11 Mar 2015, 11:03
ހއ. ދިއްދޫގެ ސަހަރާ ފުރިގެން މީހުން ވަލުލުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނާތީ ސަރުކާރުން އެކަން ހައްލު ކުރުމަށް ބަޖެޓް ހަމަޖައްސައިދީ އެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝިނާން މިއަދު ސަން އަށް ވިދާޅުވީ 2012 ވަނަ އަހަރުން ފެށިގެން އެ ރަށުގެ ސަހަރާ ފުރި މީހުން ވަޅުލުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީ އިން މިހާރު ބަޖެޓް ހަމަޖައްސާދީފައިވާ ކަމަށެވެ. އެގޮތުން ދިއްދޫ ކައުންސިލް އިން އެދުނު މިންވަރު ކަމަށްވާ ހަތަރު މިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސުން ހަމަޖައްސައި ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
ޝިނާން ވިދާޅުވީ ބަޖެޓު ހަމަޖެހުމާ އެކު ކުރިއަށްއޮތް މަސް ދުވަސްތެރޭގައި މަސައްކަތް ފެށިގެންދާނެ ކަމަށެވެ. ކައުންސިލްގެ ވިސްނުންހުރީ އުސް ބައުންޑުރީއެއް ރާނައި އިތުރަށް ފަސް އެޅުން ކަމަށާއި އޭރުން 30 ވަރަކަށް އަހަރަށް ސަހަރާގެ ކަންތައް ހައްލުވާނެ ކަމަށް ޝިނާން ވިދާޅުވި އެވެ.
ދިއްދޫގައި 4091 މީހުން ދިރިއުޅޭއިރު އެރަށަކީ ހއ. އަތޮޅުގެ އަތޮޅު ހޮސްޕިޓަލް ވެސް ހުންނަ ރަށެވެ. ޝިނާން ވިދާޅުވީ އަހަރެއްގެ މައްޗަށް 40 ވަރަކަށް މީހުން އެރަށު ސަހަރާގައި ވަޅުލަން ޖެހޭ ކަމަށެވެ. ނަމަވެސް 2012 ވަނަ އހަަރުން ފެށިގެން އެރަށު ސަހަރާ ފުރި މީހަކު ވަޅުލަން ބޮޑު ދަތިތަކަކާއި ވަނީ ކުރިމަތިވެފައެވެ.