މެލޭޝިޔާގެ ނެކްސްޒިބްޒް ކުންފުންޏާ ގުޅިގެން އިމިގްރޭޝަނުން ގާއިމްކުރުމަށް މަސައްކަތްކުރަމުންދިޔަ 501 މިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ތަންފީޒުވިޔަ ނުދިނުމަށް ތެދުވެވަޑައިގެންނެވީ އެމްޑީޕީގެ އިސް ބޭފުޅުންކޮޅެއް ކަމަށް ވިދާޅުވެ، އެ މައްސަލަ ބައްލައިވައިދެއްވުމަށް ކޮންޓްރޯލާ އޮފް އެމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސެއިން އިބްރާހިމް އެދިވަޑައިގެންފައިވާ ރިޕޯޓެއް ލީކުވެއްޖެ އެވެ.

ސަން އަށް ކޮޕީ ލިބިފައިވާ އެ ރިޕޯޓަކީ، ކޮރަޕްޝަނުގެ ތުހުމަތުތަކުގައި ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ޕްރޮޖެކްޓް އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން ހުއްޓުވުމާ ގުޅިގެން، އެ ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައިވާ ގޮތް ބަޔާންކޮށް ކޮންޓްރޯލާ އިލްޔާސް ސޮއިކުރައްވައި، ރައީސް އޮފީހަށާއި ފިނޭންސް މިނިސްޓްރީއަށާއި ހޯމް މިނިސްޓްރީ އަދި އޭސީސީގެ އިތުރުން ކަމާ ބެހޭ ހުރިހާ މުއައްސަސާއަކަށް ޖެނުއަރީ 30، 2011 ގައި ފޮނުވި ރިޕޯޓެކެވެ. ނަމަވެސް، ހުރިހާ މީޑިއާތަކަށް އިމިގްރޭޝަނުން ފޮނުވި ހަމަ އެ ރިޕޯޓުގެ ކޮޕީއަށް ބަލާއިރު، އެކަން ހުއްޓުވުމަށް މަސައްކަތްކުރެއްވި ކަމަށް ބުނާ އެމްޑީޕީގެ ތިން އިސް ބޭފުޅެއްގެ ނަން ހިމަނާފައިވާ ބައި ވަނީ އެ ރިޕޯޓުން އުނިކޮށް، ބަދަލު ގެނެސްފަ އެވެ.

ސަން އަށް ކޮޕީ ލިބިފައިވާ ރިޕޯޓަކީ "އަސްލު ރިޕޯޓެއް" ކަމަށާއި އޭގައި ވަނީ ސައްހަ ވާހަކަތެއް ކަމަށް ސްޓޭޓް މިނިސްޓާ އިލްޔާސް ވަނީ އިއްޔެ ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. އަދި އެގޮތަށް ނިންމެވީ އޭނާއަށް ވުރެ އިސްކޮށް ތިއްބަވާ އެހެން ފަރާތްތަކުން ރިޕޯޓުން އެބައިތައް އުނިކުރެއްވުމަށް ލަފާއެރުވުމުން ކަމަށް ވެސް ވިދާޅުވި އެވެ.

"އެއީ ހަމަ އަޅުގަނޑާ ގުޅޭ އިސް އެހެން ފަރާތަކުން ކަމަށް ވެދާނެ ނުންތޯ. މިހާރު މިސާލަކަށް ހޯމް މިނިސްޓްރީން ކަމަށް ވެސް ވެދާނެ ނުންތޯ. އަދި އެއަށްވުރެ މަތިން ކަމަށް ވެސް ވެދާނެ. އެ ރިޕޯޓު އަޅުގަނޑު ފޮނުވިން ތިން ހަތަރު ރަސްމީ ފަރާތަކަށް. ދެން އެބޭފުޅުންގެ ލަފާގެ މަތިން އަޅުގަނޑު ތީގެ ހަގީގަތް ބަޔާންކޮށްފައި ހުއްޓަސް، އެ ވަގުތު އަދި މީޑިއާއަށް ނެރެން ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ލަފާއެއް ލިބިގެން އެ ވާހަކަ އުނިކޮށްލައިފައި އަޅުގަނޑު ތިޔަ ރިޕޯޓު މީޑިއާ އަށް ނެރުނީ،" އިލްޔާސް ވިދާޅުވި އެވެ.

އެ ރިޕޯޓުގައި އިލްޔާސް ވިދާޅުވެފައި ވަނީ، ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓާ ދެކޮޅަށް ހުށަހެޅި ޝަކުވާތަކުގައި ސިޔާސީ ކުލަޖެހިފަ ހުރި ކަމަށް ފާޅުގައި ވިދާޅުވަމުންގެންދަވަނީ "އެކަމަށް ދަލާލަތުކުރާ ސީދާ ސަބަބުތަކެއް ފެންނަން ހުރެގެން" ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އެކަން ފެށުނީ ޓެންޑާ އިވެލުއޭޝަން ބޯޑުގެ ތެރެއިން ކަމަށާއި އެކަމުގައި އިސްކޮށް ހުންނެވީ އެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ އިސް މެމްބަރު، އަދި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ކަމަށެވެ.

"އިސްމާއިލް އާސިފް ވަރަށް ފާޅުގައި މި ޕްރޮޖެކްޓުގެ ޓެކްނިކަލްބައި އިވެލުއޭޓްކުރެވިފައި އޮތް ގޮތާ މެދު ދެކޮޅު ހައްދަވައި އަޑުއުފުއްލެވުމާ ގުޅިގެން، މުޅިން އަލުން މުސްތަގިއްލު ޓެކްނިކަލް ޓީމެއް ލައްވައި ދެވަނަ ފަހަރަށް އެބައި އިވެލުއޭޓް ކުރައްވަން ޓެންޑާ އިވެލުއޭޝަން ބޯޑަށް ޖެހުނެވެ. ދެވެނަ ފަހަރަށް ބަލައިގެން ވެސް ނަތީޖާއަށް ބަދަލެއް ނައެވެ،" އިލްޔާސް ވިދާޅުވެފައިވެ އެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނަނީ، ދެން ހިނގައިދިޔައީ އިމިގްރޭޝަން ތެރެއިން އެ ޕްރޮޖެކްޓް ހުއްޓުވުމުގެ މަސައްކަތްކަމަށާއި އެކަމުގައި އިސްކޮށް ހުންނެވީ ޑެޕިއުޓީ ސްޓޭޓް މިނިސްޓާ އާދަމް ނަސީރު ކަމަށެވެ. އޭނާ އަކީ ވެސް އެމްޑީޕީގެ އިސް ބޭފުޅެކެވެ.

އާދަމް ނަސީރު އިސްކޮށް ހުންނަވައިގެން "އެންޓި ކޮރަޕްޝަން ކޮމިޝަނަށް ދޮގު މައުލޫމާތު ހިމެނޭ ޝަކުވާތަކެއް ސޮއިކުރަން އޮތް ދުވަހު ހުށަހަޅައިގެން" އެ ޕްރޮޖެކްޓް ހުއްޓުވުމަށް މަސައްކަތްކުރެއްވި ކަމަށާއި ސޮއިކުރުން މަޑުޖައްސާލަން އޭސީސީން އެންގި ސިޓީ "އަތަށް އެރިއިރު މި އެގްރިމެންޓުގެ އަސްލު ހަތަރު ކޮޕީގައި ވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ލަފާގެ މަތިން ސޮއިކޮށް ނިމިފައި" ކަމަށް ވެސް އިލްޔާސް ވިދާޅުވެފައިވެ އެވެ.
އިލްޔާސް އިތުރަށް ވިދާޅުވެފައި ވަނީ، ދެން ވެސް އެ ޕްރޮޖެކްޓުގެ މަސައްކަތް ނުހުއްޓުވުމުން ޕްރޮޖެކްޓާ ދެކޮޅަށް މަސައްކަތް ފެއްޓެވީ ސްޓޭޓް މިނިސްޓަރު އަސްލަމް ޝާކިރު ކަމަށެވެ.

"މާފަހުން )އެތަނާ( ހަވާލުވެލެއްވި އެތާނގެ އިސްވެރިއެއް ކަމުގައިވާ އަސްލަމް ޝާކިރު ސޮއިކުރައްވާ ބައެއް ތަންތަން ހައިލަޓްކުރެއްވުމަށް ފަހު އޭސީސީއަށް ސިޓީއެއް ފޮނުވުނެވެ. މި ސިޓީގެ ސަބަބުން އޭސީސީން ސީދާ ގޮތުން ކޮރަޕްޝަނާ ގުޅުން ނެތް އިދާރީ އިތުރުބައިތަކެއް ބެއްލެވުމަށް ފަހު، ޕްރޮޖެކްޓުގެ އާރްއެފްޕީގައި ބައެއް މޮޑިއުލްތައް ނެތް ކަމަށް ވިދާޅުވެފައި ވަނީ އެވެ،"

ނަމަވެސް، ޕްލޭނިން ކައުންސިލާ ހަވާލާދީ އޭސީސީން ދައްކާ ވާހަކައަކީ އެގްރިމެންޓް ބާތިލުކުރަން ޖެހޭ ވަރުގެ ބުރަދަނެއް ހުރި ސަބަބުތަކެއް ނޫން ކަމަށާއި ނެތް ކަމަށް ބުނާ މޮޑިއުލްތައް އެހެން ނަންނަމުގައި ހިމެނިފައިވާނެ ކަމަށް ވެސް އިލްޔާސް ވިދާޅުވެފައިވެ އެވެ.

އާސިފާއި އަސްލަމް އަދި އާދަމް ނަސީރުގެ ތެރެއިން އާދަމް ނަސީރު ވަނީ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓާ ދެކޮޅަށް ފާޅުގައި މީޑިއާގައި ވާހަކަދައްކައިވައިފަ އެވެ.

އެ ރިޕޯޓާ ގުޅޭ ގޮތުން އާސިފާއި އަސްލަމްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.