11 Mar 2015, 10:37
ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބްގެ ހެޑް ކޯޗަކަށް މީގެ ކުރިން ބުރުނާއި ގައުމީ ޓީމަށް ކޯޗުކަން ކޮށްދިން ބޮސްނިއާގެ ރައްޔިތެއް ކަމަށްވާ އާމިރު އަލަގިޗް ހަމަޖައްސައިފި އެވެ.
ނިއުއަށް އާ ކޯޗެއް ހަމަޖެއްސިކަން މިއަދު އެ ކްލަބުން ރަސްމީކޮށް ހާމަކޮށްފައިވާ އިރު، ނިއުއިން ބުނީ އާމިރުގެ އިރުޝާދުގެ ދަށުން ކްލަބު ރަސްމީކޮށް ތަމްރީނުތައް ފަށާނީ އަންނަ ހުކުރު ދުވަހު ކަމަށެވެ.
އާމިރަކީ ބޮސްނިއާގެ 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ކޯޗުކަން ކޮށްދިނުމަށް ފަހު، މި ސީޒަންގައި މިހާރު ޖަރުމަނުގެ ބުންޑަސްލީގާގެ އަށް ވަނައިގައި އޮތް ކްލަބެއް ކަމަށްވާ އެސްވީ ވަރޑާ ބްރެމެންއަށް ވެސް ކޯޗުކަން ކޮށްދީފައިވާ ތަޖުރިބާކާރު ކޯޗެކެވެ.
ޖަރުމަނާއި ބޮސްނިއާގެ އިތުރުން އާމިރު އަކީ އޭޝިއާ ސަރަހައްދުން އިންޑިއާގެ އީސްޓް ބެންގަލް އާއި އޯމާންގެ ކްލަބް ސޮހާރު އަދި ކުވެއިތުގެ އަލް ނަސީރު ކްލަބަށްވެސް ކޯޗުކަން ކޮށްދީފައިވާ ކޯކެވެ. އަދި މި އަހަރު އިންޑިއާގެ ގައުމީ ޓީމަށް ކޯޗެއް ހޯދުމަށް އެ ގައުމުގެ އެފްއޭއިން ހެދި ޝޯޓްލިސްޓުގައިވެސް އާމިރު ވަނީ ހިމެނިފަ އެވެ.
ހުކުރު ދުވަހު ރަސްމީކޮށް ކްލަބާ ގުޅުމަށް ފަހު، އާމިރުގެ އިރުޝާދުގެ ދަށުން ނިއު ކުޅޭނެ އެންމެ ފުރަތަމަ މެޗަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ހަތަރު ވަނަ މެޗެވެ. އެ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު އެ ޓީމް ނިކުންނާނީ މިޔަންމާގެ ކްލަބެއް ކަމަށްވާ އަޔަޔެވަދީ ޔުނައިޓަޑާ ދެކޮޅަށް، މާލެ ރަސްމީ ގަލޮޅު ދަނޑުގަ އެވެ.
ނިއުއަށް މިދިޔަ އަހަރުގެ ޕްރެސިޑެންޓްސް ކަޕް މިލްކު ކޮށްދިނުމުގެ އިތުރުން، އެ ކްލަބަށް ޖެހިޖެހިގެން ތިން ވަނަ އަހަރަށް ދިވެހި ލީގު ކާމިޔާބުކޮށްދިން ފިންލޭންޑުގެ ކޯޗް މިކާ ލޮންސްޓްރޮމް އެ ކްލަބުން ދޫކޮށްލާފައި ވަނީ މިމަހުގެ ކުރީކޮޅު އެވެ. މިކާގެ އިތުރުން އެ ކްލަބްގެ އެސިސްޓަންޓް ކޯޗް އިސްމާއިލް އަނިލްވެސް ނިއުރޭޑިއެންޓުން ވަނީ ދޫކޮށްލާފަ އެވެ.