11 Mar 2015, 09:18
ރައްޔިތުންގެ ފައިސާ އެތަނަކަށް އެންމެ ގިނައިން ހަރަދު ކުރާ ރައްޔިތުންގެ މަޖިލީހުގެ "އިއްޒަތްތެރި މެމްބަރުން" ރައްޔިތުން ހޮވާފައި ތިބީ ފޮނި އުއްމީދުތަކާ އެކު އެވެ. ރައްޔިތުންނަށް ފައިދާ ހުރި ބިލުތަކާއި ގާނޫނުތައް އެތަނުން ފާސްކޮށް އެކަންކަން ތަންފީޒު ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ބާރު އަޅާނެ ކަމުގެ އުއްމީދުތަކު އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ނިމި ދެވަނަ ޖަލްސާ ފެށުނު ދުވަހު ވެސް ކަންތައް ވެގެން ދިޔައީ ހުދު އެއްވެސް ރައްޔިތަކު އެކަން އެގޮތަށް ވުން އެދޭނެ ގޮތަކަށް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިދިކޮޅު އެމްޑީޕީން ހުރަސް އެޅުމުގެ ސަބަބުން މަޖިލިސް ކުރިއަށް ގެންދަން މަޖިލީހުގެ ރިއާސަތަށް އުނދަގުވާ ހިސާބަށް ކަންތައް މިހާރު ވަނީ ގޮސްފަ އެވެ. އިދިކޮޅު ފަރާތްތަކުން ކޮންމެ ދުވަހަކުމެ ގޮވަމުން ދަނީ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) ވިދާޅުވީ އެމްޑީޕީ އިން މަޖިލިސް ތެރޭގައި އިހުތިޖާޖު ކުރަމުން ދަނީ ރައީސް ނަޝީދު ހައްޔަރުގައި ހުރުމުން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އާންމުކޮށް އޮންނަ އުސޫލުތަކާ ހިލާފަށް "ކޮންމެ މީހަކާ" މެދު ވެސް އަމަލު ކުރަމުންދާ ނަމަ އެމްޑީޕީ ތެދުވާނެ ކަމަށެވެ.
"މިހާރު ތިޔަކަމުގައި އަޅުގަނޑު ދަންނަވަންތޯ ވާހަކައެއް. އަޅުގަނޑުމެން މި އުޅެނީ ހަމައެކަނި ރައީސް ނަޝީދު ހައްރުކޮށްގެނެއް ނޫން އިނގޭތޯ. ރައީސް ނަޝީދު ހައްޔަރު ކުރުމެއް ނޫން އަސްލު މައްސަލައަކީ. މީގެ މައްސަލަ އަކީ އާންމު އުސޫލާ ހިލާފަށް ވަކި މީހަކަށް އަމަލު ކުރެވެމުން ދާތީވެ. އެއީ ރާއްޖޭގެ ކޮންމެ ރައްޔިތެއް ކަމަށްވި ނަމަވެސް އާންމު އުސޫލާ ހިލާފަށް އަމަލު ކުރަމުންދާ ނަމަ އަޅުގަނޑުމެން ތެދުވާނަން،" އިބޫ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ ހުޅުވިގެން ދިޔަ ދުވަހަށް ވުރެ މިހާރު މަޖިލީހުގެ ތަޅުން އަންނަނީ ދުވަހެއް ދުވަހަކަށް އަޑުގަދަ ވަމުންނެވެ. އެއް މެމްބަރަކު އަނެއް މެމްބަރެއްގެ ގަޔަށް އަތްލާ ހިސާބަށް މަޖިލީހުގެ ޖަލްސާތައް އަންނަނީ ބައެއް ދުވަސް ދުވަހު ހޫނުވަމުން ނެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމާ އެކު މެދުކަނޑާލަން ޖެހުމަކީ ރައްޔިތުންނަށް ލިބޭ ނިކަމެތި ކަމެކެވެ. ވަކި ބައެއްގެ ހައްގުތައް ހިމާޔަތް ކުރުމަށް ޓަކައި އެތައް ދިވެހިންގެ ހައްގުތަކެއް ނުގުޅައިގަނެވިގެން ދަނީ އެވެ.
ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ ކަންކަމަކީ ޕީޕީއެމްގެ މެޖޯރިޓީ އޮވެމެ އަބަދު ބަލަން ތިބެވޭނެ މަންޒަރުތަކެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ ވަރަށް ބައި ގިނަ. އިދިކޮޅު ފަރާތްތަކަށް ވުރެ އަޅުގަނޑުމެންގެ ބައި ގިނަ. ނަމަވެސް ބައި ގިނަ ބަޔަކު ބައި މަދު ބަޔެއްގެ މައްޗަށް އަރައިގަތުން އެއިކީ ލިބޭނެ މޮޅެއް ނޫން. އެއްގޮތަކަށް ވެސް މޮޅެއް ނޫން. އަދި އަމުދުން އަޅުގަނޑުމެންގެ އަތުގައި މެޖޯރިޓީ އޮވެފައި އެއީކީއެއް އަޅުގަނޑުމެން ކަންތައް ކުރަންވީ ވެސް ގޮތެއް ނޫން. ނަމެވެސް ޕީޕީއެމްގެ އަތުގައި މަޖިލީހުގެ މެޖޯރިޓީ އޮވެމެ އަބަދު މިގޮތަށް ކަންތައް ވެގެންދާތަން ބަލާކަން ނުވަތަ މި މަންޒަރު ބަލާކަށް ނުތިބެވޭނެ،" ނިހާން ވިދާޅުވި އެވެ.
އެމްޑީޕީ އިން ބުނަމުންދަނީ ކޮންމެ ކަމެއްގައި ވެސް އިންސާފާއި ހަމައިން ކަންތައް ކުރަންވާނެ ކަމަށެވެ. ނަމަވެސް އިންސާފާއި ހަމައަށް ކަންތައް ކުރެވިގެން ދާނީ ރައްޔިތުންގެ މަޖިލީހުގައި އިހުތިޖާޖު ކޮންގެންތޯ މިއީ މިއަދު ރައްޔިތުން ސުވާލު އުފައްދާނެ ކަމެކެވެ. ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއެއް މަޖިލީހުގައި އޮވެ އެވެ. މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީ އެއް މަޖިލީހުގައި އޮވެމެ އެ އޮންނަ އުސޫލުން ބޭރުން އެކަން ކުރުން އެއީ އެންމެ ރަނގަޅު ގޮތްބާއެވެ؟
އިބޫ ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުން އަމަލުކުރަމުން ދަނީ ގާނޫނު އަސާސީއާ ގާނޫނުތަކާ މުޅިން ހިލާފަށް ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ކިތަންމެހާ ވެސް ބޭނުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަމަވެސް ދައުލަތުގެ މުއައްސަސާތަކުން އެގޮތަށް ކަން ކުރަންޏާ އަޅުގަނޑުމެން ދައްކުވާދެން ޖެހޭ. އަޅުގަނޑުމެން މި ދަންނަވާ އެއްޗަކީ ކޮންމެ ކަމެއް ވެސް ހަމައާއި އިންސާފުން ކުރިއަށް ގެންދާށޭ. އެމްޑީޕީއަކުން ނުތެދުވާނެ އޭރަކުން. އެއްވެސް ހާލެއްގައި މަޖިލިސް ކުރިއަށް ނުގެންދާކަން ބޭނުމެއް ނޫން. އެއްވެސް ހާލެއްގައި،" އިބޫ ވިދާޅުވި އެވެ.
މިދިޔަ ހަފްތާގެ ހޯމަ ދުވަހު މަޖިލިސް ފެށިގެން ދިޔައިރު މިއަދާ ހަމައަށް ރައްޔިތުން ބަލައިގަންނަ މަޖިލީހެއް އެތަނުގައި ކުރިއަކަށް ނުދެ އެވެ. ނަމަވެސް އެބޭފުޅުންނަކީ "އިއްޒަތްތެރި މެމްބަރުން"ނަށް ވުމުން އެކަމާ އެއްޗެކޭ ބުނާނެ ނުވަތަ ފިޔަވަޅެއް އަޅާނެ މުއައްސަސާއެއް ނެތެވެ. ރައްޔިތުންގެ އެތައް ފައިސާއެއް ކޮންމެ ދުވަހަކު ހަރަދު ކުރެވޭ މަޖިލީހުގައި މެމްބަރުން ކުޅެމުން ދަނީ "ނާޗަރިންގީ" އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަމަލުތައް ހުރި ގޮތުން އެތަނުގައި މިވަގުތު ތަޅު އެޅުވިއަސް މާ ރަނގަޅުވާނެ އެވެ. ދެބަސްވުންތަކާއި އަރާރުވުންތަކާ އެކު މީގެކުރިން ވެސް މަޖިލީހުގައި ވަނީ "އުފެއްދުންތެރި" އެތައް މަސައްކަތްތަކެއް ކޮށްފައި އެވެ. ނަމަވެސް މިއަދު އެ އުފެއްދުންތެރިކަން ވަނީ މަރުވެފަ އެވެ. ހަޅޭއްލެވުމާ އެކަކު އަނެކަކު ގަޔަށް އަތްލުން ފިޔަވާ އިތުރު އެއްވެސް ކަމެއް އެތަނުގައި މިއަދު ނުހިނގަ އެވެ. އެ މަޖިލީހުގެ މެމްބަރުންގެ އަމަލުތައް މިއަދު ހުރި ގޮތުން ހުރިހާ ދެރައަކާއި ހިތާމައެއް އަދި ލަދެއް ބޮލުގައި އަޅަން ޖެހެެނީ "ނިކަމެތި" ރައްޔިތު މީހާއެވެ.