ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ ވިއްކާ އަގު ބޮޑުކޮށްފި އެވެ.

އެސްޓީއޯއިން މިއަދު ބުނީ ތެލުގެ އަގަށް ބަދަލު ގެނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ކަމަށެވެ. އެގޮތުން ޕެޓްރޯލާއި ޑީސަލް ލީޓަރަކުން އެއް ރުފިޔާ ބޮޑުކޮށްފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އަލަށް ގެނައި ބަދަލާއެކު އެސްޓީއޯ އިން މީގެ ކުރިން 10 އަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއް މިހާރު ވަނީ، 11 ރުފިޔާ އަގު އަގު ބޮޑުވެފަ އެވެ. އަދި ކުރިން 10 ރުފިޔާއަށް ވިއްކި ޑީސަލް ލީޓަރެއްގެ އަގު ވެސް ވަނީ 10 އިން 11 އަށް ބޮޑުވެފަ އެވެ.

އެސްޓީއޯ އިން ތެލުގެ އަގު ބޮޑުކޮށްފައިވާއިރު މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ތެލުގެ އަގަށް ގެންނަން ފަށާފައިވާ ބަދަލުގެ ދަށުން ތެލުގެ އަގު ފަސް ފަހަރަށް ހެޔޮކުރި އެވެ. އޭރު އެސްޓީއޯއިން ބުނަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެވީ ކަމަށެވެ.

ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ކުރިއަށްވުރެ ބޮޑުވެފައިވާއިރު ކައިރި މުސްތަގްބަލެއްގައި ތެލުގެ އަގު މައްޗަށްދާނެކަމަށް ތެޔޮ އެކްސްޕޯޓްކުރާ ގައުމުތަކުގެ ޖަމިއްޔާ (އޯޕެކް)އިން ވަނީ މިހާރު ބުނެފައެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބްތަކަށް ބަލާ އިރު މިދިޔަ މަހު ރާއްޖެ އަށް އިމްޕޯޓްކުރި މުދަލުގެ ތެރެއިން އަގުގެ ގޮތުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ތެލުގެ ބާވަތްތަކަށެވެ. އެއީ 517.6 މިލިއަން ރުފިޔާ ކަމަށްވާ އިރު އެއީ މިދިޔަ މަހު ރާއްޖެ އަށް އެތެރެކުރި ތަކެތީގެ 22 ޕަސެންޓެވެ.