11 Mar 2015, 09:30
އާ ފައިސާގެ 'ސީރީޒް'ތައް އާ ގަވަރުނަރުންގެ ސޮއިތަކާ އެކު ފެނުމަކީ އާ ކަމެއް ނޫނެވެ. ފަހުގެ ތާރީހުގައި މިކަން ދެތިން ފަހަރެއްގެ މަތިން ހިނގާފައި ވެސް އެބަހުއްޓެވެ. ހާއްސަކޮށް ޒަމާނަށް މިއަންނަ ބަދަލާ އެކު ފައިސާގެ ސަލާމަތީ ފެންވަރު ހަރުދަނާ ކުރުމަށް ފަހުގެ ތާރީހުގައި ވެސް ފައިސާއަށް ބައެއް ބަދަލުތައް ގެނެސްފައި އެބަހުއްޓެވެ. ނަމަވެސް ވޭތުވެ ދިޔަ ދިގު މާޒީގައި ވެސް ދިވެހިންނަށް ތައާރަފްނުވާ ކަމެއް މިއަހަރު ތައާރަފް ވާނީ އެވެ. އެއީ 1000 ރުފިޔާގެ ނޫޓެއް ތައާރަފްކޮށް ފަސް ރުފިޔާގެ ނޫޓް އުވައިލާން ނިންމީ އެވެ. އެކަން ރަސްމީކޮށް އިއުލާން ކޮށްފައިވާ އިރު ގޭގޭ ސިޓިންރޫމްތަކުން ފެށިގެން ގޮސް ސައިހޮޓާތަކުގައި އެވާހަކަ އެކި ގޮތްގޮތަށް އެބަ ދެކެވެ އެވެ. އެއްބަޔަކު ކަންބޮޑުވަނީ ތަކެތީގެ އަގުތައް މަތިވެދާނެތީ އެވެ. އަނެއް ބަޔަކު ކަންބޮޑުވަނީ 500 ރުފިޔާ މާރުކުރަން އުނދަގޫވެގެން އުޅޭ އިރު 1000 ރުފިޔާ މާރުކުރާނެ ގޮތަކާ މެދު އެވެ.
"ފުންކޮށް ވިސްނައިލައިފި މީހަކަށް މިކަމުގެ އަސްލު ޙަގީގަތް އެގޭނެ. ގައުމެއްގެ ފައިސާގެ އަގުދަށްވުމުން މަތީ އަދަދުތަކުގެ ނޯޓްތަކަށް ބަރޯސާވާން ޖެހޭ. ކައިރީގައި މި އޮތް ލަންކާއިން މިއޮތީ އެ މަންޒަރު ފެންނަން. އެންމެ މަތީ ނޫޓަކީ 5000 ގެންގުޅެނީ 5 ރުޕިއާ އާއި 10 ރުޕިއާގެ ފައިސާފޮތި. ލާރި ކިޔާ އެއްޗެއް ނޯވޭ. ރާއްޖޭގެ ފައިސާގެ މިސްރާބު ހުރީ ހަމަ މިދިމާލަށް،” އެއްހާސް ރުފިޔާގެ ނޫޓް ތައާރަފްކުރަން ނިންމިކަމަށް ސަންގައި ޝާއިރު ކުރި ޚަބަރަށް ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވެ އެވެ.
ޒިންބާބުއޭގައި އެއް ނޫޓެއްގެ މޫނުމަތީ އަގުގެ ގޮތުގައި "100 ޓްރިލިއަން" ލިޔެފައިވާ ފައިސާ އެބަހުއްޓެވެ. އިންޑޮނޭޝިއާ ޑޮލަރު މާރު ކުރުމުން އެއްލައްކަ ރުޕިއާ އެއްނޫޓެއްގެ ގޮތުގައިދެ އެވެ. މިއީ އިންތިހާއަށް އިންފްލޭޝަން ރޭޓް މަތިގައުމުތަކެވެ. އަވަށްޓެރި ގައުމުތަކަށް ބަލާއިރު 5000 ރުފިޔާ އެއްނޫޓެއްގެ ގޮތުގައި ބޭނުންކުރާ ގައުމުތައް ވެސް އެބަހުއްޓެވެ. އެ ގައުމުތަކަކީ ވެސް ރާއްޖޭގެ ނިސްބަތުން ތަކެތީގެ އަގުތައް ބޮޑު އަދި ޑޮލަރު ރޭޓް ބޮޑު ގައުމުތަކެވެ. އިންޑޮނީޝާއިން ފެންފުޅިއެއް ލިބެނީ ގާތްގަނޑަކަށް 2000 ރުޕިއާ އަށެވެ. އެމިސާލުން މިސާލް ދައްކައި ގިނަ ބަޔަކު ބުނަމުން އަންނަނީ ރާއްޖެއަށް އަލަށް 1000 ނޫޓް ތައާރަފްކުރުމަކީ ރާއްޖޭގެ ތަކެތީގެ އަގު ބޮޑުވުމުގެ ހެކިތައް ކަމަށެވެ.
ބައެއް އިގްތިސާދީ ތަޖުރިބާ ކާރުން ދެކޭ ގޮތާއި، ބައެއް އާންމުންގެ ކަންބޮޑުވުމާއި ގުޅުމެއް އެބަހުއްޓެވެ. އެގޮތުން އެބޭފުޅުން ވިދާޅުވާ ގޮތުގައި 1000 ރުފިޔާގެ ނޫޓް ތައާރަފް ކުރަން ޖެހޭ ސަބަބެއް ކަމަށް ގަބޫލް ކުރެވެނީ ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް މަތިވާތީ އެވެ. ހަމަ އެހެންމެ އެއީ ދިވެހި ރުފިޔާގެ އަގު ދަށަށް ދާނެ ކަމެއް ކަމަށާއި ރާއްޖެއަކީ މުޅިންވެސް އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު ފައިސާ އަގު ދަށަށް ދާނެ ފަދަ އެއްވެސް ކަމެއް ކުރުމަކީ ގަބޫލް ކުރެވޭކަމެއް ނޫން ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ.
"އެއްވެސް ކަހަލަ ސްޓްރޯންގު އިކޮނޮމީ އޮތް ގައުމެއްގައި އިތުރުވެގެން ނުދާނެ 1000 ނޫޓެއް. އަނެއްކާ ތިބޭފުޅުން ބައްލަވާ ކޮން ބަޔަކު ތޯ އުޅުނީ 1000 ނޫޓް ތައާރަފް ނުކޮށްގެން. މިސާލަކަށް މަސް ވެރިއެއް ވިޔަސް ނުވަތަ ބޮޑު ވިޔަފާރިވެރިއެއް ވިޔަސް 1000ގެ ނޫޓް ތައާރަފް ނުވެގެން 500 ރުފިޔާގެ ނޫޓް ކުޑަވެގެން އުޅޭ އަޑެއް ނާހަން،" އިގްތިސާދީ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ އަދި ދައުލަތުގެ އިސްމަގާމްތަކެއް ފުރުއްވާފައިވާ ބޭފުޅަކު ވިދާޅުވި އެވެ.
އެއީ ބައެއް ބޭފުޅުންގެ ވިސްނުމެވެ. އަލަށް 1000 ރުފިޔާ ނެރެން ނިންމުމާގުޅޭ ގޮތުން މޯލްޑިވުސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ވިދާޅުވީ، ފަސް ރުފިޔާ އުވާލަން ނިންމީ އެއީ މިހާރު މާރުކުރާ ނޫޓަކަށް ވުމުން ކަމަށެވެ. އަދި 1000 ރުފިޔާ ތައާރަފް ކުރަން ނިންމީ ބޮޑެތި ފައިސާގެ މުއާމަލާތް ކުރައްވާ ފަރާތްތަކަށް ފަސޭހައަކަށް ކަމަށެވެ.
"ދިރާސާ އިން ދައްކާގޮތުން ފަސް ރުފިޔާގެ ނޫޓް މިހާރު ވަނީ މާރުކުރާ ޑިނޯމިނޭޝަން އަކަށް ބަދަލުވެފައި. އެހެންކަމުން ފަސް ރުފިޔާގެ ނޫޓުގެ ބަދަލުގައި ފަސް ރުފިޔާގެ ފައިސާ ފޮއްޗަކަށް ބަދަލު ކުރަން ވަނީ ނިންމާފައި. އަދި މަތީ ވިޔަފާރި މުއާމަލާތްތައް އިތުރުވުމުގެ ސަބަބުން 1000 ރުފިޔާގެ ނޫޓެއް މި ސީރީޒްގައި ހިމަނަން ޖެހޭނެ ކަމަށް ދިރާސާއިން ދައްކާ،" ގަވަރުނަރު އަޒީމާ ވިދާޅުވި އެވެ.
އިގްތިސާދީ ބައެއް ތަޖުރިބާ ކާރުން 1000 ރުފިޔާގެ ނޫޓާ އެކު ކަންބޮޑުވުން ފާޅުކުރާއިރު އަނެއްބައި ތަޖުރިބާކާރުން ދެކެނީ އެއީ ރަނގަޅު ކަމެއްގެ ގޮތުގަ އެވެ. އެބޭފުޅުން ދެކިވައިގަންނަވާ ގޮތުން 1000 ރުފިޔާގެ ނޫޓް ތައާރަފް ކުރުމަކީ އެއްވެސް ގޮތަކަށް ތަކެތީގެ އަގުތައް ބޮޑުވުމެއް ނޫނެވެ. އެބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި ނޫޓުގެ އަގު ބޮޑުކުރަން ނިންމުމުން ހާމަވާ އެއްޗަކީ ބޮޑެތި ޓްރާންސްސެކްޝަންތައް ނަގުދު ފައިސާ އިން ހިންގަމުން އަންނަ ކަމެވެ. އެގޮތަށް ފައިސާ އަށް ބަދަލު އައުމުން ބޮޑެތި ފައިސާގެ މުއާމަލާތްތައް ކުރާ ފަރާތްތަކަށް ލުއިފަސޭހަ ވެގެން ދާނެ ކަމަށް އެފަރާތްތަކުން ދެކެއެވެ.
އެއްހާސް ރުފިޔާ ތައާރަފް ކުރުމާ އެކު ތަކެތީގެ އަގުތައް މައްޗަށް ޖެހިލާނެ ކަމަށް ބައެއް ފަރާތްތަކުން ގަބޫލް ކުރިއަސް، އެކަމަކާ ފައިސާގެ ނޫޓް ބޮޑުކުރުމަކާ ގުޅުމެއް ނެތެވެ. އެގޮތުން މިހާރުގެ އިންފްލޭޝަނަށް ބަލާ އިރު އެނިޝާންތައް ނުފެންނަ ކަމަށް އެބޭފުޅުންދެކެ އެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހާ ހިސާބަށް އަހަރު ދުވަހުގެ އިންފްލޭޝަން 1.4 ޕަސެންޓްއަށް މައްޗަށް ޖެހިފައިވާ އިރު މި އަހަރު އެ މިންވަރު ހުންނާނީ 4.5 ޕަސެންޓްގައި ކަމަށް އެމްއެމްއޭއިން ބުނެ އެވެ. އެއީ ރާއްޖޭގެ އިގްތިސާދަށް އާ ކަމެއް ނޫންކަށާއި އެވަރުން އިންތިހާއަށް އަގުތައް މަތިވެގެންދާނެ ކަމަށް އެބޭފުޅުން ގަބޫލެއް ނުކުރައްވަ އެވެ.
"އެއްހާސް ރުފިޔާގެ ނޫޓް ތައާރަފް ކުރުމަކީ އިންފްލޭޝަނަށް ބަދަލު އަންނަ ކަމުގެ ހެއްކެއް ނޫން. ރާއްޖޭގެ އިގްތިސާދު ހުރިހާ މީހުން ބަލާ މިންގަނޑުން ވެސް ވަރަށް ބޮޑަށް ރަނގަޅުވެފައި މިއޮތީ. މިދިޔަ އަހަރު އަހަރެމެންގެ އިންފުލޭޝަން ވަރަށް ބޮޑަށް ހިފެހެއްޓިފައި ހުރީ. މީގެ ކުރީ އަހަރުތަކުގައި ހަމަ އަރަމުން އަރަމުން ދިޔައީ. ދެން ސީދާ ނޫޓަށް އެއްޗެކޭ ބުނާ ނަމަ ނޫޓް އެއްހާހަށް ހެދުމަކީ އިގްތިސާދު ދަށަށްދާ ކަމުގެ ހެއްކެއް ކަމަށް ގަބޫލެއް ނުކުރަން،" ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފު ވިދާޅުވި އެވެ.
ކޮންމެއަކަސް 1000 ރުފިޔާގެ އާ ނޫޓެއް ތައާރަފް ކުރުމުގެ ބަހުސް މިވަނީ ބޮޑު ބަހުސަކަށްވެފަ އެވެ. ބައެއް ތަޖްރިބާކާރުން ސިފަކުރައްވާ ގޮތުގައި އެއީ އިގްތިސާދަށް އޮތްބިރެކެވެ. ތަކެތީގެ އަގުތައް ބޮޑުވާނެ ކަމުގެ ހެއްކެއް ކަމަށެވެ. ނަމަވެސް އަނެއްބައި ތަޖުރިބާކާރުން އެކަމާ ދެކޮޅު ހައްދަވަ އެވެ. އެބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި 1000ގެ ނޫޓް އުފައްދަން ޖެހޭ ސަބަބަކީ އަދިވެސް ނަގުދު ފައިސާ އިން ބޮޑެތި ޓްރާންސެކްޝަންތަކެއް ހަދަމުން އަންނާތީ އެވެ. އެހެންކަމުން އަލަށް ތައާރަފްކުރާ 1000 ރުފިޔާގެ ނޫޓާ އެކު އެފަދަ ވިޔަފާރިތަކަށް ފަސޭހަވެގެން އަންނާނެ ކަމަށް އެބޭފުޅުން ދެކެ އެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި 1000 ރުފިޔާގެ ނޫޓް ތައާރަފު ކުރިޔަސް އޭގެ ސަބަބުން އިގްތިސާދުގައި ދައުރުވާ ފައިސާ، ނުވަތަ "މަނީ ސާކިއުލޭޝަން"އަށް ބަދަލެއް ނާންނަ ކަމަށްވަންޏާ އޭގެ ސަބަބުން އިންފްލޭޝަނަކަށް އަސަރެއް ނުކުރާނެ އެވެ. ކޮންމެ އަކަސް އޮކްޓޫބަރު މަހު އެ ފައިސާ ބާޒާރަށް ނުކުންނާނެއެވެ. ނަތީޖާ ބަލަމާތޯ އެވެ.