17 Feb 2011, 17:01
ކައިވެންޏަށް ރަންކީތާ ހަތް ދުވަސް ތެރޭގައި ގެސްޓް ހައުސްއެއްގެ ތިން ވަނަ ބުރިން ވެއްޓުނު ޒުވާނަކު ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
އެމްއެންޑީއެފްގައި ވަޒީފާ އަދާކުރަމުން އަންނަ ޅ. ކުރެންދޫ ސްޓާ، އިބްރާހިމް ޝިފާން 21، މަރުވީ މއ. ވައްފަރު ގެސްޓް ހައުސްގެ ތިން ވަނަ ބުރިން ވެއްޓި، އޭނާގެ ބޮލަށް ލިބުނު ޒަޚަމްތަކަށް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ރޭ އިރާކޮޅު އެވެ.
ޝިފާންގެ އާއިލާ އިން ބުނީ އޭނާ މަރުވީ ކައިވެނި ކުރަން އޮތް ދުވަހު ކަމަށާއި ނަމަވެސް ޕާޓީ ބާއްވާ ގޮތަށް ހަމަޖައްސާފައި އޮތީ ރަށުގައި ތިބި އޭނާގެ ބައްޕަ މެންނަށް އާދެވުމުން ކަމަށެވެ.
ޝިފާން ރަން ކީއީ ގދ. ފަރެސް މާތޮޑާ ކުއްޖެއް ކަމަށް އެނގިފައިވެ އެވެ. އަދި އެ ކުއްޖާ މާލޭގައި އުޅެނީ ކުއްޔަށް ކަމަށް ވެސް ވެ އެވެ.
ޝިފާންގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނީ ޝިފާން މަރުވި ފަހުން އޭނާ ރަން ކީ އަންހެން ކުއްޖާ އެއްވެސް މީހަކާ ވާހަކަ ނުދައްކާ ކަމަށެވެ.
ޝިފާން ވެއްޓުނީ ކަމެއް ނުވަތަ ފުންމާލިކަން އަދި ނޭނގެ އެވެ.