތިން ވަނަ މީހަކު ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އުމުރުން 20 އަހަރުގެ މީހަކު އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މާފަންނު ގެއެއްގެ ތެރެއިންނެވެ.
ފުލުހުން ބުނީ އިއްޔެ ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް މިއަދު ކްރިމިނަލް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.
ޖައިލަމްގެ މަރާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ ތިން ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ވަނީ އުމުރުން 22 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފަ އެވެ.
ޖައިލަމްގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން ދަނީ އެފަދަ މައްސަލަތަކުގެ ތަހުގީގު އަވަސް ކުރުމުގެ ގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގައި އެކުލަވާލާފައިވާ ޚާއްޞަ ތަހުގީގު ޓީމަކުން ކަމަށް ފުލުހުން ބުންޏެވެ.
ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ އެ ޒުވާނާގެ ހަށިގަނޑުން އެންމެ ބޮޑަށް ޒަހަމްވެފައި ވަނީ އޭނާގެ ކަރެވެ. އޭނާގެ ކަރަށް ވަޅިން ދިން ހަމަލާގައި ސިކުނޑިއަށް ލޭ ފޮނުވައިދޭ ނާރުތައް ވަނީ ބުރިވެފަ އެވެ.