11 Mar 2015, 12:07
މިދިޔަ ފެބުރުއަރީ މަހު ލިބޭނެ ކަމަށް ކުރިން އަންދާޒާކޮށްފައިވާ އަދަދަށް ވުރެ ލިބުނު އާމްދަނީ 17.6 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.
މީރާގެ ތަފާސް ހިސާބްތައް ދައްކާ ގޮތުން ނިމިދިޔަ ފެބުރުވަރީ މަހުގެ އާމްދަނީގެ ގޮތުގައި ޖުމުލަ 905.7 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެއީ އަހަރުން އަހަރަށް ބަލާ އިރު 84.7 ޕަސެންޓް އިތުރު އަދަދެކެވެ. އަންދާޒާކުރި އާމްދަނީއަށް ވުރެ 17.6 ޕަސެންޓް ދަށް އަދަދެކެވެ.
ލިބުނު އާމްދަނީ ދަށަށް ދިއުމާ ގުޅޭ ގޮތުން މީރާ އިން ބުނީ ޖީއެސްޓީގެ ސުންގަޑިއަކީ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހަށްވާ އިރު އެދުވަސް ހަފްތާ ބަންދާ ދިމާވުމުގެ ސަބަބުން އެ ސުންގަޑި މި މަހުގެ އެއްވަނަ ދުވަހަށް ބަދަލުވުމުގެ ސަބަބުން ފެބުރުވަރީ މަހު ލިބެން ޖެހޭ އާމްދަނީގެ ބައެއް މި މަހުގައި ލިބިފައިވުން ހިމެނޭ ކަމަށެވެ. ހަމައެހެންމެ ޖެނުއަރީ މަހު ރާއްޖެ އަށް ޒިޔާރަތްކުރާނެކަމަށް އަންދާޒާކުރެވުނު އަދަދަށް ވުރެ 17 ޕަސެންޓް މަދުން ފަތުރުވެރިން އައިސްފައިވުމުގެ ސަބަބުން ޓޫރިޒަމާ ގުޅޭ އާމްދަނީތައް ދަށްވެފައި ވުން ވެސް ހިމެނޭ ކަމަށް މީރާ އިން ބުންޏެވެ.
މި ފެބުރުވަރީ މަހު މިދިޔަ އަހަރުގެ އެ މުއްދަތައް ވުރެ އާމްދަނީ އިތުރުވެފައިވާ ސަބުތަކަކީ މިދިޔަ ނޮވެމްބަރު މަހު ޓޫރިޒަމް ޖީއެސްޓީ ނަގާ މިންވަރު 12 ޕަސެންޓަށް ބޮޑުކޮށްފައިވާ އިރު ޓޫރިޒަމް ޖީއެސްޓީ ބަލައިގަނެފައިވާ އަދަދު 32.7 ޕަސެންޓް އިތުރުވުން ހިމެނެ އެވެ. ހަމައެހެންމެ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ ޖީއެސްޓީ ބަލައިގަނެފައިވާ މިންވަރު 18.9 ޕަސެންޓް އިތުރުވުމާއި، ބަލައިގަނެފައިވާ ބީޕީޓީގެ އަދަދު 232 ޕަސެންޓް އިތުރުވުމުގެ އިތުރުން މިދިޔަ އަހަރު އެމުއްދަތުގައި ބަލައިގަނެފައި ނުވާ ލީސް ޕީރިއަޑް އެކްސްޓެންޝަން މިދިޔަ މަހު ބަލައިގެންފައިވާ ކަމަށް މީރާގެ ތަފާސް ހިސާބްތަކުން ދައްކަ އެވެ.
މިދިވޭތުވެ ދިޔަ ފެބުރުވަރީ މަހުގައި އެންމެ ގިނައިން އާމްދަނީ ލިބިފައި ވަނީ ޖީއެސްޓީ އިންނެވެ. އެ ދާއިރާ އިން 378.82 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި، 190.17 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ބީޕީޓީގެ ގޮތުގައި 188.28 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޖުމްލަ އާމްދަނީގެ ނިސްބަތުން ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 34.42 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެއާޕޯޓް ސާވިސް ޗާޖުގެގޮތުގައި 33.88 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިއަހަރުގެ މިހާތަނަށް މީރާ އިން 2.45 ބިލިއަން ރުފިޔާ ބަލައިގަނެފައިވެ އެވެ. މިއީ 2014 ވަނަ އަހަރުގެ ފުރަތަމަ ދެ މަހުގައި މީރާއިން ބަލައިގަނެފައިވާ އަދަދަށް ވުރެ 36.2 ޕަސެންޓް އިތުރު އަދަދެކެވެ.