11 Mar 2015, 09:46
ކްރިސްޓިއަނުންގެ އާބާދީ ގިނަ ޔޫރަޕުގެ ގައުމެއް ކަމަށްވާ ފިންލޭންޑުގެ ގައުމީ ރޭޑިއޯ އިން ކީރިތި ޤުރުއާންގެ ތަރުޖަމާ ފުރަތަމަ ފަހަރަށް ގެނެސްދީފި އެވެ.
އިސްލާމްދީނާ މެދު މީހުން ހޭލުންތެރި ކުރުވުމަށް ފިންލޭންޑުގެ ގައުމީ ރޭޑިއޯ، ވައިއެލްއީ އިން ގުރުއާނުގެ ތަރުޖަމާ އެއްކޮށް ގެނެސްދީފައި ވަނީ 60 ބަޔަށް ބަހާލައިގެންނެވެ. ބައެއްގައި ބައިގަޑި އިރު ހިމެނޭއިރު، ކޮންމެ ބަޔަކާ ގުޅޭގޮތުން ފިންލޭންޑުގެ އިސްލާމިކް ސޮސައިޓީގެ ބޭފުޅެއް ކަމަށްވާ، އިމާމް އަނަސް ހަޖަރު މައުލޫމާތު ދެއްވަ އެވެ.
އެ އޯގަނައިޒޭޝަންގެ ޗެއާމަން މުހައްމަދު ހުސެއިން އުމަރު ވިދާޅުވީ، އެކަމަކީ މީހުންނަށް އިސްލާމްދީނާއި އިސްލާމްދީނުގެ އަގީދާތައް ވިސްނައި ދިނުމަށް ރަނގަޅު ގޮތެއް ކަމަށެވެ.
އާބާދީގައި ގާތްގަނޑަކަށް 5.5 މިލިއަން މީހުން ދިރިއުޅޭ ފިންލޭންޑުގައި ގާތްގަނޑަކަށް 50،000 އާއި 60،000 އާ ދެމެދުގެ އަދަދަކަށް މުސްލިމުން ދިރިއުޅެ އެވެ. އެ ގައުމުގައި މިސްކިތެއްގެ ގޮތުގައި ބޭނުން ކުރަނީ 1940 އަހަރުގެ ތެރޭގައި އިމާރާތްކުރި މިސްކިތެކެވެ. މިސްކިތެއްގެ ގޮތުގައި ދެން ބޭނުންކުރަނީ ކުރީގެ ސްކޫލްތަކާއި ސިނަމާތަކެވެ.
މައުލޫމާތު: އެސޯސިއޭޓެޑް ޕްރެސް (އޭޕީ)