11 Mar 2015, 09:59
ލަންޑަން (މާޗް 11): ރަޝިޔާއަކީ އިނގިރޭސިވިލާތުގެ ގައުމީ ސަލާމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމަށް އިނގިރޭސި ޚާރިޖީ ވަޒީރު ފިލިޕް ހާމޮންޑް ސިފަކުރައްވައިފި އެވެ.
ލަންޑަންގައި ކުރިޔަށްދިޔަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ހާމޮންޑް ވިދާޅުވީ ރަޝިޔާފަދަ ނިއުކްލިޔަރ ބޮޑު ބާރެއް އިނގިރޭސިވިލާތުގެ އަމަނާއި ގައުމީ ސަލާމަތަށް ނުރައްކާކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށާއި އެނުރައްކަލާ ކުރިމަތިލުމަށް އިނގިރޭސިވިލާތް ތައްޔާރުވާންޖެހޭ ކަމަށެވެ.
އެގޮތުން ރަޝިޔާގެ އަސްކަރީ ގާބިލްކަން ހުރިމިންވަރާއި އިނގިރޭސިވިލާތާމެދު ރަޝިޔާގެ ނިޔަތް ހުރިގޮތް ބެލުމުގެ އިތުރުން ރަޝިޔާގެ އަމަލުތަކާއި ސުލޫކު ވެސް އިނގިރޭސި ޖާސޫސީ އިދާރާތަކުން ވަރަށް ގާތުން ބަލަމުންގެންދާނެ ކަމަށް ހާމޮންޑް ވިދާޅުވިއެވެ.
ރަޝިޔާއަކީ 1991 ގައި ރޫޅިގެންދިޔަ ކުރީގެ ސޮވިއެޓް ޔުނިޔަންގައި ހިމެނުނު 15 ގައުމުގެ ތެރޭން ބިމުގެ ގޮތުންނާއި އާބާދީގެ ގޮތުން އެންމެ ބިޔަ، ވަސީލަތްތައް ގިނަ އަދި އަސްކަރީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުންނާ އަދި އިގްތިސާދީގޮތުން އެންމެ ބާރުގަދަ ގައުމެވެ. ރަޝިޔާގެ ބިމުގެ ސަރަހައްދަކީ ވެސް ގާތްގަނޑަކަށް މުޅިދުނިޔޭގެ ހިކިފަސްތަނުގެ ހަ ބައިކުޅަ އެއްބަ އެވެ. އަދި މުޅި ދުނިޔެއަށް ބަލާއިރު ވެސް ގުދްރަތީ ގޭހުގެ ރިޒާވް އެންމެ ބޮޑީ ރަޝިޔާގަ އެވެ. އަދި ރަޝިޔާއަކީ ތެލުގެ ރިޒާވް ވެސް ވަރަށް ބޮޑު އަދި އެނޫން ވެސް ތަފާތު މަޢްދަންތައް ވެސް ގިނަ ގައުމެކެވެ.
މިހާރުގެ ރަޝިޔާއަކީ އެމެރިކާއާ އެއްވަރަށް ނިއުކްލިޔަރ ހަތިޔާރާއި އެހެނިހެން ސްޓްރެޓީޖިކް ހަތިޔާރު ވެސް ހުރި އަދި އެމެރިކާ ފިޔަވައި ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ހަތިޔާރު އުފައްދާ ގައުމެވެ. މިހާބޮޑު އަދި ބާރުގަދަ ގައުމެއް އިނގިރޭސިވިލާތުގެ އަމަނާއި ގައުމީ ސަލާމަތަށް ނުރައްކާ ކުރާ ގައުމެއްގެ ގޮތުގައި އިނގިރޭސި ޚާރިޖީ ވަޒީރު ސިފަކުރެއްވުމަކީ ޔޫރަޕްގެ އަމަނާއި ސަލާމަތަށް ލޮޅުން އެރުމުގެ ފުރްސަތު ބޮޑު ކަމެއްކަމަށް މުރާސިލުން ސިފަކުރެއެވެ.
ކުރީގެ ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމަށްފަހު އިނގިރޭސިވިލާތާއި އެމެރިކާއާ އަދި ހުޅަނގުގެ އެހެން ބާރުތައް ގުޅިގެން މަސައްކަތް ކުރަމުން އައީ ހުޅަނގުން ބައްޓަން ކޮށްފައިވާ ބައިނަލްއަގްވާމީ ނިޒާމުގައި ހުޅަނގު އެދޭ ގޮތެއްގެ މަތިން ރަޝިޔާ ބައިވެރިކުރުމަށާއި ހުޅަނގުގެ ޑިމޮކްރަސީގެ ފިކުރުތައް ރަޝިޔާއަށް އެކްސްޕޯޓްކޮށް އެފިކުރުތައް ރަޝިޔާގައި ފެތުރުމަށެވެ. މިކަމުގައި ހުޅަނގަށް ކާމިޔާބީތަކެއް ލިބުނު ނަމަވެސް ރަޝިޔާގެ އަވަށްޓެރި ގައުމުތައް ނޭޓޯއަށް ވައްދައި ނޭޓޯގެ އަސްކަރީ ދައުރު ފުޅާކޮށް ރަޝިޔާ ވަށާލުމަށް ނޭޓޯ މަސައްކަތް ކުރަނީ ހުޅަނގުގެ ނުބައި ރޭވުމެއްގެ ދަށުންކަމުގެ އިޙްސާސް ރަޝިޔާ ކުރަން ފެށުމާއެކު ހުޅަނގާއި ރަޝިޔާގެ ގުޅުންތައް ގޯސްވާން ފެށިއެވެ.
މިގުޅުންތައް އެންމެ ބޮޑަށް ގޯސްވެގެން ދިޔައީ ރަޝިޔާގެ އަވަށްޓެރި ޔުކްރޭންގައި އޮތް ރަޝިޔާއަށް ތާއީދުކުރާ ސަރުކާރު ވައްޓާލައި ހުޅަނގަށް ތާއީދުކުރާ ސަރުކާރެއް އެގައުމުގައި ގާއިމްކޮށް ޔުކްރޭން ނޭޓޯއަށް ވައްދައިގެން އަސްކަރީގޮތުން ރަޝިޔާ ޙިސާރު ކުރުމުގެ މަސައްކަތް ފާޅުގައި ހުޅަނގުން ފެށުމާ ގުޅިގެންނެވެ. ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންވަނީ ޔުކްރޭނަކީ ރަޝިޔާގެ ޖިޔޮސްޓްރެޓީޖިކް ސަރަހައްދުގައިވާ ގައުމަކަށްވާތީ އެގައުމަށް ބާރާއި ނުފޫޒު ފޯރުވައިގެން ރަޝިޔާ އަސްކަރީ ގޮތުން ޙިސާރު ކުރުމުގެ ފުރްސަތު ހުޅަނގަށް ނުދެއްވާނެ ކަމުގެ އިންޒާރު ދީފައެވެ.
މީގެއިތުރުން އެމެރިކާއާއި ނޭޓޯ ގުޅިގެން ގެންދަނީ މިސައިލް އައްޑަނައިގެ ނަމުގައި ރަޝިޔާގެ އަވަށްޓެރި ޕޮލެންޑްގައި ވެސް އަސްކަރީ ހަރަކާތްތަކެއް ހިންގަމުންނެވެ. ރަޝިޔާއިންވަނީ މިއީ އެގައުމުގެ އަމަނާއި ސަލާމަތަށް ނުރައްކާކުރުމަށް ނޭޓޯއިން ހިންގާ ހަރަކާތްތަކެއް ކަމަށް ސިފަކޮށްފައެވެ.
ރަޝިޔާގެ ފަރާތުން އަސްކަރީ އުނދަގޫތައް ކުރިމަތިވާކަމުގެ ޝަކުވާތައް އިނގިރޭސި ސަރުކާރުން ކުރަން ފެށީ މިހިސާބަށް ނޭޓޯއާއި ހުޅަނގުގެ އަސްކަރީ ހަރަކާތްތައް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން ރަޝިޔާގެ ޖާސޫސީ މަތިންދާ ބޯޓުތައް އިނގިރޭސިވިލާތުގެ ވައިގެ ސަރަހައްދާ ގާތްވެ އަދި ބައެއްފަހަރު ގަވައިދާ ޚިލާފަށް އިނގިރޭސި ވައިގެ ސަރަހައްދަށް ރަޝިޔާގެ ޖާސޫސީ އަދި އަސްކަރީ ބިޔަ މަތިންދާބޯޓުތައް ވަންނަ ކަމުގެ ތުހުމަތުވެސް އިނގިރޭސި ސަރުކާރުން ރަޝިޔާގެ މައްޗަށް ވަނީ ކޮށްފައެވެ.
ރަޝިޔާއަކީ އިނގިރޭސިވިލާތުގެ އަމަނާއި ގައުމީ ސަލާމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމަށް އިނގިރޭސި ސަރުކާރުން ސިފަކޮށްފައިވާ މިދަނޑިވަޅުގައި އިނގިރޭސި ސިފައިންވެސް ހިމެނޭގޮތަށް ނޭޓޯއިން ގެންދަނީ ރަޝިޔާއާ އިންވެގެންވާ ބޯލްޓިކްގެ ގައުމުތަކުގައި އަސްކަރީ ތަމްރީންތަކެއް ކުރިޔަށް ގެންދަމުންނެވެ. މީގެއިތުރުން ޔޫރަޕްގެ އިއްތިޙާދުގެ ބައެއް މަސްއޫލުވެރިންވަނީ ރަޝިޔާއާ އަސްކަރީ ގޮތުން ކުރިމަތިލުމަށްޓަކައި ޔޫރަޕްގެ ޚާއްސަ ލަޝްކަރެއް އެކުލަވާލުމަށްވެސް ގޮވާލައްވާފައެވެ.
ޔޫރަޕްގެ ބައެއް އަސްކަރީ ތަޖްރިބާކާރުންވަނީ ރަޝިޔާއާ އަސްކަރީ ގޮތުން ކުރިމަތިލައިގެން ޔޫރަޕަށް ކާމިޔާބު ލިބުމަކީ މުސްތަޙީލް ކަމެއްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. (ނޫސްއެޖެންސީތައް)