ކޯޓުގައި އުޅޭ މައްސަލަތަކަކީ ރައީސުލްޖުމްހޫރިއްޔާއާ ބެހޭ ކަންތައްކެއް ނޫން ކަމަށާއި ހައްގު ގެއްލޭނަމަ އެކަމުގައި އިންސާފު ގާއިމް ކުރާނީ ޝަރުއީ ކޯޓުތަކުން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ޔޫތު ލީޑާސް ނެޓްވޯކު އިފްތިތާހު ކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ "އިންސާފަށް އައްޔަންކޮށްފައި ތިބޭ ބަޔަކީ ފަނޑުޔާރުން" ކަމަށެވެ. އަދި ކޯޓު ރޫމުން ބޭރުން މައްސަލަތަށް ބެލުމަށް ގޮވާލާ ގޮވާލުމަކީ ހުރި ނިޒާމުތަކަށް "އިހުތިރާމު ނުކުރުން" ކަމަށް ޔާމީން ވިދާޅުވި އެވެ.

"ދެމީހެއްގެ ދޭތެރޭގައި މައްސަލަ އުޅޭ ކަމަށްވަންޏާ، ވިޔަފާރި ކުރާ ދެމީހެއްގެ ދޭތެރޭގައި މައްސަލަ އުޅޭ ކަމަށް ވަންޏާ އަދި ދައުލަތާ އެހެން ފަރާތަކާ ދޭތެރޭ މައްސަލަ އުޅޭ ކަމަށް ވަންޏާ، އެމައްސަލއަކީ ޖިނާއީ މައްސަލައަކަށް ވިޔަސް އަދި މަދަނީ ބަދަލެއް ލިބެންޖެހޭ މައްސަލައަކަށް ވިޔަށް އެމައްސަލަ އެއް ފައިސަލާކޮށްފައި ނިންމާނީ ކޯޓުން،" ޔާމީން ވިދާޅުވި އެވެ.

ކޮންމެ ކަމަކީ މަގުމަތިން ގަދަބާރުން ނިންމާ ކަމެކޭ ބުނާ ބުނުން "މާޒީގެ ތެރެއަށް ދޫކޮށްލަން ޖެހޭ"ކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ އަމާން ރައްޔިތެއް ބިނާ ކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ކުރުމަށް ބަދަލުކުރަން ބޭނުން ވާ ކަންކަން ނިޒާމުގެ ތެރެއިން ކުރަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާކަން ކުރާ މީހެއްގެ އުމުރުގައި މައްސަލައެއް އުޅޭ ކަމަށް ވަންޏާ، އުމުރުފުރަ ބަދަލުކުރުމަކީ ނިޒާމުގެ ތެރެއިން ކުރަންޖެހޭ ކަމެއް، އެއީކީ ގާނޫނާ ހިލާފުކަމެއް ވެސް ނޫން އަދި ގާނޫނުގެ ރޫހާ ހިލާފުކަމެއް ވެސް ނޫން،" ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއިން ބޭރު ފަރާތްތަކަށް ޖާގަދީގެން، ބޭރުފަރާތްތަކުގެ ބަސްހޯދަން ކުރާ މަސައްކަތަކީ ނިޒާމުން ބޭރުން ކުރާ މަސައްކަތް ކަމަށާއި އެކަން ހުއްޓާލަން ޖެހޭކަމަށް ޔާމީން ވިދާޅުވި އެވެ. ރާއްޖޭގެ އިސްތިގުލާލަށް އެއްވެސް ކަހަލަ އުނިކަމެއް އަންނަ ކަމެއް ކުރަން "ބޭރު ބަަޔަކަށް ޖާގައެއް ނުދޭނެ" ކަމަށް ޔާމީން މިއަދު ވިދާޅުވި އެވެ.

"ދިވެހި ރާއްޖޭގެ ވެރިކަމުގެ ނިިޒާމު ބަދަލުވެގެން ދިޔައީ ގާނޫނީ އިމުގެތެރެއިން ބަލަންތޯ ވެސް ބޭރުގެ ފަނޑިޔާރުން އަންނަން ޖެހިއްޖެ. އެކަމު މި ރާއްޖެއަކީ މިނިވަން ދައުލަތެކޯ، ދިވެހިންނަށް ނިންމޭވަރު ކަމަކަށް އެކަމެއްވެސް ނުވި،"