މިދިޔަ އަހަރު އެމެރިކާގެ އެންމެ ކާމިޔާބު ފިލްމުގެ އިތުރުން، މިދިޔަ އަހަރުގެ އެންމެކާމިޔާބު ހަނގުރާމަ މަތީ ފިލްމުގެ މަގާމް "އެމެރިކަން ސްނައިޕާ" އަށް ލިބިއްޖެ އެވެ.

އެކަޑަމީ އެވޯޑްސްގައި ދެ ފަހަރު އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ހޯދާފައިވާ ކްލިންޓް އީސްޓްވުޑް ޑައިރެކްޓްކޮށްފައިވާ އަދި ބްރެޑްލީ ކޫޕާ ފެނިގެންދާ، ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމް، "އެމެރިކަން ސްނައިޕާ" މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމަކަށް ވެފައިވަނީ، އެ ފިލްމަށް ލިބުނު 337.2 މިލިއަން ޑޮލަރުގެ ފައިދާ އާއެކުގަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ނުކުތް އެ ފިލްމު އެ މަގާމް ހޯދާފައިވަނީ، ހަންގާ ގޭމްސްގެ އެންމެ ފަހުން ނުކުތް ފިލްމު، "ހަންގާ ގޭމްސް: މޮކިންޖޭ – ޕާޓް 1" ބަލިކުރުމަށްފަހު އެވެ. އެ ފިލްމަށް މިދިޔަ އަހަރު ލިބިފައިވަނީ 336.8 މިލިއަން ޑޮލަރެވެ.

މީގެ އިތުރުން، އެ ފިލްމަށް މުޅި ދުނިޔެއިން ލިބުނު 500.1 މިލިއަން ޑޮލަރުގެ ފައިދާއާއެކު، އެ ފިލްމު ވެފައިވަނީ މިހާތަނަށް ރިލީޒްކުރި ހަނގުރާމަ މަތީ ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމަށެވެ.

އެ ރިކޯޑް ކުރިން އޮތީ، ސްޓީވަން ސްޕިލްބާގު ޑައިރެކްޓްކޮށް 1998 ވަނަ އަހަރު ރިލީޒްކުރި ފިލްމް، "ސޭވިން ޕްރައިވެޓް ރަޔަން" އަށެވެ. އެ ފިލްމަށް މުޅި ދުނިޔެއިން ވެސް ލިބިފައިވަނީ 481 މިލިއަން ޑޮލަރުގެ ފައިދާ އެކެވެ.

މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު މުޅި ދުނިޔެއަށް ރިލީޒް ކުރި، "އެމެރިކަން ސްނައިޕާ" އަކީ މިފަހަރުގެ އޮސްކާއަށް ހަ ދާއިރާއަކުން ނޮމިނޭޓްވެ ނަމަވެސް އެންމެ ނާކާމިޔާބު ފިލްމުތަކުގެ ލިސްޓުގައި ހިމެނުނު އެއް ފިލްމެވެ. އެގޮތުން ނޮމިނޭޓްވި ހަ ދާއިރާގެ ތެރެއިން އެ ފިލްމަށް ހަމައެކަނި ލިބިފައިވަނީ އެންމެ މޮޅު ސައުންޑްސް އެޑިޓިންގެ އެވޯޑެވެ.

މިދިޔަ އަހަރު އެމެރިކާގެ އެންމެ ކާމިޔާބު ފިލްމުގެ އެވޯޑް "އެމެރިކަން ސްނައިޕާ" އަށް ލިބުނު ނަމަވެސް، މިދިޔަ އަހަރު މުޅި ދުނިޔޭން އެއްވަނަ މަގާމު ލިބިފައިވަނީ "ޓްރާސްފޯމާސް: އޭޖް އޮފް އެކްސްޓިންޝަން" އަށެވެ. މިދިޔަ އަހަރު ޖޫން މަހުގެ ރިލީޒް ކުރި އެ ފިލްމަށް މިހާތަނަށް 1.1 ބިލިއަން ޑޮލަރުގެ ފައިދާ އެއް ލިބިފައިވެ އެވެ.