ހޮލީވުޑްގެ ފިލްމެއް ކުޅުމުގެ ޝައުގުވެރިކަން ނެތް ކަމަށާއި ހިންދީ ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރުމަކީ އުފަލެއް ކަމަށް ބޮލީވުޑްގެ ރަސްގެފާނު އަމީތާބް ބައްޗަން އާއި އެކްޓަރު އާމިރު ހާން ބުނެފި އެވެ.

"ޕީކޭ" އަދި "ތްރީ އީޑިއަޓްސް" ފަދަ ބޮލީވުޑްގެ މަޝްހޫރު ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު ވިދޫ ވިނޯޑް ޗޮޕްރާ ޑައިރެކްޓްކުރާ ފުރަތަމަ އިނގިރޭސި ފިލްމް "ބްރޯކަން ހޯސަސް" ގެ ޓްރައިލާ ލޯންޗު ކުރުމަށް އިއްޔެ ބޭއްވި ހަފްލާއެއް ގައި، ހޮލީވުޑްގެ ފިލްމެއް ކުޅެފައިވާ އަމީތާބް ބުނީ، ބޮލީވުޑްގެ ފިލްމަކާއި ހޮލީވުޑްގެ ފިލްމެއް އިހްތިޔާރު ކުރަން ލިބިއްޖެނަމަ އެންމެ ފުރަތަމަ ވެސް ހިޔާރު ކުރާނީ ބޮލީވުޑްގެ ފިލްމެއް ކަމަށެވެ.

ލިއަނާޑޯ ޑިކެޕްރިއޯ ފެނިގެންދާ އަދި ބަޒް ލުހާމަންސް ޑައިރެކްޓްކޮށް 2013 ވަނަ އަހަރު ނެރުނު އޮސްޓްރޭލިއަން އެމެރިކަން ތްރީޑީ ޑްރާމާ ފިލްމް، "ގެޓްސްބައި" އަކީ އުމުރުން 72 އަހަރުގެ އަމީތާބް ފެނިގެން ގޮސްފައިވާ ފުރަތަމަ އަދި ހަމައެކަނި ހޮލީވުޑް ފިލްމެވެ.

އާމިރު ބުނެފައިވަނީ، ހޮލީވުޑްގެ ފިލްމުތަކަކުން ހުށަހެޅުންތަކެއް ލިބުނު ކަމަށާއި ނަމަވެސް ޝައުގުވެރިވާ ހުށަހެޅުމެއް އަދި ނުލިބޭ ކަމަށެވެ.

"އަހަރެންގެ ގައުމާ، ރައްޔިތުންނާ، އޮންނަނީ ވަރަށް ގާތްގުޅުމެއް. އަދި އެ ގުޅުމެއް ނުކެނޑޭނެ. އަހަރެން އަބަދުވެސް މަސައްކަތްކުރާނީ މިތާނގަ. އެކަމަކު ޗައިނާ، އެމެރިކާ، ޖަޕާނުން ރަނގަޅު އެއްޗެއް ލިބިއްޖެނަމަ އަހަރެން މަސައްކަތް ކޮށްފާނަން. އެކަމަކު އަަހަރެންގެ ޖަޒުބާތުތައް އަބަދުވެސް އޮންނާނީ މިތާނގަ،" އުމުރުން 49 އަހަރުގެ އާމިރް ބުންޏެވެ.

"ބްރޯކަން ހޯސަސް" އަކީ އިންޑިއާގެ ރައްޔިތަކު ލިޔެ، ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސް ކުރާ ފުރަތަމަ ހޮލީވުޑް ފިލްމެވެ. އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު އެވެ.