ރިޔާޒް (މާޗް 11) : ސައޫދީ އަރަބިޔާގައި ހަމަނުޖެހުމާއި ގަޑުބަޑު އުފެއްދުމުގެ ފުރްސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމުގެ އިންޒާރު އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދެއްވައިފި އެވެ.
ސައޫދީ ރަސްމީ ޓީވީ މެދުވެރިކޮށް ރައްޔިތުންނަށް ދެއްވި ޚިތާބެއްގައި ސަލްމާން ރަސްގެފާނު ވިދާޅުވީ ދުނިޔޭގެ އެތަށް ގައުމެއްގައި ހަމަނުޖެހުމާއި ޓެރަރިޒަމްގެ ޖަރީމާތައް އާންމުވަމުން ދިޔުމުގެ ސަބަބުން އެގައުމުތައް ހަލާކުވަމުން ދާއިރު އެކަން ސައޫދީ އަރަބިޔާގައި ހިނގުމުގެ ފުރްސަތު ނުދެއްވާނެ ކަމުގަ އެވެ.
ސައޫދީ ސަރުކާރުންވަނީ އެގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ބައެއް ގައުމުތައްވަދެ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރާކަމުގެ ތުހުމަތުކޮށްފަ އެވެ. ނަމަވެސް އެއީ ކޮންގައުމުތަކެއްކަން ސއޫދީ ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. ސައޫދީ އަރަބިޔާގައި ވެރިކަންކުރާ ވިރާޘީ ރަސްކަމުގެ ނިޒާމާ ދެކޮޅަށް އަޑުއުފުލާ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ދީނީ ފިކުރުގެ މީހުންނާއި ހުޅަނގުން ޕްރޮމޯޓްކުރާ ލާދީނީ ފިކުރުގެ މީހުންވެސް ހިމެނެ އެވެ. ރަސްކަމުގެ ނިޒާމާ ދެކޮޅަށް އަޑުއުފުލާ ދީނީ ފިކުރުގެ މީހުން މައިގަނޑު ގޮތެއްގައި ނިސްބަތްވަނީ އިޚްވާނުލްމުސްލިމޫން ޖަމާއަތަށެވެ.
އިޚްވާން ޖަމާއަތަކީ މީގެ 80 ވަރަކަށް އަހަރު ކުރިން މިސްރުގައި އުފެދުނު އިސްލާމީ ފިކުރުގެ ސިޔާސީ ޖަމާއަތެކެވެ. ނަމަވެސް އަރަބި ގިނަ ގައުމުތަކުގައި އެފިކުރު އަށަގަތުމުގެ ސަބަބުން އިޚްވާނުލްމުސްލިމޫން ނަމުގައި ސިޔާސީ ޖަމާއަތްތައް އުފައްދައި އަރަބި ގިނަ ގައުމުތަކުގައި އެޖަމާއަތްތައް ސިޔާސީ ގޮތުން ޙަރަކާތްތެރިވަމުން ގެންދެ އެވެ. ސައޫދީ ރަސްކަމުގެ ނިޒާމާ ދެކޮޅަށް އަޑުއުފުލާ ލާދީނީ ފިކުރުގެ މީހުންނަކީ ހުޅަނގުން ޕްރޮމޯޓްކުރާ ލެބެރަލް ޑިމޮކްރަސީގެ ފިކުރަށް ތަބާވާ ފަރާތްތަކެވެ. އެފަރާތްތަކުން ހުޅަނގުގެ ލެބެރަލް ފިކުރު ޕްރޮމޯޓް ކުރަނީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި އެކަންކަން ޝިޢާރަކަށް ހަދައިގެންނެވެ. ސައޫދީ ރަސްކަމުގެ ނިޒާމަށް އިސްލާޙީ ބަދަލުތަކެއް ގެންނަމުން ނުދާ ނަމަ އެގައުމުގައި ވެސް ދާޚިލީ ހަމަނުޖެހުންތައް ފެށުމުގެ ފުރްސަތު އޮތްކަމަށް މުޙައްލިލުން ދެކެ އެވެ.

ދެހާސް އެގާރަ ވަނަ އަހަރުގެ ރަބީއުގައި އަރަބި ބައެއް ގައުމުތަކަށް އައި ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ އޮއިވަރުތަކާގުޅިގެން އަރަބި އެތައް ގައުމެއް ވަނީ ހަނގުރާމައާއި ތަޅާފޮޅުމާއި ލޭއޮހޮރުވުންތަކެއްގެ ތެރެއަށްވެއްޓި ރައްޔިތުން ޙާލުގައި ޖެހިފަ އެވެ. އޭގެކުރިން އިރާގަށް ޑިމޮކްރަސީ ގެންނާނެ ކަމަށްބުނެ އެމެރިކާ 2003 ވަނަ އަހަރު އިރާގަށް އަރައި ސައްދާމް ޙުސައިންގެ ޚުދުމުޚްތާރު ނިޒާމު ވައްޓާލުމާއެކު އިރާގު ވަނީ ޓެރަރިސްޓުންގެ ހާއްޔަކަށް ބަދަލުވެ ގައުމުގެ ރައްޔިތުން ބިކަވެފަ އެވެ. އަދި އިރާގުގެ ތަރައްގީގެ އިންފްރާސްޓްރަކްޗަތައް މުޅިން ފުނޑުފުނޑުވެ ދޮޅު މިލިޔަނަށް ވުރެ ގިނަ ކުށެއްނެތް ރައްޔިތުން މިކަންތައް ގަނޑުގައި އިރާގުގައި މަރުވެގެން ގޮސްފައިވާ އިރު އަވަށްޓެރި އީރާންވަނީ އެގައުމަށް ނުފޫޒު ފޯރުވާން ފަށާފަ އެވެ. އަދި އައިއެސް ޖަމާއަތް އުފެދި އެޖަމާއަތް ވަނީ އިރާގުގެ ތިންބައިކުޅަ އެއްބައި ބިންތައް ހިފާފަ އެވެ.


ސޫރިޔާގައި އުފެދުނު ހަމަނުޖެހުންތަކާ އެކު އެގައުމުވެސް ވަނީ ދިގުލީ ދާޚިލީ ހަނގުރާމައިގެ ތެރެއަށްވެއްޓި ރައްޔިތުން ބިކަވެފަ އެވެ. ލީބިޔާ ވެސް ވަނީ މިޙާލަތަށް ގޮސްފަ އެވެ. މިސްރުވެސް ވަނީ ބޮޑު ހަމަނުޖެހުންތަކެއްގެ ތެރެއަށްވެއްޓިފަ އެވެ.
ސަލްމާން ރަސްގެފާނު ވިދާޅުވީ އެއްވެސް ރަޙުމެއްނެތި އޭނާގެ ސަރުކާރުން ޓެރަރިޒަމާ ދެކޮޅަށް ފިޔަވަޅުއަޅާނެ ކަމަށާ އަދި ދީނުގެ ނަމުގައި ވެސް އަދި އެހެން ނަންތަކުގައި ވެސް ހަމަނުޖެހުންތައް އުފެއްދުމުގެ ފުރްސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމުގައެވެ. މާތްވެގެންވާ އިސްލާމް ދީނަކީ ހަމަޖެހުމާއި ސުލްޙައިގެ ދީނެއް ކަމަށްވެސް ސަލްމާން ރަސްގެފާނު ވިދާޅުވި އެވެ. (ސައޫދީ މީޑިޔާ)