11 Mar 2015, 12:57
ރާއްޖޭގެ ހުރިހާ އަތޮޅުތައް ހިމެނޭ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ބަސް ކިޔުމުގެ ބާރު ލިބިދޭ ގޮތަށް ފީފާއިން އެފްއޭއެމްގެ އަސާސީ ގަވައިދަށް އިސްލާހުތަކެއް ހުށައަޅައިފިއެވެ.
އެފްއޭއެމްގެ އަސާސީ ގަވައިދު އިސްލާހުކުރުމުގައި އެހީތެރި ވެދީ، ލަފާ ދިނުމަށް ރާއްޖެ ވަޑައިންނެވި ފީފާގެ ޑެލިގޭޝަންގެ ފަރާތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެމުން، ފީފާގެ މެންބަރު އެސޯސިއޭޝަންތަކާ ބެހޭ ގޮފީގެ މެނޭޖަރު ޕްރިމޯ ކޯރވަރޯ ވަނީ މީގެ ކުރިން އެފްއޭއެމްގެ އޭޖީއެމްގައި ބަސްކިޔުމުގެ ފުރުސަތު ލިބިގެންދަނީ ހަމައެކަނި މާލޭގެ ކްލަބުތަކުން 13 ޑެލިގޭޓުންނަށް އެކަނިކަން ފާހަގަ ކޮށްފަ އެވެ.
"މިހާރު ފީފާގެ އޭޖީއެމްގައި ކްލަބްތަކުގެ ޑެލިގޭޓުންގެ ގޮތުގައި ބައިވެރި ވަނީ މާލޭގެ ކްލަބުތަކުން 13 ފަރާތް. ފީފާގެ ބޭނުމަކީ އެ އަދަދު އިތުރުކޮށް، މުޅި ރާއްޖެއަށް ވެސް އެ ފުރުސަތު ހުޅުވާލެވިގެން ދިޔުން. އެގޮތުން ރާއްޖޭގެ ނުވަ ޒޯނުން ވެސް މެންބަރުން އޭޖީއެމްގައި ހިމަނަން ވާނީ ހުށައަޅާފަ. އޭގެ އިތުރުން ރާއްޖޭގެ ފުޓްބޯޅަ އާއިލާގައި ހިމެނޭ ހުރިހާ ފަރާތްތައް ހިމެނޭ ގޮތަށް، 44 މެންބަރުންނަށް އެފްއޭއެމްގެ އޭޖީއެމްގައި ބައިވެރިވުމުގެ ފުރުސަތު ލިބިދޭގޮތަށް ވަނީ އިސްލާހުތައް ހުށަހަޅާފަ،" ޕްރިމޯ ވިދާޅުވިއެވެ.
އޭގެ އިތުރުން ޕްރިމޯ ވަނީ ފުޓްބޯޅައިގެ އާއިލާގައި ހިމެނޭ ރެފްރީންނާއި، ކޯޗުން އަދި އަންހެނުންގެ ފުޓްބޯޅަ ފަދަ ފަރާތްތަކަށް ހާއްސަ އެސޯސިއޭޝަންތައް އުފައްދައި، އެފްއޭއެމްގެ އޭޖީއެމްގައި އެ ފަރާތްތަކުން ވެސް މެންބަރުން ހިމެނުޔަމަށް ބާރު އަޅާފަ އެވެ. އަދި ރާއްޖޭގައި އެފްއޭއެމްގެ ކަންކަން ބެލުމަށް މިނިވަން އެތިކްސް ކޮމިޓީއަކާއި، ޑިސިޕްލިނަރީ ކޮމިޓީއެއްގެ އިތުރުން އެޕީލް ކޮމިޓީ ފަދަ ޖުޑިޝަރީ ކޮމިޓީތައް އުފައްދަން މަޝްވަރާކޮށްފައި ވާނެކަމަށްވެސް ޕްރިމޯ ވިދާޅުވި އެވެ.
ފީފާއިން މިހާރު ދުނިޔޭގެ ފުޓްބޯޅައިގައި އެތިކްސަށް ހާއްސަ އިސްކަމެއް ދޭކަން ފާހަގަކޮށް، އަދި އެ ފަދަ ކޮމިޓީތައް އެފްއޭއެމްގެ އެކްސްކޯއިން އިންތިހާބު ކުރުމުގެ ބަދަލުގައި، އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގައި އެ ކޮމިޓީތަކަށް މެންބަރުން އައްޔަނު ކުރާ ގޮތަށް ހުށައހަޅާފައި ވާނެ ކަމަށް ވެސް ޕްރިމޯ މައުލޫމާތު ދެއްވި އެވެ.
"މައިގަނޑު ގޮތެއްގައި އަޅުގަނޑުމެން ހުށަހެޅި އިސްލާހުތައް ބިނަވެފައި ވަނީ މުޅި ރާއްޖޭއަށްވެސް ހަމަހަމަ ފުރުސަތެއްގައި ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަމުގައި ބަސްކިޔުމުގެ ފުރުސަތު ލިއްބައިދިނުމުގެ މައްޗަށް. އެ އިސްލާހުތަކާއެކު މިހާރު ވަނީ އާ އަސާސީ ގަވައިދުގެ ޑްރާފްޓެއް އެކުލަވާލެވިފަ. އުންމީދަކީ މެއި މަހުގެ ތެރޭ އެ ޑްރާޓް ފައިނަލްކޮށް، އެފްއޭއެމަށް އެއަށް އަމަލުކުރަން ފެށޭނެ ކަމަށް،" ޕްރިމޯ ވިދާޅުވިއެވެ.
އެފްޢޭއެމްގެ އަސާސީ ގަވައިދު އިސްލާހުކުރުމުގައި އެހީތެރިވެދިނުމަށް ރާއްޖެ ވަޑައިންނަވާފައި ވަނީ ފީފާގެ މެންބަރު އެސޯސިއޭޝަންތަކުގެ މެނޭޖަރު ޕްރިމޯ ކޯރވަރޯ އާއި ފީފާގެ ރެޕްރެޒެންޓޭޓިވް ސިމޯން ސްޓޫޑަރގެ އިތުރުން އޭއެފްސީގެ މެނަބަރެކެވެ.
މިއަދު ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕްރިމޯ ވަނީ މަޝްވަރާތައް ދިޔަ ގޮތާމެދު ހިންހަމަޖެހޭ ކަމަށާއި، އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން މިހާރު މަސައްކަތްކުރަމުންދާ ގޮތާމެދު ފީފާއިން ހިންހަމަ ޖެހޭކަމަށް ބުނެފައެވެ.