11 Mar 2015, 12:06
ގްރޫޕް ހައިދައިގެން ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގަން މަސައްކަތް ކުރި ކަމަށް ތުހުމަތުކުރެވޭ ހަ މީހަކު ތޫނު ހަތިޔާރާއެކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެ ހަމީހުން ހައްޔަރު ކުރީ މާލެތެރެ ޕެޓްރޯލު ކުރަމުންދިޔަ ފުލުހުންނަށް އެ ހަމީހުންގެ އަމަލުތައް ހުރި ގޮތުން ތުހުމަތު ކުރެވިގެން އެމީހުންގެ ހަރަކާތްތައް ބަލަމުން ދަނިކޮށް، ފަތިހު 4:25 ހާއިރު، ފުލުހުންނަށް ފިލަން މާލޭ ގެއެއްގެ ތެރެއަށް ވަތްތަނުން ނެވެ.
ސަންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހުން ފިލަން ވަދެފައިވަނީ މާފަންނު ގެއެއްގެ ތެރެއަށެވެ.
މާރާމާރީގެ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ދެ ފިރިހެނުންނާއި 22 އަހަރުގެ ފިރިހެނެއްގެ އިތުރުން 19 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ އެމީހުން ފިލަން ވަތްގެއިން ހަ މީހުން ހައްޔަރުކޮށް އެމީހުން ތިބި ގެ ބަލައިފާސްކުރިއިރު އެގޭތެރެއިން ގިނަ އަދަދެއްގެ ތޫނު ހަތިޔާރު ފެނިފައިވާއިރު، އެގޭގެ ތެރެއިން ކަތިވަޅިއާއި ވަޅިތަކެއްގެ އިތުރުން މޫނު ނިވާކުރުމަށް ބޭނުންކުރާ މާސްކުތަކެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލާގައި ހައްޔަރު ކުރި 20 އަހަރުގެ މީހާއަކީ މާރާމާރީ މައްސަލައެއްގައި ގޭ ބަންދުގައި ހުރި މީހެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާއަކީ މުދަލަށް ގެއްލުން ދިނުމާއި ބަނގުރާ ބުއިމާއި ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ހިފައިގެން މާރާމާރީ ހިންގުމާއި ފޭރުމާއި ވައްކަމުގެ އިތުރުން ޓްރެފިކް މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން ވެސް އެ މައްސަލައިގައި ހައްޔަރު ކުރި 30 އަހަރުގެ މީހާއަކީ ބިރު ދައްކައިގެން ގިނަ ޢަދަދެއްގެ ފައިސާ ފޭރިގެންފައިވާ މައްސަލައެއްގެ ރެކޯޑްސް އޮންނަ މީހަކަށް ވާއިރު 22 އަހަރުގެ މީހާއަކީ ބަނގުރާ ގެންގުޅުމާއި ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ. އަދި 19 އަހަރުގެ މީހާއަކީ މާރާމާރީ މައްސަލައެއްގައި ގޭބަންދަށް ބަދަލުކޮށްފައިވާ މީހަކަށްވާއިރު އޭނާއަކީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.