11 Mar 2015, 10:39
މަރުގެ އަދަބު ތަންފީޒުކުރުމަށް ބޭނުން ކުރާ އިންޖެކްޝަން ލިބުން ދަތިވެފައި ވާތީ، އެ އިންޖެކްޝަން ނުލިބޭ ހާލަތުގައި ބަޑި ޖަހައިގެން ވެސް މަރުގެ އަދަބު ތަންފީޒުކުރަން އެމެރިކާގެ ސްޓޭޓެއްގައި ފާސްކޮށްފި އެވެ.
އެމެރިކާގެ ޔޫޓާ ސްޓޭޓްގެ ޕާލަމެންޓުން އިއްޔެ އެގޮތަށް ފާސްކުރީ 18 މެމްބަރުންގެ ތާއީދާއި އެކުގަ އެވެ. އެގޮތަށް ފާސް ނުކުރުމަށް ވޯޓް ދިނީ 10 މެމްބަރުންނެވެ.
ޔޫޓާގެ ސެނެޓަށް އެ ބިލު ހުށަހެޅި މެމްބަރު ޕައުލް ރޭ ބުނެފައި ވަނީ ބަޑި ޖަހައިގެން މަރުގެ އަދަބު ތަންފީޒު ކުރުމަކީ އިންޖެކްޝަން ޖެހުމަށް ވުރެ މާ އޯގާތެރި ގޮތެއް ކަމަށެވެ. އެގޮތުން ލީތަލް އިންޖެކްޝަންތަކެއް ރަނގަޅަށް މަސައްކަތް ނުކުރުމުގެ ސަބަބުން އެތައް އިރަކުން މަރުވި ބައެއް ހާދިސާތައް އޭނާ ފާހަގަކޮށްފައިވެ އެވެ.
ޔޫޓާގައި ބަޑިޖަހައިގެން މަރުގެ އަދަބު ތަންފީޒު ކުރެވޭ ގޮތަށް ބިލެއް ފާސްކޮށްފައި މިވަނީ އެ ސްޓޭޓްގައި އެކަން ހުއްޓައިލިތާ 10 އަހަރަށް ވުރެ ގިނަވީ ފަހުންނެވެ. އެ ބިލު ގާނޫނަކަށް ވެއްޖެ ނަމަ ޔޫޓާ ވެގެންދާނީ އެމެރިކާގައި އެގޮތަށް މަރުގެ އަދަބު ތަންފީޒުކުރާ ހަމަ އެކަނި ސްޓޭޓަށެވެ. ނަމަވެސް އެ ބިލު ގާނޫނަކަށް ވާނެ ކަމެއް އަދި ނޭނގެ އެވެ. އެއީ އެ ސްޓޭޓްގެ ގަވާނާ ގޭރީ ހާބާޓް ބިލު ތަސްދީގު ކުރާނެ ކަމެއް ނޭނގޭތީ އެވެ.
މަރުގެ އަދަބު ތަންފީޒުކުރުމަށް ބޭނުންވާ އިންޖެކްޝަން އުފައްދަމުން ދިޔަ ކުންފުނިތަކުން އެކަން ހުއްޓައިލުމާ ގުޅިގެން އިންޖެކްޝަން ލިބުމުގެ ދަތިކަން އެމެރިކާގެ ބައެއް ސްޓޭޓްތަކަށް ވަނީ ކުރިމަތިވެފަ އެވެ. (އޭޕީ)