11 Mar 2015, 09:32
އެމްޑީޕީ މަޖިލިސް މެންބަރުން ތާޅަފިލި އަދި ދުންމާރިއާއެކު މިއަދު ވެސް ރައްޔިތުންގެ މަޖިލީހުގައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލަން ގޮވާލާ މިއަހަރަށް މަޖިލިސް ހުޅުވުނު ދުވަހުން ފެށިގެން ޖަލްސާ އޮއްނަ ކޮންމެ ދުވަހަކު އެމްޑީޕީގެ މެންބަރުން ދަނީ އިހުތިޖާޖު ކުރަމުންނެވެ. އެމްޑީޕީގެ ބައެއް މެންބަރުން ބުނާ ގޮތުން ކުރީގެ ރައީސް ނަޝީދު ދޫކޮށްލަންދެން އެބޭފުޅުން އިހުތިޖާޖު ކުރާނެ އެވެ.
އެމްޑީޕީގެ މެންބަރުންގެ އަމަލުތަށް އެހެން ހުރި އިރު، އިދިކޮޅި ޕީޕީއެމުން އެ ދުވަހަށް އެޖެންޑާ ކުރެވޭ މައްސަލައަކަށް ބަހުސް ކުރެއްވުމަށް ތިއްބަ ވަނީ "ހެޑްސެޓް" އަޅައިގެންނެވެ. އަދި ތާޅަ ފިލި ދުންމާރީގެ އަޑުނާހާ ކޮންމެ ދުވަހަކު ވެސް އެޖެންޑާ ކުރެވޭ މައްސަލައެއް ކުރިއަށް ގެންދަވަ އެވެ. ޕީޕީއެމްގެ މެންބަރުން ބުނަމުން ދަނީ އެމްޑީޕީ މެންބަރުންގެ އިހުތިޖާޖުގެ ސަބަބުން މަޖިލީހުގެ މަސައްކަތަށް ބުރޫ އެރިޔަ ނުދޭނެ ކަމަށެވެ.
ކުރީގެ ސަރުކާރު ކޯލިޝަނުުގައި ހިމެނިވަޑައިގަން އަދި މިހާރު އެމްޑީޕީއާ އެކު ޖޮއިން ކޯލިޝަނެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ މެންބަރުން މަޖިލީހުގައި މާބޮޑު މަސައްކަތް ތަކެއް ކުރާތަނެއް ނުފެނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރެވިފައި ވަނީ ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ހުށަހަޅުއްވާފައިވާ އާއިލާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ އެވެ.