11 Mar 2015, 10:36
މިހާރު މާލޭގައި ކުރިއަށްދާ އެއްވުންތަކާއި މުޒާހަރާތަކުގައި ފުލުހުންގެ މަސައްކަތަށް ހުރަސްއަޅައި، ފުލުހުންނާ ކުރިމަތިލުމަށް މުޒާހަރާ ކަވަރު ކުރާ ނޫސްވެރިން މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.
މުޒާހަރާތަށް ކަވަރު ކުރުމުގައި ފުލުހުން ނޫސްވެރިންނަށް ދަތިކުރަމުންދާ ކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެން، މީޑިއާ ކައުންސިލުގެ ރައީސާ ބައްދަލު ކުރައްވާ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވީ މުޒާހިރާތަކާ އެއްވުންތަކުގައި ޙަރަކާތްތެރިވާ ނޫސްވެރިންނަށް އެއްވުންތަކުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ދެވޭތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް ފުލުހުންގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް ފާޅުގައި ބައެއް ނޫސްވެރިންނާ ކެމެރާމަނުން ޙަރަކާތްތެރިވާ ކަމަށާއި ފުލުހުންނާ ކުރިމަތިލުމަށް ބައެއް ނޫސްވެރިން މަސައްކަތް ކުރާ ކަމަށް ހުސައިން ވަހީދު ވިދާޅުވި އެވެ.
"އެފަދަ ފަރާތްތައް ފާހަގަކުރެވޭ ވަރަށް ފޮޓޯ އާއި ވީޑިއޯ ފުލުހުންގެ އަތުގައި ހުރި ނަމަވެސް އެތަކެތި ޢާއްމު ނުކުރައްކާ ވަނީ މަޞްލަޙަތަށް އިސްކަން ދިނުމާއެކު މީޑިއާތަކަށް ވެސް އެތަންތަނުގެ މުވައްޒަފުން ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން،" ސީޕީ ހުސައިން ވަހީދު ވިދާޅުވި އެވެ.
ސީޕީ އިތުރަށް ވިދާޅުވީ އޮންލައިން ނޫސްތަކާ ޓީވީ ސްޓޭޝަންތަކާއި ރޭޑިއޯ ސްޓޭޝަންތައް އިތުރުވެ ނޫސްވެރިންނާ މީޑިއާގެ ފަރާތްތައް ގިނަވަމުންދާއިރު މުޒާހިރާތަކާ އެއްވުންތައް ކަވަރ ކުރުމުގައި ގިނަ ޢަދަދެއްގެ ނޫސްވެރިން ޙަރަކާތްތެރިވާ ކަމަށާއި އެކަމުގެ ސަބަބުން ފުލުހުންގެ މަސައްކަތަށް ހުރަސް އެޅޭ ކަމަށެވެ. އަދި އެއްވުންތަކުގައި ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން މަސައްކަތް ކުރާ ކަމަށާއި އެހެން ނަމަވެސް ނޫސްވެރިން ފުލުހުންގެ އަޑު ނާހާކަމަށް ހުސައިން ވަހީޑު ވިދާޅުވި އެވެ.
"ނޫސްވެރިންނަށް ރައްކާތެރިކަން ދިނުމަށް މަސައްކަތްކުރާއިރު މީޑިއާގެ ބައެއް ފަރާތްތަކުން ބޭނުންވަނީ ފުލުހުން ކަނޑައަޅާ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދުތަކުގައިތިބި ފުލުހުންގެ ޙަރަކާތްތައް ކުރިޔަށް ގެންދަން ހުރަސް އަޅަން،" ސީޕީ ވިދާޅުވި އެވެ.
މީޑިއާތަކުން އެއްވުނަތަށް ކަވަރު ކުރުމަށް ފޮނުވާ ފަރާތްތަކުގެ އަހުލާގީ ފެންވަރަކީ ކޮބާތޯ މީޑިއާ ތަކުން ނުބަލާކަން ފާހަގަކޮށް ހުސައިން ވަހީދު ވިދާޅުވީ އިވެންޓުތައް ކަވަރ ކުރުމުގައި ޢަމަލުކުރަންޖެހޭ ޤާނޫނީ ހަމަތަކާ އުޞޫލުތައް ވެސް އޮޅުންފިލުވައި ދިނުމުން މިހާރު ކުރިމަތިވަމުންދާ މައްސަކަތަށް ހައްލުވެގެން ދާނެ ކަމަށެވެ.
މީޑިއާ ކައުންސިލުންނާ ބްރޮޑްކާސްޓިންގ ކޮމިޝަނުން އަދި ފުލުހުންވެސް މަޝްވަރާކޮށްގެން، މިހާރު ނޫސްވެރިންނަށާއި މީޑިއާތަކަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށް ޒިންމާދާރު ނޫސްވެރިކަމެއް ކުރެވޭނެގޮތަށް މަސައްކަތްތައް ބައްޓަންކުރުމުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެ ބައްދަލުވުމުގައި ވަނީ އެއްބަސްވެފަ އެވެ.