ހުވަފެނުން ދެކެމުން އަންނަ ދިގު އިސްތަށިގަނޑު ދެން ހުވަފެނުން ނުބަލާށެވެ. އަވަހަށް އިސްތަށިގަނޑު ދިގުކުރެވިދާނެ ގޮތެއް އެބަ އޮތެވެ. އިސްތަށިގަނޑު ދިގުކުރުމަށާއި އިސްތަށި ފޭބުން މަދުކޮށް ވަރުގަދަކުރުމަށް ބައެއް ކާނާ ބޭނުން ކުރެވިދާނެ އެވެ.

އެވަކާޑޯ
ވިދުން ގަދަ ދިގު އިސްތަށުގަނޑެއް ބޭނުން ނަމަ އެވަކާޑޯ ބޭނުން ކުރުމަށް އާދަ ކުރާށެވެ. އެވަކާޑޯ އަކީ އޭގައި ގިނަ ފައިދާތަކެއް އެކުލެވޭ މޭވާ އެކެވެ. އެގޮތުން ދިގު އިސްތަށިގަނޑެއް ބޭނުން ނަމަ އެވަކާޑޯ ކެއުމުގެ ބަދަލުގައި އިސްތަށިގަނޑުގައި ހާކާށެވެ. އަދި ރަބަރު ކަވަރެއް ކަހަލަ އެއްޗަކުން އިސްތަށިގަނޑު ފޮރުވާ ވެސް ލެވިދާނެ އެވެ. އޭރުން އިސްތަށިގަނޑަށް އެވަކާޑޯގެ އަސަރު ކުރާލެއް ބޮޑު ވާނެ އެވެ.

ބިހުގެ ގޮބޮޅި
އިސްތަށިގަނޑު ވަރުގަދަވެ ބޯވުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެމެވެ. ހަމަ އެހެންމެ އިސްތަށި ފައިބާ ނަމަ ކަންބޮޑުވެ އެވެ. އެހެންކަމުން އިސްތަށިގަނޑު ވަރުގަދަ ކުރުމަށް ޓަކައި ބިހުގެ ގޮބޮޅި އިސްތަށިގަނޑުގައި ހާކާށެވެ. އެހެންނަމަވެސް ބިހުގެ ހުދުބައި އެހާގިނައިން ކުއުމުގައި ބޭނުން ނުކުރުމަށް ސަމާލުވާން ޖެހެ އެވެ. ސަބަބަކީ އިސްތަށިގަނޑު ވަރުގަދަކުރުމަށް ބޭނުންވާ އެއް މާއްދާ ކަމުގައިވާ ބައޮޓިން ހަށިގަނޑުން މަދުކޮށްލާ އެއްޗަކަށް ބިހުގެ ހުދުބައި ވާތީ އެވެ.

އާމަންޑް
ބިހުގެ ގޮބޮޅިއެކޭ އެއްގޮތަށް އާމަންޑަކީ ވެސް އިސްތަށިގަނޑު ދިގުކޮށް ވަރުގަދަ ކުރުމަށް ބޭނުން ކުރެވިދާނެ ކާނާ އެކެވެ. ދުވާލާކު އެއް ޖޯޑުގެ އާމަންޑްސް ބޭނުން ކުރުމުން އިސްތަށިގަނޑު ވަރުގަދަވެގެން ދާނެ ކަމަށް ސިއްހީ މާހިރުން ލަފާދެއްވަ އެވެ.

ސަންފްލާވާ ސީޑް
ނިއުޓްރިޝަނިސްޓުންގެ ދިރާސާތަކުން ދައްކާގޮތުން ވިޓަމިން އީ ގިނަ އަދަދަކަށް އެކުލެވޭ ސަންފްލާވާ ސީޑަކީ ހަމަ އެކަނި އިސްތަށިގަނޑު ވަރުގަދަކުރުވާ އެއްޗެއް ނޫނެވެ. އިސްތަށިގަނޑުގެ ބުޑު ވަރުގަދަކޮށްދީ އިސްތަށި ފޭބުމުން ސަލާމަތް ވުމަށްވެސް ސަންފްލާވާ ސީޑް ބޭނުން ކުރެވިދާނެ އެވެ.

ކައްޓަލަ
އިސްތަށިގަނޑު ވަރުގަދަ ކުރުމާއި އިސްތަށިގަނޑު ދިގުކޮށް ބެހެއްޓުމަށް ބޭނުންވާ މާއްދާއެއްކަމަށްވާ ވިޓަމިން އޭ ގިނަ އަދަދަކަށް އެކުލެވޭ ކައްޓަލަ ވަރުގަދަ އިސްތަށިގަނޑެއް ބޭނުންވާ ނަމަ ބޭނުން ކުރާށެވެ. ކާމިޔާބު ވާނެ އެވެ.

ރީނދޫ ބެލް ޕެޕާ
އެކި ކުލަކުލަ ހިމެނޭ ތަރުކާރީގެ ބާވަތެއް ކަމަށްވާ ބެލް ޕެޕާ ނުވަތަ ރީނދޫ ބޮޑު މިރުހެއް ކައިފި ނަމަ އޮރެންޖެއް ކެއުމުން ލިބޭ ވިޓަމިން ސީގެ ފަސްގުނަ އިތުރުވެގެންދެ އެވެ. އިސްތަށި ބުރިވެ ހަލާކުވުމުގެ ކަންކަން ދިމާވާ ނަމަ ގިނައިން ވިޓަމިންސީ އެކުލެވޭ ކާނާގެ ބާވަތްތައް ބޭނުންކުރުމަށް މާހިރުން ލަފާދެއްވަ އެވެ. އެހެން ކަމުން އިސްތަށި ގަނޑު ހަލާކުވުމުގެ މައްސަލައާ ދިމާވާނަމަ ބެލްޕެޕަ ބޭނުން ކުރާށެވެ.

އޮޔިސްޓާ
އިސްތަށިގަނޑު ދިގުކޮށް ބެހެއްޓުމަށް ބޭނުންވާ މާއްދާ އެއް ކަމަށްވާ ޒިންކް ހަށިގަނޑުން ދައްވެއްޖެ ނަމަ އިސްތަށި ފޭބުމާއި އިސްތަށިގަނޑު ދެރަވުން ފަދަ މައްސަލަތަށް ދިމާވެ އެވެ. އެހެންކަމުން އިސްތަށިގަނޑު ވަރުގަދަ ކުރުމަށް ޓަކައި އޮޔިސްޓާ ނުވަތަ ރެނދަލީގެ މަސް ބޭނުން ކުރާށެވެ.