17 Feb 2011, 17:19
ކަރުދާހަށް ކުރާ ހަރަދު ކުޑަކުރުމަށް، ރައްޔިތުންގެ މަޖުލީހުގައި ހިންގުނު ޗެމްބާ އޮޓޯމޭޓް ޕްރޮޖެކްޓް ހިންގުމުގައި ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ކަންކޮށްފައިވާ ކަމަށާއި ބޭނުންވާ ވަރަށް ވުރެ އިތުރަށް ސާމާނު ގަނެފައިވާ ކަމަށް ބުނާ މައްސަލައެއް އެންޓި ކޮރޮޕްޝަން ކޮމިޝަނަށާއި ފުލުހުންނަށް ހުށަހަޅައިފި އެވެ.
މަޖިލީހުގެ މެންބަރުންގެ މޭޒްތަކާއި އިދާރީ މޭޒްތައް ކޮމްޕިޔުޓާ ވިޔުގައަކުން ގުޅާލުމަށް މިދިޔަ އަހަރުގެ ފަހުކޮޅު ބިޑް ކުރި އެ ޕުރޮޖެކްޓުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ ބަޔަކު އޭސީސީ އަށް ހުށަހެޅި އެ ޑޮކިޔުމަންޓްތަކުގެ ކޮޕީއެއް ވަނީ ސަން އަށް ވެސް ލިބިފަ އެވެ.
އެ ޑޮކިޔުމަންޓްތަކުން ދައްކާ ގޮތުން ޗެމްބާ އޮޓަމޭޓް ކުރުމަށް ބޭނުންވާ ހަ ސާވާ އާއި އެހެނިހެން ސާމާނު ގަނެފައި ވަނީ އެކި ފަހަރުމަތިން ބިޑް ކޮށްގެންނެވެ. ނަމަވެސް އެ ހުރިހާ ބިޑްތަކެއް ވެސް ކާމިޔާބުކޮށްފައި ވަނީ ރޯޒްވެޔާ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ.
އެ ލިޔެކިޔުންތަކުން ދައްކާ ގޮތުން ބިޑްގައި ބައިވެރިވި ބައެއް ފަރާތްތަކުން ރޯޒްވެޔާ އަށް ވުރެ ހެޔޮ އަގު ހުށަހަޅާފައި ހުއްޓެވެ.
މަޖިލީހުގެ ޗެމްބާ އޮޓޯމޭޓް ޕްރޮޖެކްޓްގެ މައްސަލަ އޭސީސީއަށް ވައްދާފައިވާ ކަން އެ ކޮމިޝަނުންނާއި ފުލުހުން ވަނީ ޔަގީން ކޮށްދެއްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އެސިސްޓަންޓް ޑިރެކްޓާ އަހްމަދު މުސްތޮފާ މިއަދު ވިދާޅުވީ އެ ޕްރޮޖެކްޓް ހިންގާފައި ވަނީ އައިޓީ ކޮންސަލްޓެންސީ ފާމްއެއްގެ އެހީގައި ކަމަށެވެ. އެހެނަމަވެސް އެ ފާމަކީ ކޮން ފާމެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އަދި ވިދާޅުވީ އެ ޕްރޮޖެކްޓްގެ ސީދާ ތަފްސީލްތައް ދެއްވުމަށް އެވަގުތު ހުންނެވީ ތައްޔާރުވެ ވަޑައިގެން ނޫން ކަމަށެވެ. ނަމަވެސް ފަހުން އޭނާ ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ކުރިން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އެ ޕްރޮޖެކްޓަށް ޚަރަދުވާނެ ކަމަށް އެސްޓިމޭޓްކޮށްފައި ވަނީ ދެ މިލިއަން ރުފިޔާ އެވެ.
އެ މަޝްރޫއުގެ ދަށުން ކޮންމެ މެމްބަރެއްގެ މޭޒުގައި އަދި އިދާރީ މޭޒާއި މަޖިލީހުގެ ރިއާސަތުގެ މޭޒުގައި ޓަޗް ސްކްރީން އެލްސީޑީ ބަހައްޓައި ހުރިހާ ސިސްޓަމްތައް ނެޓްވޯކަކުން ގުޅާލުމުން މަޖިލީހުގެ އާކައިވް އާއި މަޖިލީހަށް ހުށަހަޅާ ބިލުތަކާއި މެންބަރުންނަށް ބޭނުވާނެ ލިޔެކިޔުންތައް ފެންނާނެ ކަމަށް ވެސް މަޖިލީހުގެ އިދާރާއިން މައުލޫމާތުދެ އެވެ.