11 Mar 2015, 13:27
ކުރީގެ ފިރިމީހާ މަރާލިކަން ސާބިތުވެ ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އޭނާ އިސްތިއުނާފު ކުރުމުން ހައިކޯޓުގައި ބާއްވަންޖެހޭ އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް އިތުރު އަޑުއެހުމެއް ބާއްވައިފި އެވެ.
މިއަދު ހައިކޯޓުގައި އިތުރު އަޑުއެހުމެއް ބާއްވާފައި ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް، އެ މައްސަލަ ބައްލާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރަކު ރިޓަޔާ ކުރެއްވުމުންނެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މައްސަލަ ދިރާސާ ކުރުމުގައި އިތުރުކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލީސް ކަމަށެވެ.
ނަޒާހާގެ ގާނޫނީ ވަކީލު ވިދާޅުވީ ނަޒާހާގެ ކުރީގެ ފިރިމީހާ މއ. އެދުރުގެ ހަސަން ޝާހިދަށް ނަޒާހާ ހަމަލާދިނީ އޭނާއަށް ބަޔަކު ލައްވައި ބަދުއަޚުލާގީ އަމަލު ހިންގަން އުޅޭ ފަދަ އިންޒާރެއް ޝާހިދު ކުރިން ދީފައިވާތީ ކަމަށެވެ. އަދި ކުރީގެ ފރިމީހާ ޝާހިދުގެ ފަރާތުން ނަޒާހާއަށް ބޮޑެތި އަނިޔާތަކެއް ލިބެމުން ދިޔަ ކަމަށް ވެސް ނަޒާހާގެ ވަކީލު ވިދާޅުވި އެވެ.
ނަޒާހާގެ ވަކީލުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ހާދިސާ ހިނގި ދުވަހު ކުރީގެ ފިރިމީހާ ޝާހިދު ނަޒާހާއަށް އެއްވެސް ގެއްލުމެއް ދީފައިވާކަން އެނގެން ނެތުން ނެތްކަމަށާއި އެހެންކަމުން ނަޒާހާ އެ ހަމަލާދިނީ ނަފްސުގެ ދިފާއުގައި ކަމަށް ބުނެވިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
އެ މައްސަލައިގައި ނަޒާހާގެ ފަރާތުން އެދިފައި ވަނީ އޭނާ އުމުރަށް ޖަލަށް ލުމަށް ކުރި ހުކުމް ބާތިލްކުރުމަށް ނޫންނަމަ އެ މައްސަލަ އަލުން ބެލަން ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.
ނަޒާހާ ދިރިއުޅޭ ހ. ބައިކަނޑިގޭގެ ކޮޓަރިތެރޭގައި ޝާހިދުގެ ގަޔަށް ވަޅި ހަރައި އޭނާ މަރާލާފައި ވަނީ 2010 ވަނަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ. އޭނާ މަރުވެފައި ވަނީ ހަމަލާދިންތާ ގަޑިއެއްހާއިރު ފަހުން ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ.
ޝާހިދު މަރުވި އިރު ނަޒާހާ އާއި ޝާހިދަށް ލިބިފައިވާ ދަރިފުޅަށް ވެފައި ވަނީ ދެ އަހަރެވެ.