ސަރުކާރު މަގުން ކައްސާލާނަމަ އެކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް "ބަހުސްގެ މޭޒުގައި އިށީންނަން ތައްޔާރު" ކަމަށާއި އެ ނޫން ގޮތް ގޮތަށް މަޖުބޫރުން ކަންކަން ކުރަން އުޅުމަކީ އެކަމާމެދު އިތުރަށް ވިސްނާލަންޖެހޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

"ޔޫތު ލީޑާސް ނެޓްވޯކް" އިފްތިތާހު ކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ކެބިނެޓުން މަސައްކަތް ކުރަނީ ސިޔާސީ ކަންތައްތަކެއް ހާސިލްކުރާކަށް ނޫން ކަމަށާއި އެހެން ކަމުން ސަރުކާރު ބޭނުންވާ ކަންތައްތަކެއް ކުރަން އިދިކޮޅު ފަރާތްތަކުން ޖާގަ ދޭންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ގިނަ އިގްތިސާދީ މަޝްރޫތަކެއް ގެންނަން ވައުދުވެގެން އައި ބައެއް. އަޅާލާނެ ފަރާތެއް ނެތް މީހުންނަށް ހެޔޮ އެދިގެން އައި ބައެއް. އަޅުގަނޑުމެންނަކީ ރާއްޖޭގެ ޖީޑީޕީ ދެގުނައަށް ހަދައިދިނުމަށް ވައުދުވީ ބައެއް. ހަވާސާ ވެގެންދާ އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރަން އައި ބައެއް. ސިޔާސީ ކަންކަން ފުއްދަން އައި ބައެއް ނޫން. އެހެންވީމަ މި ކަން ކަމަށް އަޅުގަނޑުމެންނަށް ޖާގަދޭން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ދާހިލީ ކަންކަމަކީ އެކަންކަން ހައްލުކުރުމަށް ބޭރުގެ ފަރާތްތަކަށް ޖާގަދީގެން ކުރެވޮގެންވާނެ ކަން ކަމެއް ނޫން ކަމަށާއި އެ ފަރާތްތަކުގެ ބަސް ހޯދަން "ސިޔާސީ މީހުން" އުޅުކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ސަރުކަރާއި ކުރީގެ ސަރުކާރުތަކުން ވެސް ތައުލީމަށް އެހާ ބޮޑު އަހައްމިއްޔަތުކަމެއް ދޭ ސަބަބަކީ އެފަދަ ކަންކަން ރާއްޖޭގެ އެތެރޭގައި މަޝްވަރާކޮށްގެން ހައްލު ކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ގައުމުގެ "ސައިކީ"އަށް އަންނަ ބަދަލަކީ ބިރުވެރިކަމާ ނާމާންކަމުގެ ތެރޭގައި ގައުމު އުޅުން ކަމަށާއި ހިތްހަމަ ނުޖެހޭ ގޮތް ގޮތަށް ކަންކަން ދިޔުމުން ހުޅުޖަހާ ރޯކުރުމަކީ އެންމެ ރަނގަޅު ކަންކަން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި އެކަމަށް ޖާގައެއް ނުލިބޭނެ ކަމަށާއި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އަމާންކަން މި ސަރުކާރުން ކަށަވަރުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަރުކާރެއް ހިންގަން ހުންނަ މީހަކު ރައްޔިތުންނަށް މިކަންކަން ކަށަވަރުކޮށްދޭން ޖެހޭނެ. އަޅުގަނޑުމެންގެ ވިސްނުމާ ރާއްޖޭގެ ދައުލަތުގެ ސައިކީއަށް އައިސްފައި މިއޮތް ބަދަލު އެބަޖެހޭ އަނބުރާ ބަދަލުކޮށްލަން. އަޅުގަނޑުމެންނަށް ދަސްވެފައި ހުރީ ވަރަށް ނުބައި އާދަ. ކަމެއް ހާސިލްކުރުމަށްޓަކާ ކޮންމެ ކަހަލަ ކަމެއް ކުރުމަކީ ވެސް ހުއްދަކަމެއް. އެ ޖެހޭނެ 'އަންލާން' ކުރަން،" ރައީސް ވިދާޅުވި އެވެ.

ކަންކަން ނިންމުމަކީ އެ އޮންނަ އުސޫލުތަކެއްގެ ތެރެއިން ކަންކަން ނިންމަން ދަސްކުރުން ކަމަށާއި ރައްޔިތުންނަށް ކަށަވަރުކޮށްދޭން ބޭނުންވަނީ މި ސަރުކާރު އައީ ދިވެހިރާއްޖެއަށް ބޭނުންވާ ކަންތައްތަކެއް ފުއްދައިދޭން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.